ދިވެހި ޢުމަރާވެރިންް ސަޢުދީގައި
ދިވެހި ޢުމަރާވެރިންް ސަޢުދީގައި
ރާއްޖެއިން އުމްރާގެ އަޅުކަމަށް ގޮސް މިވަގުތު މައްކާގައި ތިބި އެންމެހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި، އެ ފަރާތްތަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ގިނަ އަދަދެއްގެ މީހުން އުމްރާގެ އަޅުކަމަށް ދަތުރުކުރާ ޖިއްދާ، މައްކާ އަދި ތާއިފް ފަދަ ސިޓީތަކަށް "ނުރައްކަލެއް ކުރިމަތިވެދާނެ" ކަމަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސައުދީ އަރަބިއްޔާގެ ސިވިލް ޑިފެންސުން ކުއްލި އިންޒާރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ. ނޭޝަނަލް އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށް މިއަދު ނެރުނު މި އިންޒާރުގައި ޖިއްދާ، މައްކާ އަދި ތާއިފްގެ އިތުރުން ޔަންބޫއާއި އަލްއުލާ ވެސް ހިމަނާފައިވެއެވެ.

ސްކޫލު ބަންދު ދުވަސްވަރާ ދިމާކޮށް ގިނަ އަދަދެއްގެ ދިވެހިން މި ދުވަސްވަރު މައްކާގައި އުމްރާގެ އަޅުކަން އަދާކުރަމުންދާއިރު، ސައުދީ ސިވިލް ޑިފެންސުން ވަނީ އާންމުން ހާސްނުވެ ރައްކާތެރި އިމާރާތްތަކަށް ވަނުމަށް އިރުޝާދު ދީފައެވެ. އަދި ހުޅުވިފައިވާ ސަރަހައްދުތަކާއި، ކުޑަދޮރުތަކާއި، ބެލްކަނީތަކުގެ އިތުރުން ފުރާޅުމައްޗަށް ނޭރުމަށާއި، ދުއްވާ އުޅަނދުތައް ބްރިޖުތަކާއި އުސް އިމާރާތްތަކާ ދުރުގައި މަޑުކުރުމަށް ވަނީ އަންގާފައެވެ.

ސައުދީގެ ހުޅަނގުގެ ސިޓީތަކަށް މި އިންޒާރު ނެރެފައިވަނީ، ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ހޫތީ ޖަމާއަތާ ދެމެދު ހަމަލާ ބަދަލުކުރުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދުވަސްތަކުގައި ހޫތީން ވަނީ ސައުދީގެ ޚަމީސް މުޝައިތުގައި ހުންނަ ކިންގް ޚާލިދު ވައިގެ މަރުކަޒަށާއި، އަބްހާ އަދި ތާއިފަށް އަމާޒުކޮށް ޑްރޯން އަދި ބެލިސްޓިކް މިސައިލްގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި 13 މީހަކަށް އަނިޔާވެފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފައިވެއެވެ.

މި ހަމަލާތަކުގެ ރައްދުގައި ސައުދީ ސިފައިން ވަނީ ޔަމަނުގައިވާ ހޫތީންގެ މަރުކަޒުތަކަށް 24 ގަޑިއިރުގެ ތެރޭގައި 54 ވައިގެ ހަމަލާ ދީފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ޔަމަނުގެ 93،000 އަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް އދ.ގެ މައިގްރޭޝަން އެޖެންސީން ހާމަކުރެއެވެ.

ނަމަވެސް، ފަހުން ސައުދީގެ ސިވިލް ޑިފެންސުން ވަނީ މި ސަރަހައްދުތަކަށް އޮތް ނުރައްކާ ފިލައިގޮސްފައިވާ ކަމަށް ބުނެ، ނެރުނު އިންޒާރުގެ ހާލަތު އުވާލާފައެވެ. އަދި ދިވެހި އުމްރާވެރިންގެ ހާލަތު ސަރުކާރުން ވަރަށް ގާތުން ބަލަމުން އަންނަކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް