އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަކީލު, ރޫޑޮލްފް ޖޫލިޔާނީ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަކީލު, ރޫޑޮލްފް ޖޫލިޔާނީ.
އެމެރިކާގެ ރިޔާސީ އިންތިހާބަށް ވޯޓު މެޝިންތައް އުފެއްދި ކުންފުނި ކަމަށްވާ ޑޮމީނިއަން ވޯޓިންގ ސިސްޓަމްސް އިން އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ވަކީލާ ދެކޮޅަށް ދައުވާކޮށްފިއެވެ.

ވޯޓު މެޝިންތައް އުފެއްދި ކުންފުނިން އެމެރިކާގެ ކުރީގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ ވަކީލާ، ރޫޑޮލްފް ޖޫލިޔާނީ އާއި ދެކޮޅަށް ދައުވާކޮށްފައިވަނީ އެމެރިކާގެ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓު މެޝިންތަކާއި ބެހޭގޮތުންނާއި، އެ މެޝިނުތައް މެދުވެރިކޮށް ކުރިއަށް ގެންދިޔަ އިންތިހާބާއި ބެހޭގޮތުން ދައްކާފައިވާ ދޮގު ވާހަކަތަކާއި ގުޅިގެންނެވެ. މިގޮތުން ޖޫލިޔާނީ ވަނީ އެމެރިކާގެ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ބޭނުން ކުރެވުނު މެޝިނުތަކުން ޓްރަމްޕަށް ލިބުނު ވޯޓު، އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންގެ ނަންމައްޗަށް ބަދަލު ކޮށްފައިވާކަމަށް ބުނެ ވޯޓު މެޝިނު އުފެއްދި ކުންފުންޏަށް އެތަކެއް ތުހުމަތުތަކެއް ކޮށްފައެވެ.

މީގެ އިތުރުން ވޯޓުން ޓްރަމްޕަށް ލިބުނު ނާކާމިޔާބީ ގަބޫލުނުކުރައްވާ އެމެރިކާގެ އެންމެ ފަހުގެ ރިޔާސީ އިންތިހާބަކީ ގަނެފައިވާ އިންތިހާބެއް ކަމަށްވެސް ޖޫލިޔާނީ ވަނީ ތުހުމަތުކޮށްފައެވެ.

އިންތިހާބުގެ އެކި ކަންކަމާއި ބެހޭގޮތުން ޖޫލިޔާނީ ވަނީ އެމެރިކާގެ އެކި ސްޓޭޓްތަކުގެ ކޯޓުތަކަށް މައްސަލަ ހުށައަޅާފައެވެ. ނަމަވެސް މި މަައްސަލަތައް ވަނީ ބަލައި ނުގަނެ ކޯޓުތަކުން ބޭރުކޮށްފައެވެ.

މިއާއެކު 2020 ވަނަ އަހަރު އެމެރިކާގައި ކުރިއަށް ދިޔަ ރިޔާސީ އިންތިހާބާއި، ރިޔާސީ އިންތިހާބުގައި ބޭނުން ކުރެވުނު ވޯޓު މެޝިނުތަކާއި ބެހޭގޮތުން ޖޫލިޔާނީ ދައްކަވާފައިވާ ވާހަކަތައް ދޮގުކޮށް ޖޫލިޔާނީ އާއި ދެކޮޅަށް ޑޮމީނިއަން ވޯޓިންގ ސިސްޓަމްސް އިން ވަނީ ދައުވާ އުފުލާފައެވެ. މީގެ އިތުރުން، ޖޫލިޔާނީ ދައްކަވާފައިވާ ވާހަކަ ތަކުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.3 ބިލިއަން އެމެރިކާ ޑޮލަރު ހޯދުމަށްވެސް ޑޮމީނިއަން ވޯޓިންގ ސިސްޓަމްސް އިން ވަނީ އެދިފައެވެ.

ޑޮމީނިއަން ވޯޓިންގ ސިސްޓަމްސް އިން ހާމަކޮށްފައިވާ ގޮތުގައި ޖޫލިޔާނީ ދައްކާފައިވާ ދޮގު ވާހަކަ ތަކާއެކު، އެކުންފުނީގެ ގިނަ ކަސްޓަމަރުން ވަނީ އެކުންފުނީގެ ގާބިލް ކަމާއި، ވަފާތެރި ކަމާމެދު ސުވާލުއުފައްދާފައެވެ. މިއާއެކު، ކުންފުނީގެ މުވައްޒަފުންނަށް އާންމުންގެ ފަރާތުން ލިބެމުންދިޔަ ފުރައްސާރައިން ސަލާމަތް ކުރުމަށް އެތަކެއް ހޭދައެއް ކުރަން ޖެހުނު ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން