ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން
ފުލުހުންގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އާންމު ދެ މެމްބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައިވަނީ، ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެކުލަވާލާ ޕޮލިސްބޯޑަށް އާއްމުންގެ ތެރެއިން އައްޔަނުކުރާ ދެ މަގާމަށް ކުރިމަތިލާން އެދޭ މީހުން ލިޔެކިޔުންތައް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށައެޅުމަށެވެ.

ފުލުހުންގެ ގާނޫނުގައި ބަޔާން ކޮށްފައިވަނީ ފުލުހުންގެ ބޯޑުގައި ތިބޭނީ މަޖިލީހުން ކަނޑައަޅާ އާންމުންގެ ދެ މީހުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ދެ މެންބަރަކާއި ފަންނީ ދާއިރާތަކުން ތިން މީހެއް ކަމަށެވެ. މި ބޯޑުގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.

ފުލުހުންގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ފުލުހުންގެ ޚިދުމަތުގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބޯޑަށް މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހުން ކަނޑައެޅުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަން އިއުލާން ކުރެއްވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ، މިއަދަކީ ދިވެހި ފުލުހުން ޖަޒުބާތުގައި ޖެހިގެން ކަމަށް ބުނެ ނުކުމެ ރައްޔިތުންނަށް އަނިޔާ ކުރިތާ ނުވަ އަހަރު ވެގެން ދިޔަ ދުވަސް ކަމަށެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ އާ ގާނޫނެއް މަޖިލީހުން ފާސްކުރީ ވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ކަމަށާއި އެމްޑީޕީއަށް މަޖިލީހުގެ ފުރިހަމަ ބޮޑު އަޣުލަބިއްޔަތެއް ރައްޔިތުން ދިނީ އެ ބަދަލު ރާއްޖެއަށް ގެނައުމަށް ރައްޔިތުން ބޭނުންވާތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން