14 ވަނަ އެޕިސޯޑް

==========

[އާނ، އެއްވެސްވަރަކަށް މަންމަމެނަކަށް ނޭނގޭނެ. ތުއްތުމަނިކު....އެކަމަކު އަހަރެން ބޭނުންވަނީ، މަންމަމެނަށް ނާންގާ މިކަމުން މިންޖުވާން.] ރިޝްފާން އިސްއޮބާލިއެވެ.

[ވަރަށްބޮޑު މަސައްކަތެއް މިއީ. ރިޝްފާންގެ އުނަގަނޑުގައި ތަވީދެއް ފުރަތަމަ އަޅުވާނީ. އެއަށްފަހު އޭއްޗަށް ތިގެޔަށް އެއްވެސް ގޮތަކަށް ނުވަދެވޭގޮތް ހަދާނީ....މިދެކަންތައް ނިންމުމަށްފަހު، އެއަށްވުރެން ބޮޑު ކަމެއް ކުރެވޭނީ. އޭތި ނައްތާލައިގެން ނޫނީ، މުޅިން އޭތީގެ ކިބައިން ސަލާމަތްވާން ފަސޭހައެއް ނުވާނެ.] ތުއްތުމަނިކު އޭނާގެ މަސައްކަތް ކުރިޔަށް ގެންދާނޭ ގޮތުގެ ތާވަލު ރާވާލިއެވެ. ރިޝްފާން ހިތްހަމަޖެހުނެވެ. އެހެން ނަމަވެސް، ބިރެއްނުފިލައެވެ. މިހާރު ޝަބްނަމް އޭނަޔަށް ހާނިއްކައެއްކޮށްފާނޭ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

ޙަޤީޤަތުގައި ޝަބްނަމަށް ބޭވަފާތެރިވީ ރިޝްފާނެވެ. އިންސާނަކު ހަންޑިޔަކަށް ދެރަދިނުމަކީ ނުރައްކަލެކެވެ.

އެދުވަހު ތުއްތުމަނިކު ވަގުތުން ތަވީދެއް ތައްޔާރު ކުރިއެވެ. އެ ތަވީދު އެޅުވީ ރިޝްފާންގެ ކަރުގައެވެ. ލޮއިން ހަދާފައިވާ ބަޑިޔަކަށްލާފައެވެ.

[ރިޝްފާނަކަށް މިހާރު ދެން އޭތީގެ އުނދަގުލެއް ނުފޯރާނެ. މިބުނީ އޭއްޗަށް ރިޝްފާނާ ގާތްނުވެވޭނެ ވާހަކަ. އެކަމަކު އަދި އޭތި މިގޭތެރެއިން ފައްސައެއްނުލެވޭ. މާދަމާ މާޔާގެ އުނަގަނޑުގައިވެސް ތަވީދެއް އަޅުވަންވާނެ. އެހެން ނޫނީ، އޭތި މާޔާއަށް ހާނިއްކައެއްވެސް ކޮށްފާނެ.] ތުއްތުމަނިކު ބުންޏެވެ.

އެއީ ރިޝްފާން ވަރަށް ކަންބޮޑުވާ މައްސަލައެކެވެ. އެފަދަ ކަމެއް ޝަބްނަމް ކޮށްފާނެއެވެ. ލޯތްބެއް ނާކާމިޔާބުވާހިނދު ނުވަތަ އެނޫން ކަމަކުންވެސް ގެއްލުމެއް ލިބޭހިނދު އެފަދަ އެއްޗިއްސަކީ ނިކަން ރަޙުމްކުޑަ މަޚްލޫޤެކެވެ.

އިންސާނުންނަށް ކޮންމެފަދަ އަނިޔާއެއްވެސް ކޮށްފާނެއެވެ. ވުމާއެކު، ރިޝްފާންގެ ހުރިހާވެސް ވިސްނުމަކީ މާޔާއަށް ޝަބްނަމް ކޮށްފާނޭ ގޯނާއަކާ ދޭތެރޭގައެވެ.

އެވަގުތެވެ. ތުއްތުމަނިކު ގާތުގައި ރިޝްފާނާއި ޒައިދު ދެއްކި ހުރިހާ ވާހަކައެއްވެސް ކަނުލާ އަޑުއަހަން މާޔާ ހުއްޓެވެ. އެވެރިންނާ ދާދި ކައިރީގައެވެ. ވުމާއެކު، އޭނާގަތީކީ އަމަށަކު ބިރެއް ނޫނެވެ. ރިޝްފާންދެކެ އޭނާ އެވަރަށް ރުޅިވެސްއައެވެ.

އެފަދަ ބޮޑު ކަންތައްގަނޑެއް ހިނގަމުންދިޔައިރު، އެކަން މާޔާއަށް ސިއްރު ކުރީތީއެވެ. އެކަން އޭނާއަށް ސިއްރު ކުރުމަކީ އެއީ ރިޝްފާން ކުރި ބޮޑު ކުށެއް ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

[ފަހަރެއްގައި އޭތީގެ ނުރައްކާ، މާޔާއަށްވެސް ކުރިމަތިވެދާނެ. މާޔާވެސް ތަވީދެއް އަޅުވަންޖެހޭނެ.] މާޔާއަށް އަޑުއަހަން ކެތްކުރެވުނީ، ތުއްތުމަނިކުގެ އެ ޖުމްލައިގެ އަޑު އިވެންދެނެވެ. އޭނާ ރޮމުން، ރިޝްފާން އޮޅުވާލީއޭ ކިޔަމުން ރިޝްފާންމެންގެ ކުރިމައްޗަށް ޖެހިގަތެވެ.

[ކީއްވެތަ...ރިޝްފާން އަހަންނަށް އޮޅުވާލީ...ރިޝްފާން ތީ ޖިންނި އަވަލާފައިވާ މީހެއްކަން ކުރިން އެނގުނުނަމަ....] މާޔާ ރޮމުން އެގެއިން ނިކުމެގެން ދުއްވައިގެންފިއެވެ. ޙަޤީޤަތުގައި އޭނާ ބިރުވެސްގަތީއެވެ. ފަހަރެއްގައިވެސް ޖިންނީގެ ޙަމަލައެއް އޭނާޔަށް އަމާޒުވުމަކީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.

[މާޔާ....މަޑުކުރޭ...ދަރިފުޅު އެއްލާލާފައި ނުގޮސްބަލަ...މާޔާ....] ރިޝްފާން މާޔާ ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް، މާޔާ އެ އަޑެއް ނޭހިއެވެ. ތިކަހަލަ ކިތަންމެ ކަންތައްތަކެއްވެސް ފޮރުވާފައިވާނެޔޭ ބުނެ، އޭނާ ރޮމުން ދުއްވައިގަތީއެވެ.

[ތުއްތުމަނިކުބޭ މާޔާއަށް ވިސްނައިދީ، އޭނާ ހުއްޓުވަބަލަ...] ރިޝްފާން މާޔޫސްވިއެވެ.

[އަހަރެން ބުންޏަސް، މިވަގުތު އޭނަ މަޑެއް ނުކުރާނެ. އޭނަ އެނބުރި އަންނާނެ. ދަރިފުޅު އެއްލާލާފައި ގޮސް މަޔަކަށް ކެތެއް ނުކުރެވޭނެ.] ތުއްތުމަނިކުބޭ ރިޝްފާނަށް ހިތްވަރު ދިނެވެ. ރިޝްފާން މުޅިން މާޔޫސް ވެއްޖެއެވެ.

މާޔާއަށް ޝަބްނަމްގެ ކަންތައްގަނޑު އެނގުން އެއީ ދުވަހަކުވެސް ރިޝްފާން އެދޭ ކަމެއް ނޫނެވެ. ނަމަވެސް، އޭނާ ބޭނުންނުވި ކަމުގައިވިޔަސް، ތަޤްދީރުގައި އެވަނީ އެގޮތް މެދުވެރިވެފައެވެ. ދެން އެކަން ނުވާކަމަކަށްވެސް ނެހެދޭނެއެވެ.

މާޔާ އެދިޔަގޮތަށް ދިޔައީ އޭނާގެ ގެޔަށެވެ. ކުއްލިއަކަށް މާ ނުވަގުތެއްގައި ރޮމުން މާޔާ ގެޔަށް އައިސް ވަނީމާ، އޭނާގެ މަންމަ ޒަޙީރާ ހުރީ ފިސާރި ޙައިރާންވެފައެވެ.

[ދަރިފުޅާ ކިހިނެއްވީ؟ ކޮބައިތަ ކުޑަ ދަރިފުޅު....] ޒަޙީރާ ކަންބޮޑުވެފައިވާފަދަ ގޮތަކަށް އެއްސެވެ. ޖަވާބު ދިނުމުގެ ބަދަލުގައި މަންމަގެ ކޮނޑުގައި ބޯއަޅާލަމުން މާޔާ ރޮއިގަތީއެވެ.

[ދަރިފުޅާ! ނުރޮއި....ވެގެން އުޅޭގޮތެއް ބުނެބަލަ. ރިޝްފާނާ މައްސަލައެއް ޖެހުނީތަ؟] ޒަޙީރާ އެއްސެވެ.

[މަންމާ...އަހަރެން ދެން އެގެޔަކަށް ނުދާނަން....އަހަރެން ބިރުގަނޭ....ބިރުގަނޭ...އެއީ ޖިންނި އަވަލާފައިވާ މީހެއް...އޭނަޔަށް ބައްޕަކިޔާ ޖިންނި ދަރިޔަކުވެސް ހުރޭ. އެ ކުޑަ ރިޝްފާއަކީ އިންސާނެއް ނޫން....] މާޔާ ރޮއި ރޮއިފައި ކިޔާދިނެވެ. ޙަޤީޤަތުގައި އޭނާޔަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

[ދަރިފުޅާ! ކޮންކަހަލަ ވާހަކަތަކެއް ތިދައްކަނީ؟ ތިކިޔާ އެއްޗެއް ރަނގަޅަށް ކިޔާބަލަ....] މާޔާ ދެއްކި ވާހަކަތައް ޒަޙީރާއަކަށް ޤަބޫލެއް ނުކުރެވުނެވެ.

[ހަމަ ރަނގަޅަށް މިބުނީ މަންމާ....އަހަރެން ދެން އެގެޔަކަށް ނުދާނަން...އެ ހަންޑި އަހަންނަށްވެސް ގެއްލުމެއް ދީފާނެ.....] މާޔާވަނީ ވަރަށް ބޮޑަށް ބިރުގަނެ ހާސްވެފައެވެ. މާޔާވީމައެއް ނޫނެވެ. އެފަދަ ކަމެއް ދިމާވެއްޖެއްޔާ، ކޮންމެ މީހަކުވެސް ބިރުގަންނާނެއެވެ.

[ދަރިފުޅާ....ތިކަހަލަ ހަމަނުޖެހޭ ވާހަކަތައް މިއަދު ތިދައްކަނީ ކީއްވެގެންތަ؟ މަންމަ މިދަނީ އެގެޔަށް ދާން.] ޒަޙީރާ ހިނގައިގެންފިއެވެ. ނަމަވެސް، މާޔާ ރޮއިރޮއި އޮތީއެވެ.

ޒަޙީރާ އެގެޔަށް ދިޔައިރު، އެގޭގައި ތުއްތުމަނިކުބޭވެސް ހުއްޓެވެ. ޒަޙީރާ ވަންގޮތަށް ވަދެ، ވެގެން އުޅޭގޮތް އޮޅުންފިލުވިއެވެ. އަދި މާޔާ އެ ދައްކަނީ ތެދު ވާހަކައެއްހޭވެސް އެއްސެވެ.

[ބިރުނުގަނޭ ޒަޙީރާ....އެއީ ތެދެއް.] ޒަޙީރާއަށް ޖަވާބުދިނީ ސީދާ ތުއްތުމަނިކެވެ. ޒަޙީރާގެ ދެލޯ ބޮޑުވިއެވެ. ޙަޤީޤަތުގައި އޭނާވެސް ބިރުގަތެވެ. ވުމާއެކު، އޭނާ ބޭނުންވީ ދަރިފުޅު ގޮވައިގެންދާށެވެ.

[އަހަރެން ކުޑަ ދަރިފުޅު ގެންދަންތަ؟ އަހަރެން އާދޭސް ކޮށްކޮށްވެސް މާޔާ ނައިވިއްޔަ....] އެނދުގައި ނިދާފައި އޮތް ކުޑަ ދަރިފުޅު ނަގާ ކޮނޑުމަތީގައި ޒަޙީރާ ބާއްވާލިއެވެ. މައިދައިތަގެ އެ އެދުމަކަށް، ރިޝްފާން އިންކާރެއް ނުކުރެއެވެ. އޭނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީއެވެ.

ޒަޙީރާ ދަރިފުޅު ގެންދިޔައެވެ. ރިޝްފާން މާޔޫސްވެފައި ހުއްޓެވެ.

[ރިޝްފާން...މާޔޫސްނުވޭ....އަދި ހުރިހާ ކަމެއް ޙައްލުވާނެ.] ތުއްތުމަނިކު ރިޝްފާނަށް ހިތްވަރުދިނެވެ.

[ހުރިހާ ކަމެއް ޙައްލުވާއިރު، މާޔާއަށް ވިސްނައިދެވޭނެތަ؟ އަޅެ އޭނާ އަލުން އެނބުރި އަންނާނެތަ؟] ރިޝްފާންގެ ސިކުނޑި ސުމަކަށް ދިޔައެވެ.

އެވަގުތު ތެޅިފޮޅެމުން ތުއްތުމަނިކުގެ އަވަށްޓެރިޔަކު އައިސް އެގެޔަށް ވަދެއްޖެއެވެ. އޭނާ ބުނީ ތުއްތުމަނިކުގެ ދަރިޔަކު ވަރަށް ބޮޑަށް ބަލިވެގެން މާލެއިން ގުޅި ވާހަކައާއި، އަވަހަށް ގެޔަށް އައިސްދިނުމަށް، އޭނާގެ އަންހެނުން އެދުނު ކަމަށެވެ. އެ ޚަބަރު ލިބުމާއެކު، ތުއްތުމަނިކު ނިކަން ހާސްވެއްޖެއެވެ. އޭނާ އެންމެ ހިނދުކޮޅަކަށްވެސް މަޑުކޮށްނުލާ ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ.

އެރެއެވެ. މާޔާ އޮތީ ނިދާފައެވެ. އޭނާގެ ގޭގައި އޭނާގެ ކޮޓަރީގައެވެ. އޭނާގެ ބަނޑުދަށުގައިހެން އޭނާގެ ދަރިފުޅުވެސް ނިދާފައި އޮތެވެ. ކުއްލިއަކަށް ކޮޓަރިތެރެޔަށް އެ ފާޅުވީ ކަޅު ހިޔަންޏެކެވެ. އެ ހިޔަނި މަޑުމަޑުން އެދަނީ މާޔާ އޮތް އެނދާ ކައިރިވަމުންނެވެ. އެހިނދު ނިދީގައި އޮވެމެ މާޔާ ފުރޮޅިލިއެވެ. އޭރުވެސް އެހިޔަނި އައީ މާޔާ އޮތް އެނދާ ކައިރިވަމުންނެވެ.

އެ ހިޔަނި ބޮޑަށް ފާޑުވަނީ އަންހެން ހިޔަންޏަކާއެވެ.

މާގިނައިރެއް ނުވެއެވެ. ކުއްލިއަކަށް މާޔާ ފުންމައިގެން ތެދުވެއްޖެއެވެ. ކޮންމެވެސް އުނދަގުލެއް އިޙްސާސްވެގެން ތެދުވާ ފަދައިންނެވެ.

[ކާކު....؟] މާޔާ ވަށައިގެން ހޯދަން ފަށައިފިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ހަމަ އެވަގުތެވެ. މާޔާއާމެދު ވިސްނޭތީ އަދިވެސް ރިޝްފާން އެއޮތީ ލޮލަށް ނިދިނައިސްފައެވެ. ޝަބްނަމްގެ ކިބައިން ސަލާމަތް ވެވުނުއިރު، އޭނާގެ ދިރިއުޅުމަށް ވަނީ ވަރަށްބޮޑު ކިލަނބުކަމެއް އައިސްފައެވެ. ވުމާއެކު، އެ ފިކުރުތަކާހުރެ އޭނާޔަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

[އަހަރެން ކިހިނެއްބާ ހަދާނީ؟ އަހަރެންގެ ދިރިއުޅުން ވިއްސިވިހާލި ވެއްޖެ.] ރިޝްފާންގެ ސިކުނޑި ސުމަކަށްދިޔަ ކަހަލައެވެ. އެރޭގެ ވަގުތު ފާއިތުވެ، ފަތިސްވީއިރުވެސް ރިޝްފާން އޮތީ އެޙާލެއްގައެވެ. އެ ބޮޑު ގޭގައި އެކަނިމާއެކަންޏެވެ. ވީ ދެރައިންނާއި، ކުރި އަސަރުން ތުއްތުމަނިކު އޭނާގެ ކަރުގައި އެޅުވި ތަވީދުވެސް ކަނޑާލުމަށްފަހު، އޭނާ އަތުގައި ހުރި ބާރެއްލާފައި ހޫރާލިއެވެ.

[ދެން އެ ތަވީދުގެ ބޭނުމަކީ ކޮބާ....؟] އެ ތަވީދު ހޫރާލުމަށްފަހު، ރިޝްފާނަށް ހިތާހިތާ ބުނެލެވުނެވެ.

ހެނދުނުވީއިރު މާޔާ އޮތީ ހިސާބަކަށް ހަމަޖެހިފައެވެ. ހެނދުނު ހެނދުނާ ކޮޓަރިޔަށް އައިސް ވަން އޭނާގެ މަންމައަށްވެސް ނިކަން އަވަހަށް އެކަން ފާހަގަކުރެވުނެވެ.

[ދަރިފުޅާ....ތިޔަހެން ހަދާކަށް ނުވާނެ. ރިޝްފާން ވަރަށް އެކަނިވާނެ....އަވަހަށްދޭ....] ޒަޙީރާ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު، އެތެރެއަށް ބޯދިއްކޮށްލަމުން، އަނެއްކާވެސް ދަރިފުޅަށް ނަޞޭޙަތްތެރިވުމުގެ ޤަޞްދުގައި ބުންޏެވެ.

[އަހަރެންވެސް މިހާރު ވިސްނައިފިން ގެޔަށް ދާން. ރިޝްފާން މިކަމާހުރެ ހިތާމަ ކުރާނޭވަރު މިހާރު އަހަންނަށް އިޙްސާސް ކުރެވޭ. ދަރިފުޅު ހޭލިހާ އަވަހަކަށް އަހަރެން ދާނަން.] މަންމަގެ މޫނަށް މާޔާ ބަލައިލިއެވެ.

[ދަރިފުޅަށް ތިވަރު ވިސްނުނީތީ، މަންމަ ވަރަށް އުފާވެއްޖެ.] ދަރިފުޅު ބަދަލުވެފައިވާތަން ފެނުނީމާ، ޒަޙީރާ ނިކަން އުފާވެ ހިތްހަމަޖެހުނެވެ.

[މަންމަޔަށް ޔަޤީން، ރިޝްފާންގެ ލޮލަށް ރޭގައި ނިދި ނާންނާނެކަން. ދަރިފުޅާ...ދެންވެސް ކަމެއް ކުރުމުގެ ކުރިން ދުރާލާ ވިސްނަންވާނެ.] ޒަޙީރާ އިތުރަށް މާޔާއަށް ނަޞޭޙަތްތެރިވިއެވެ.

[ދެން ވިސްނާނަން....އެވަގުތު ވީގޮތަކީ މާބޮޑަށް ބިރުގަތީ....މިހާރު އެކަން މުޅިން ހަމަޔަކަށް އެޅިއްޖެ....] ދަރިފުޅު ހޭލީމާ މާޔާ އެވަގުތު ދަރިފުޅު އުރާލިއެވެ.

އެދުވަހު މާޔާ އެނބުރި ގެޔަށް ދިޔައީ، ހެނދުނު ނާސްތާކޮށް އަވަދިވެ ދަރިފުޅުވެސް ނަލަހައްދާލައިގެނެވެ.

މާޔާ ގެޔަށް އައިއިރު، ރިޝްފާނާއި ޒައިދު ގޭގައި ތިއްބެވެ. ޒައިދު ހުރެގެން ރިޝްފާނަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަނީއެވެ.

[އެއައީނު މާޔާ....] ދޮރުމައްޗަށް އައިސް ހުއްޓުނު މާޔާގެ ދެމައިން ފުރަތަމަ ފެނުނީ ޒައިދަށެވެ. ވަގުތުން ރިޝްފާން އުފަލުން ފުރުނެވެ. ފުރަތަމަވެސް ރިޝްފާން ތެދުވެ ދަރިފުޅު އުރާލާ ލޯބިކޮށްލިއެވެ.

ދަރިފުޅުގެ މަތިން ބައްޕަ ވަރަށް ހަނދާންވެޔޭ ބުނަމުންނެވެ. މާޔާ ހުރީ ހިސާބަކަށް ހިނިއައިސްފައެވެ.

[ރިޝްފާން ސޮރީ އިނގޭ.] މާޔާ ރިޝްފާންގެ ކުރިމައްޗަށް ހުއްޓި މަޢާފަށްވެސް އެދެފިއެވެ. އެކަމުން ރިޝްފާނަށް ލިބުނީ އިންތިހާއީ ހިތްހަމަޖެހުމެކެވެ.

[އެއީ މައްސަލައެއް ނޫން. އަހަރެން ނަމަވެސް ދެރަވެ ރުޅިއަންނާނެ. ދެން އެއީ ނުވާކަމަކަށް ހަދާލާ. ޒައިދު....އަދި ވާނެދޯ މިއަދު ތުއްތުމަނިކުބޭވެސް ގެންނަން....] ރިޝްފާން ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ޒައިދާ ދިމާއަށް އެނބުރިއްޖެއެވެ.

[އާނ، އޭ ކޮބާ ތުއްތުމަނިކުބޭ ރިޝްފާންގެ ކަރުގައި އެޅުވި ތަވީދު؟] ޒައިދުގެ ދެލޯބޮޑުވިއެވެ.

[މާޔާ ރޭގައި ގެޔަށް ނައީމަ، ފިކުރުބޮޑުވިވަރުން އެ ތަވީދުވެސް ހޫރާލެވިއްޖެ...އަލުން ތުއްތުމަނިކުބޭ ލައްވާ ހައްދާނީ....] ރިޝްފާން ބުންޏެވެ.

[އެކަމަކު ރިޝްފާން...އެކަހަލަ ކަންތައް ކިތަންމެ ރުޅިއަޔަސް ކުރާކަށް ނުވާނެއެއްނު.] ޒައިދު ހިތްހަމަނުޖެހިފައި ހުރެމެ ބުންޏެވެ.

[އެއްފަހަރަށް މަޢާފްކޮށްލާ...ދެން އެހެނެއް ނުވާނެ. ޒައިދު ނިކަން ތުއްތުމަނިކުބެޔަށް ގުޅާލަބަލަ....] ރިޝްފާން މޭޒުމަތީގައި ހުރި ފޯނު ޒައިދުގެ އަތަށް ދިނެވެ. ޒައިދު ވަގުތުން ތުއްތުމަނިކުބޭގެ ގެޔަށް ގުޅައިފިއެވެ.

[ތުއްތުމަނިކުބޭ އެބައުޅޭތަ؟ އެކޮޅުން ފޯނު ނެގުމާއެކު ޒައިދު އެއްސެވެ.

[ބައްޕަ ރަށަކު ނޫޅޭ. މިއަދު ހެނދުނު މާލެ ހިނގައްޖެ....] ޖަވާބު ދިނީ ތުއްތުމަނިކުބޭގެ ދަރިފުޅެކެވެ. މިފަހަކަށް އައިސް، ރާއްޖެއަކު ކާފަ، މާފަ، މުންނަ، މާމައެއް ނޫޅެއެވެ. ވުމާއެކު، ތުއްތުމަނިކުގެ ކާފަ ދަރިންވެސް އޭނަޔަށް ކިޔާ އުޅެނީ ބައްޕައެވެ.

އެއީ އެކަމަކު އެކަންވާން ޖެހޭނޭ ގޮތެއް ނޫނެވެ. އަހަރެމެންގެ ކުރީގެ ރީތި އާދަކާދަޔާއި، ރީތި ބަސްތައް، މިފަހަކަށް އައިސް ބަދަލުވަމުންދަނީ، ނުހަނު ހަލުވި ސްޕީޑެއްގައެވެ. މުނިކާފަޔަށްވެސް މިހާރުގެ ކުދިން ކިޔާއުޅެނީ ބައްޕައެވެ. ޙަޤީޤަތުގައި މިކަންތައް މިގޮތަށް ދިގުދެމިގެންދާން ޖެހިއްޖެނަމަ، އަހަރެމެންގެ ބަހުގެ މުއްސަނދިކަން ގެއްލިގެންދާނެއެވެ. ވުމާއެކު، ދިވެހި ޘަޤާފަތާއި ބަސްދެކެ ލޯބިވާ ބަޔަކުނަމަ، ކުރީގެ އާދަކާދަޔަށް އެނބުރިދާން ޖެހެއެވެ.

[ކުޑަ ކުއްޖަކު ނެގީ...ބައްޕަ ނެތޯ....މިއަދުގެ ހެނދުނު މާލެ ހިނގައްޖެޔޯ....] ފޯނު ބޭއްވުމަށްފަހު، ކަރު އެލުވައިގެންހުރެ ޒައިދު ބުންޏެވެ.

[ކުޑަ ކުއްޖެކޭ....ތުއްތުމަނިކުބޭގެ އެހާ ކުޑަ ކުދިންވެސް ތިބޭތަ؟] ރިޝްފާން ކުޑަކޮށް ޙައިރާންވިއެވެ.

[އެއީ އޭނަގެ ކާފަ ދަރިއެއް. މިއީކީ ކާފައެއް، މާމައެއް އުޅޭ ޒަމާނެއް ނޫނެއްނު. ތަރައްޤީއާއެކު ދިވެހިބަހުގެ މުއްސަނދިކަންވެސް ވަޅުޖެހެނީ ތޯއްޗެއް.] ޒައިދު ބުނެލިއެވެ.

[އޭނަ މާލެ ހިނގައްޖެއޭ!؟ ދެން ކިހިނެއް ހަދާނީ؟] ރިޝްފާން ބޯހޫރާލިއެވެ.

[އެކަމާ އެވަރަށް އަޅާނުލާ....އެކަހަލަ ކަންތަކާ މާބޮޑަށް ވިސްނަން ހަދައިފިއްޔާ، ސިކުނޑިއަށް ބާރު ބޮޑުވާނެ.....] މާޔާ، ރިޝްފާން ހަމަޔަކަށް އަޅުވާލިއެވެ.

[ތުއްތުމަނިކުބޭ އައުމުގެ ކުރިން، އެ ޝަބްނަމެއްގެ ތުރާލާ ކުރިމަތިލާން ނުޖެހިއްޖެއްޔާ، ކިތަންމެހާވެސް ރަނގަޅު....] ރިޝްފާން ދަރިފުޅާ ލޯބިކޮށްލިއެވެ. އެހިނދު ޒައިދު، މިހާރު މަލީޙާ ލަސްވެގެން އުޅޭނޭ ބުނެފައި ގެޔަށް ދިޔުމަށްޓަކައި ނިކުތެވެ.

ޒައިދު ގެޔަށް ދިޔުމާއެކު، ރިޝްފާނާއި މާޔާ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. ކޮޓަރިއަށް ވަދެވުމާއެކު، މާޔާ ކޮންމެވެސް ވަރަކަށް ވިސްނާލުމަށްފަހު އެނދުގައި އޮށޯވެލައިފިއެވެ. ހީވާކަހަލައެވެ. އޭނާ އެއުޅެނީ ރިޝްފާން ގާތު ކޮންމެވެސް ވާހަކައެއް ދައްކާށެވެ. ނުވަތަ ސުވާލުތަކެއް ކުރާށެވެ.

[މާޔާ...ކާކުތަ މާޔާއަށް ހެޔޮގޮތް ވިސްނައިދިނީ. އަހަރެން ވަރަށް އުފާވެއްޖެ، މާޔާ ބަދަލުވެ އެނބުރި އަހަރެން ގާތަށް އައީތީ....] ރިޝްފާން، އެނދުމަތީގައި ދަރިފުޅު ބާއްވާލިއެވެ.

[މިގޮތް އިޚްތިޔާރުކުރީ އަހަރެން އަމިއްލައަށް. މާކުރިން ރިޝްފާންގެ ޙަޔާތުގައި ދިމާވެފައިވާ ކަމަކާ ދޭތެރޭ ވިސްނާ، ޙަޔާތް ރޫޅާލުމުން ލިބިދާނޭ ގެއްލުމަކާ ދޭތެރޭ އަހަރެން ވަރަށް ވިސްނައިފިން.] މާޔާ ސިއްރު ސިއްރުން ރިޝްފާންގެ ލޮލަށް ބަލައިލިއެވެ. ރިޝްފާން ހިތްހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު، ހިނިތުންވެލިއެވެ.

[މާޔާ ދެން އަހަރެން ދޫކޮށްފައި ނުދާތި. މާޔާ އަހަރެންގެ ދިރިއުޅުމުން ހިނގައްޖެނަމަ، އަހަރެން ވަރަށް އެކަނިވެރިވާނެ.] ރިޝްފާން ނުހަނު ލޯތްބާއެކު މާޔާގެ އަތުގައި ހިފަހައްޓާލިއެވެ.

[އަހަރެން ނެތިއްޔާ ޝަބްނަމްވެސް ހުންނާނެއެއްނު.] މާޔާ ވައްކަޅިން ރިޝްފާންގެ ލޮލަށް ބަލައިލިއެވެ.

[މާޔާ އަޅެ ޕްލީޒް...ދެ އެ ޝަބްނަމްގެ ވާހަކަ ނުދައްކަބަލަ. އެއީ އެހެން ޒަމާނެއް...މާޒީއެއް...އެދުވަސް ހިނގައްޖެ މިހާރު. މިހާރު އަހަރެންގެ ހުރިހާވެސް އުފަލަކީ ތިޔަ ލޯބިވެތި މާޔާއާއި، އަހަރެމެންގެ ލޯބީގެ ނިޝާން ކަމުގައިވާ އަހަރެމެންގެ ދަރިފުޅު. މިދެމެދަށް އެއްވެސް ފަރާތަކަށް ބާރެއް ނުފޯރުވޭނެ.] މާޔާއާ ކުރިއަށްވުރެން ގާތަށް ރިޝްފާން ޖެހިލިއެވެ.

[ތިބަހުގެ މާނަޔަކީ ޝަބްނަމާއި ރިޝްފާންގެ ދަރިޔަކީވެސް މާޒީއޭތަ؟ އެކަމަކު އެއީ ސީދާ ރިޝްފާންގެ ދަރިފުޅެއް ކަމުގައި ވަނީނަމަ، އަހަންނަށް ފެނޭ، އެ ދަރިފުޅަށް ރިޝްފާންގެ ލޯބިދޭން. އެ މަޢުޞޫމް ކުއްޖާގެ އެއްވެސް ކުށެއް ނުވާނެ ކަމަށް އަހަރެން ދެކެން.] ރިޝްފާންގެ މޭގައި މާޔާ ބޯއަޅާލިއެވެ.

[އަހަރެންގެ ދަރިޔަކު އޭނަގެ ނުހުންނާނެ. އެއީ ހުސް ބުހުތާނު....އޭނަ އުޅުނީ އެމީހުންގެ ނަސްލުން ކުއްޖަކު ގެނެސް، އަހަރެންގެ ބޯކާލަން. އަހަރެން އެއަށްވުރެން މާ ހުޝިޔާރު....އިރެއްގައި ރީތި އިންސިއެއްގެ ސިފައިގައި އައިސް އަހަރެންގެ ސިކުނޑިއާ ކުޅެލެވުނަސް، މިހާރަކު ނުވާނެ. ކުރިންވެސް ބުނިހެން، މިހާރު ޒަމާން ބަދަލުވެއްޖެ.] ރިޝްފާން، މާޔާ ކުރިއަށްވުރެެންވެސް ގާތަށް ލަފާލިއެވެ.

[ތިޔަބުނީ ރަނގަޅަށް....ރިޝްފާން ވަރަށް ހުޝިޔާރު. ދެނެއް އެ ޝަބްނަމަކަށް ރިޝްފާންގެ ޙަޔާތަކަށް ނާދެވޭނެ.] މާޔާ އެއްމިޔަކަނުން ހީލިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން