ކޮވިޑުން ރައްކާތެރިވުމަށް ހިންގޭ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ތަކާއެކު ސިރިންޖު އުފައްދާ ޗައިނާގެ ކުންފުނިތަކަށް ބާރުބޮޑުވެއްޖެކަމަށް އެކުންފުނި ތަކުން ހާމަކޮށްފިއެވެ.

ސިރިންޖު އުފައްދާ ޗައިނާގެ ކުންފުނިތަކުން ހާމަކޮށްފައިވާގޮތުން ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖު އުފެއްދުމަށް ލިބިފައިވާ އޯޑަރުތައް ގިނަވުމާއެކު ސިރިންޖު އުފެއްދުމަށް ވަނީ ޕްރެޝަރ ބޮޑުވެފައެވެ. މިއާއެކު ސިރިންޖު ހޯދުމަށް ކޮށްފައިވާ އޯޑަރުތަކަށް ސިރިންޖު ފޯރުކޮށްދިނުމުގައި ލަސްވުމެއް އުޅެދާނެކަމަށްވެސް އެކުންފުނި ތަކުން ލަފާކޮށްފައިވެއެވެ.

ޗައިނާގެ ސިރިންޖު އުފައްދާ ކުންފުނިތަކުން ބުނެފައިވާގޮތުން މިދިޔަ ޑިސެމްބަރުމަހު އެކަނިވެސް 10 މިލިއަނާއި 20 މިލިއަނާއި ދެމެދުގެ އަދަދަކަށް ސިރިންޖު އުފެއްދުމުގެ އޯޑަރު ލިބިފައިވެއެވެ. އަދި ކޮވިޑުގެ ބަލިމަޑުކަން ފެތުރުމުގެ ކުރިން ލިބެނީ 5 މިލިއަނެއްހާ ސިރިންޖު އުފެއްދުމުގެ އޯޑަރު ކަމަށްވެސް މިކުންފުނިތަކުން ބުނެފައިވެއެވެ.

ޗައިނާގެ ސިރިންޖު އުފައްދާ ކުންފުނިތަކަށް ބާރުބޮޑުވުމާއެކު އެކުންފުނިތަކުން ސިރިންޖު އުފެއްދުމުގައި މަސައްކަތް ކުރާވަގުތު އިތުރުކޮށް، މިމަސައްކަތް އިތުރަށް ފުޅާ ކުރަމުން ދާކަަމަށްވެސް އެކުންފުނިތަކުން ހާމަކޮށްފައިވެއެވެ.

ސިރިންޖު އުފައްދާ އެންމެ ބޮޑެތި ކުންފުނިތައް ނިސްބަތް ވަނީ ޗައިނާ އަދި އިންޑިޔާއަށް ކަމަށް މިއިންޑަސްޓްރީގެ މާހިރުން ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ކޮވިޑާ ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ރައްކާތެރިކަމުގެ ވެކްސިން ޖަހަން ފަށާފައިވާއިރު، ވެކްސިން ޖެހުމަށް ބޭނުންވާނޭ ސިރިންޖު ފޯރުކޮށްދިނުމުގެ މަސައްކަތް ދެގައުމުގެ ކުންފުނިތަކުންވެސް ދަނީ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން