އިނގިރޭސިވިލާތުން ޔޫރަޕިއަން ޔޫނިއަންއަށް އެކްސްޕޯޓް އަދި އިމްޕޯޓްކުރި މުދަލުގެ މިންވަރު ދަށަށް ހިނގައްޖެއެވެ.

އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިނގިރޭސިވިލާތުން އީޔޫއަށް އެކްސްޕޯޓްކުރި މުދަލުގެ މިންވަރު މިދިޔަމަހު ވަނީ 40.7 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި އިނގިރޭސިވިލާތުން އީޔޫއަށް އިމްޕޯޓްކުރި މުދަލުގެ މިންވަރުވެސް ވަނީ 28.8 އިންސައްތަ ދަށަށް ގޮސްފައެވެ.

ޔޫކޭއިން އީޔޫއަށް އެކްސްޕޯޓް އަދި އިމްޕޯޓްކުރި މުދަލުގެ ނިސްބަތް ދަށްވެފައިވާއިރު، މިއީ 1997 ވަނަ އަހަރަށްފަހު އެގައުމުގެ އިމްޕޯޓް އަދި އެކްސްޕޯޓް މިހާ ބޮޑަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ޔޫކޭގެ އޮފީސް އޮފް ނެޝަނަލް ސްޓެޓިސްޓިކްސްއިން ބުނާ ގޮތުގައި ޔޫކޭގެ އިމްޕޯޓް އަދި އެކްސްޕޯޓް ދަށްވީ ވަގުތީ ސަބަބުތަކަކާހުރެކަމަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީމަހު ޔޫކޭއިން އީޔޫއަށް އެކްސްޕޯޓްކޮށްފައިވަނީ 5.6 ބިލިއަން ޕައުންޑްގެ މުދަލެވެ. އަދި އިމްޕޯޓްކޮށްފައިވަނީ 6.6 ބިލިއަން ޕައުންޑުގެ މުދަލެވެ.

އިމްޕޯޓްކުރި މުދަލުގެ ނިސްބަތް ދަށަށް ދިޔައީ މެޝިނަރީއާއި ޓްރާންސްޕޯޓް އިކުއިޕްމަންޓްސް އަދި ކެމިކަލްގެ ބަވާތްތަކުންނެވެ.

ޔޫކޭގެ އިމްޕޯޓް އަދި އެކްސްޕޯޓް ދަށްވެފައިވާއިރު، އެޤައުމުގެ އިޤްތިޞާދީ ދުވެލިވެސް ވަނީ މިދިޔަމަހު 2.9 އިންސައްތަ މަޑުޖެހިފައެވެ. ތަޖުރިބާކާރުން ބުނާގޮތުން ޔޫކޭއާއި އީޔޫގެ ވިޔަފާރި މިހާބޮޑަށް ދަށަށް ދިޔަ އެއް ސަބަބަކީ އީޔޫއިން ޔޫކޭ ވަކިވުމުން ކުރިމަތިވި މައްސަލަތަކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން