މިހާރު އޮޓޮޕްސީ ހަދަނީ ވަރޗުއަލްކޮށް ކަމަށާއި، މިހާރު މީހަކު ފަޅާނީ އެނޫން ގޮތަކަށް އެކަން ދެނެގަނެވެން ނެތް ހާލަތުގައި އެކަނި ކަމަށް ޕެތޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ފުލުހުންގެ ހިދުމަތުގައި ދެމިހުންނެވި އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ހަސަން އުމަރު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޙަސަން ވިދާޅުވީ، ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ދެނެގަތުމަށް އޮޓޮޕްސީ ހެދުން ކޮންމެހެން މުހިންމު ކަމަށެވެ. އަދި ޒަމާނީ ކުރިއެރުންތަކާއެކު އޮޓޮޕްސީ ހެދުމުގެ ވައްޓަފާޅިއަށްވެސް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ޑރ. ޙަސަން ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި އޮޓޮޕްސީ ހެދުމުގައި ބޮޑަށް ބަރޯސާވަނީ ޓެކްނޮލޮޖީގެ އެހީގައި ވަރޗުއަލްކޮށް އެކަން ކުރުމަށްކަންވެސް ޑރ. އުމަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިހިރަ ޓެކްނޮލޮޖީ، ސީޓީ ސްކޭން ފަދަ އެއްޗެހި ބޭނުންކޮށްގެން ވަރޗުއަލް އޮޓޮޕްސީއެއް ހަދައިގެން އެއިން ރިޒަލްޓް ދެނެގަނެވޭތޯ ބަލާނެ. އެހެންވީމަ އަސްލުގަ މިހާރު މީހަކު ފަޅާނީ އެނޫން ގޮތަކަށް އެކަން ދެނެގަނެވެން ނެތް ހާލަތުގައި އެކަނި. އެއީ އަޅުގަނޑުމެންގެވެސް ތަސައްވުރަކީ. އެގޮތަކަށް މަސައްކަތް ބައްޓަންކުރެވޭތޯ މަސައްކަތްކުރަމުން މިދަނީ" ޑރ. ވިދާޅުވިއެވެ.

ޑރ ޙަސަން ވިދާޅުވީ ގިނަ މަރުތަކުގައި މަރުވާ އަސްލު ސަބަބު ބުނެނުދެވެނީ އޮޓޮޕްސީ ނުހެދޭތީ ކަމަށެވެ. އެގޮތުން މަރުވިކަން ބުނެދެވުނު ނަމަވެސް މީހަކު މަރުވުމަށް އިނިޝިއަލީ ދިމާވި ސަބަބާއި، އެ ސަބާބާއި ގުޅިގެން އަންނަ ޗެއިން އޮފް ރިއެކްޝަންތައް އޮޓޮޕްސީގެ ސަބަބުން އެނގިގެންދާނެ ކަމަށް ޑރ. ޙަސަން ވިދާޅުވިއެވެ. އަދި ޖިނާއީ މައްސަލަތަކުގައި ކޯޓުގައި ސާބިތުކޮށްދޭންޖެހޭ އެއްކަމަކީ އެއީ ކަމަށްވެސް ޑރ. ވިދާޅުވިއެވެ.

ރާއްޖޭގައި އޮޓޮޕްސީ ހެދޭނެ އިންތިޒާމް މިވަގުތު ހަމަޖެހިފައި ނެތުމަކީ ތަހުގީގުކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަމެކެވެ. މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު ތަހުގީގީ ބޭނުންތަކަށް އޮޓޮޕްސީ ހަދަން ކޮންމެހެން މުހިންމު ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން އެކަން ހަމަޖައްސައިދެވޭ ނަމަވެސް އެކަމުގައި އުފުލަންޖެހޭ ތަކުލީފުތައް އިންތިހާއަށް ބޮޑުކަންވެސް ފާހަގަކުރެވެއެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ފުލުހުންނަށް އޮޓޮޕްސީ ހެދުމުގެ އިހުތިޔާރު މުތުލަގު ގޮތަކަށް ލިބިގެން ދިއުމުން މިކަމާ ގުޅުންހުރި މަސައްކަތްތައް މިވަނީ ފަށާފައެވެ. އެގޮތުން މި ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ފުލުހުންގެ ފޮރެންސިކްސްގެ ތެރެއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން