ބޯރިސް ޖޯންސަން
ބޯރިސް ޖޯންސަން
ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އަށް ޕޮޒިޓިވްވެ ފަރުފާއަށްފަހު ބަލި ރަނގަޅުވެގެން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން މަސައްކަތަށް ނުކުމެވަޑައިގެން ވައިރަހާ ދެކޮޅަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

މާރޗް 27 ވަނަ ދުވަހު ޖޯންސަން ކޯވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގިވަޑައިގެންނެވި ފަހުން އޭނާ ހުންނެވީ އަމިއްލައަށް އެކަހެރި ވެގެންނެވެ. އަދި ހާލުކޮޅު ގޯސްވެގެން އޭޕްރިލް 5 ވަނަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށް 3 ދުވަސް ވަންދެން އައިސީޔޫގައިވެސް ފަރުވާ ދީފައިވެއެވެ. ޖޯންސަން ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މި މަހުގެ 12 ވަަނަ ދުވަހުއެވެ.

މިއަދު ހެނދުނު، 10 ޑައުނިންގް ސްޓްރީޓްގައި ރައްޔިތުންނާއި މުޙާތަބުކުރައްވާ ޖޯންސަން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޯވިޑް-19 އަކީ ވަރަށް ވަގު، ލޮލަށް ނުފެންނަ ފޭރޭ އެއްޗެއްކަމަށާއި، މިއީ އޭތި ބަލިކޮށްލާ ބިމަށް ތިރިކުރަންވީ ވަގުތުކަމަށެވެ. ޖޯންސަން ވިދާޅުވީ މިއީ ވަރަށް ނުރައްކާތެރި ވަގުތެއްކަމަށާއި، ފުރަބަންދުގައި 6 ހަފްތާ ފާއިތުވެ ދިޔަ ނަމަވެސް ކެތްތެރިކަން އިސްކުރަން ޖެހޭކަމަށެވެ. އަދި މިއީ ދަތި ވަގުތެއްކަމަށް ގަބޫލުކުރައްވާކަން ފާހަގަކުރައްވާ ޖޯންސަން ވިދާޅުވީ އިޤްތިޞާދު ހުޅުވާލަން ބޭނުންވި ނަމަވެސް، މި ފާއިތުވެ ދިޔަ ދުވަސްތަކުގައި ރައްޔިތުން ކޮށްފައިވާ ހުރިހާ މަސައްކަތެއްގައި ކޮޅުފައިން ޖައްސަވަން ގަސްދުނުކުރައްވާކަމަށާއި، އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށް އަދި ތައްޔާރު ނޫންކަމަށެވެ.

ބޯރިސް ޖޯންސަން ބަލިވެ އޮންނެވިއިރު އޭނާގެ ބަދަލުގައި ފާއިތުވެ ދިޔަ 3 ހަފްތާގައި ގައުމު ހިންގެވުމާއި ހަވާލުވެ ހުންނެވި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވީ ޖޯންސަން އެނބުރި ވަޑައިގަތުމަކީ ސަރުކާރަށާއި މުޅި އިނގިރޭސި ވިލާތަށް ވެސް ލިބިގެންދިޔަ ހިތްވަރެއްކަމަށެވެ.

އިނގިރޭސި ވިލާތުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 152،840 އަށް އަރާފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 20،732 އަށް އަރާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން