ނޭޝަނަލް ކައުންޓަރ ޓެރަރިޜަމް ސެންޓަރުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ނޭޝަނަލް ކައުންޓަރ ޓެރަރިޜަމް ސެންޓަރުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ރާއްޖޭގައި ވަކި ޖަމާޢަތްތަކެއް އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެކަމަށް ރައްޔިތުން ސަމާލުވުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޜަމް ސެންޓަރުން އިލްތިމާސް ކޮށްފިއެވެ.

އެ ސެންޓަރުން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމް ދީނުގެ މަތިވެރި އަޤީދާގައި ސާބިތުވެތިބެ، ޤައުމީ ރޫޙާއި ޖޯޝުގައި އެކުވެރިކަމާއެކު އުޅެމުންއަންނަ ޞުލްޙަޔަށް ލޯބިކުރާ، އެއްބައިވަންތަ އޯގާތެރި އަދި ޒަމާންވީ ޡަޤާފަތެއް ދަމަހައްޓަމުން އަންނަ ބައެއް ކަމަށެވެ.

އަދި ދިވެހިރާއްޖެ މިފަދަ ސުލްޙަވެރި އަމާން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީ މުޖުތަމަޢުގެ ޒަމާންވީ އެއްބައިވަންތަކަމާއި، އިސްލާމީ ރިވެތި އަޚްލާޤާއި، ޤައުމީ ލޯތްބާއި ޤައުމީ ރޫޙާއި، އޯގާތެރިކަމާއެކު، އެކަކު އަނެކަކަށް އަޅާލުމުގެ މަތިވެރި ޖޯޝްކަމަށް އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

"ނަމަވެސް ދީން ސިޔާސީ ހަތިޔާރެއްގެގޮތުގައި ބޭނުންކޮށްގެން، ދިވެހީންގެ ތެރޭގައި އޮތް ޒަމާންވީ ރިވެތި އުސޫލުތަކާއި، ޘަޤާފީ ސިފަތައް ނައްތާލައި، ހެދިފައިވާ ޤާނޫނުތަކާ ޚިލާފު ޢަމަލުތައް ހިންގާ، ދިވެހި މުޖުތަމަޢު ބައިބައިކޮށް، ފަރުދުންގެ މެދުގައި ޙަސަދަޔާއި ނަފްރަތާއި ރުޅިވެރިކަން އުފައްދާ، ހަރުކަށި ފިކުރުތަކުގެ ވިހަ އަސަރު މުޖުތަމަޢުގައި ފަތުރައި، ހަރުކަށި އަމަލުތަކުގެ ތެރެއަށް ދިވެހި ކުޑަކުދިންނާއި ޒުވާނުން ވައްދައި، ދިވެހި މުޖުތަމަޢުން އެކަހެރިކޮށް، ވަކި ޖަމާޢަތްތަކެއް އުފެއްދުމަށްޓަކައި މަދު ބަޔަކު އަޑީގައި ތިބެގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހީލަތްތެރި މަސައްކަތްތަކާމެދު އެންމެހާ ފަރުދުން ހޭލުންތެރިވެ ސަމާލުވުމަށް އިލްތިމާސްކުރަމެވެ." އެންސީޓީސީ ގެ ބަޔާނުގައިވެއެވެ.

އެންސީޓީސީން ބުނީ ނިރުބަވެރިކަމާއި، އެނޫނަސް ހަރުކަށި ފިކުރާއިގުޅޭ އެންމެހާ ނުރައްކާތައް ހުއްޓުވުމަށްޓަކައި ސަލާމަތީ ޚިދުމަތްތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް ކުޑަކުދިންނާއި ޒުވާނުންގެ ފިކުރު ބަދަލުކުރުމަށްޓަކައި ހިންގަމުންދާ ނުރައްކާތެރި ހަރަކާތްތަކުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކޮށް، ރައްޔިތުންގެ އެއްބައިވަންތަކަން އާލާކޮށް ދެމެހެއްޓުމަށާއި، މިފަދަ ޢަމަލުތަކަށް މަގުފަހިވާފަދަ ކަންތައްތައް މަދުކުރުމުގައި މުޖުތަމަޢުގެ އެއްބާރުލުމާއި ބައިވެރިވުން ނުހަނު މުހިއްމުކަން އެ ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ތިމާއާއި މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހަރުކަށިފިކުރުގެ އެއްވެސް ޢަމަލެއް ނުވަތަ އެފަދަ އަމަލުތަކަށް މަގުފަހިކުރުމުގެ ހަރަކާތްތައް ފާހަގަކުރެވޭނަމަ، ލަސްނުކުރައްވާ އެކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ކަމާގުޅޭ ފަރާތްތަކާ ހިއްސާކޮށްދެއްވުމަށް އެ ސެންޓަރުން އިލްތިމާސްކޮށްފައިވެއެވެ. އަދި ހަރުކަށިފިކުރުގެ ނުރައްކާތެރި ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ އެހީތެރިކަން ބޭނުންވާ އެންމެހާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

އޮރެންޖްބެރީ

26-Feb-2021

ދިވެހިން ބައިބައިކުރީ ޑިމޮކްރަސީގެ ނަމުގައި އުޅޭ ބައިގަނޑެއް ނޫންތޯ


3

ކަލޯ

26-Feb-2021

މިއޮތީ ފަޅާއަރާފައި. މިކަން މިކުރަނީ އެލެކްސް ކިޔާމީހެއް. ކެރެންޏާ އޭނާހިފާ ނިކަން ހައްޔަރުކޮށްބަލަ. މިގައުމުގައި އިސްލާމްދީނާ ހިލާފައް އެކިއެކި ވާހަކަ ފައުޅުގައި ކަންކަން ކުރަމުން އަންނަނީ. މީނާ މިގެންގުޅެނީ ވަރަށް ހަރުކަށި ފިކުރެއް. ޒުވާނުން މީނާގެ އަވާގައި މިތިބީ މަސްތުވެފަ. ވާނުވާ ނޭނގޭވަރުވެފަ. އަވަސްކުރޭ ދަރީންގެ ދަރީންނަށްޓަކައި މީނާގެ ކަބައިން ސަލާމަތްކުރޭ



ޓްރެންޑިން