ތާޖް ކޮރަލް ރީފް ރިސޯޓު
ތާޖް ކޮރަލް ރީފް ރިސޯޓު
ތާޖް ކޮރަލް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ތާޖް ކޮރަލް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިރޭ 22:45 ހާއިރުކަމަށާއި މިހާރު އެމްއެންޑީއެފް ގެ ފަޔަރ ޓީމުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.



އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ތާޖް ކޮރަލް ރިސޯޓްގެ ވޯޓަރ ވިލާއެއްގައި ކަމަށެވެ. އެ ރިސޯޓުގައި ރޯވި އަލިފާން 11:58 ހާއިރު ވަނީ ނިއްވާލާފައެވެ. މި ޙާދިސާގައި މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. އަދި ރިސޯޓުގެ ތަކެއްޗާއި މުދަލަށް ލިބުނު ގެއްލުމުގެ ތަފްސީލްވެސް ލިބިފައެއްނުވެއެވެ. އެމްއެންޑީއެފުން ބުނީ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން ގެންދާ ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ ރިސޯޓުތަކާއި ފަތުރުވެރިކަމަށް ބޭނުންކުރާ ފެސިލިޓީ ތަކުގައި އަލިފާނުގެ ޙާދިސާތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ހުޅުމާލޭން ހދ. ހަނިމާދޫއަށް ދަތުރުކުރަމުން ދިޔަ "ނޯޓިލަސް ވަން" ނަމަކަށް ކިޔާ ސަފާރީގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާ ސަފާރީ ވަނީ އަޑިއަށް ގޮސްފައެވެ. ހަމައެއާއެކު، މިއަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު އއ. ވެލިގަނޑު ރިސޯޓްގެ ގެސްޓްރޫމެއްގައި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގައިފައެވެ.

އަދި ޖަނަވަރީ 12 ވަނަ ދުވަހުގެރޭ ވަރު އައިލެންޑް ރިސޯޓުގެ ވަޑާންގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނާ ޖެހިގެން ހުރި ސްޓާފް ކުއަރޓާސްގައި ވެސް ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި މި ޖަނަވަރީ މަހުގެ 5 ވަނަދުވަހު އޮޅުވެލި ރިސޯޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެރަށުގެ ދެ ކޮޓަރިއެއްގައި ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދާފައިވެއެވެ.

މީގެ އިތުރުން މިދިޔަ ޑިސެމްބަރުމަހުގެ 13 ވަނަ ދުވަހު މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވެ ވަނީ އަނދާފައެވެ. އަދި މިދިޔަ އަހަރު ނިމެންމުން ދަނިކޮށް ޑިސެމްބަރުމަހުގެ 29 ވަނަދުވަހު ތާޖް އެގްޒޯޓިކާ ރިސޯޓުގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާ އެތަނުގެ އިންޖީނުގެ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން