މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭރުގެ ނޫސްތަކުން އެންމެ ފުރަތަމަ އެހީ ޗައިނާގައި ގޮތް ނޭގޭ ބަލިމަޑުކަމެއް ފެތުރޭ ވާހަކައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ދެން އެހީ އެ ވައިރަހަކީ ކޮރޯނާ އާއިލާގެ ވައިރަހެއް ކަމުގެ ވާހަކައެވެ. ދެން އެހީ ފެތުރޭ ވައިރަހަށް ނަމެއް ކީ ވާހަކައެވެ. އެއީ “ސާސް ކޯ ވިޑް 19' އެވެ. ނުވަތަ 'ކޯވިޑް 19' އެވެ.

މި ވައިރަސް ދުނިޔެއަށް ހަލުވިކަމާއެލު ފެތުރިގަތްލެއް ބާރުކަމުން އަހަރު މެދު ނުޖެހެނީސް ވައިރަސް ރާއްޖެ އަތުވެއްޖެއެވެ.

ބަވަނަވެފައި މިވާ ދުނިޔޭގައި ވައިރަސް ނާންނާނެކަމަށް ދުށުމަކީ ދޯހަޅިކަމެކެވެ. ހަގީގަތަކީ މިއަދު ރާއްޖެ މިވަނީ 'ކޯވިޑް 19' ގެ ޝިކާރައަކަށްވެފައެވެ. ލޮކްޑައުން ވެސް ވެފައެވެ.

ގައުމުގެ ވަލިއްޔުލް އަމުރު، މިކަމުގައި ބަސް ބުނެ ގޮތް ނިންމަން މިވަނީ ޑޮކުޓަރުންގެ އަތްމައްޗަށް ދޫކޮށްލައްވާފައެވެ. ރަނގަޅެވެ. ބަލިން ސަލާމަތްވާން މަސައްކަތް ވެސް ކުރަންވާނެއެވެ. އެހެނެއް ކަމަކު މިގައުމު ހަމައެކަނި ސިއްހީ ގޮތުން ސަލާމަތް ވާއިރު އިގްތިސާދީ ގޮތުން ރައްޔިތުން މިވަނީ މާ ބޮޑު ބަލިމަޑުކަމަކާ ލައިގެންފައެވެ.

މި އިގްތިސާދީ ބަލި މަޑުކަމުގެ ވާހަކަ ދައްކާނެ ދޫތައް މަދެވެ. އެކަމާމެދު ވިސްނާނެ ސިކުނޑިތައް މަދެވެ. ލިޔާނެ ގަލަންތައް މަދެވެ. އެހެނެއްކަމަކު މި އިގްތިސާދީ ބަލިމަޑުކަމުގައި ހުރި ވޭން ވަކި ކުޑައެއް ނޫނެވެ. ރޯ ރުއިންތައް މަދެއް ނޫނެވެ. ހިތް ދަތިވެ ހިތް ފަޅައިގެންދާވަރު ވެއެވެ.

ކޮރޯނާ ނުޖެހޭ ރައްޔިތުންގެ ހާލު މާ ދެރަ

މާތް ރަސްކަލާންގެ ރަހުމަތް ފުޅުން މި ލިޔުން ލިޔާހިނދު އަދި ރާއްޖޭގައި ކޯވިޑް 19 ޖެހިގެން މީހަކު މަރެއް ނުވެއެވެ. ހާލު ސީރިއަސް ވެފައިވާ މީހުންގެ އަދަދު ވެސް އިނގިލިން ގުނާލެވޭހާ މަދެވެ.

ވައިރަސް ޖެހޭ މީހުން ގެންގޮސް އައިސޮލޭޓު ކުރަނީއެވެ. ކޮންޓެކްޓު ޓްރޭސިން ހަދައި އެ މީހުންނާއި ދިމާވި މީހުން ގެންގޮސް ކަރަންޓީނު ކުރަނީ އެވެ. ކެއުން ބުއިމާއި ހުރުން އަދި ބޭސް ފަރުވާ ކޮށްދެނީ ސަރުކާރުންނެވެ.

ނަމަވެސް ސަރުކާރުން ޑަކުޓަރުންގެ ލަފަޔާއެކު މާރިޗު މަހުން ފަށައިގެން ގެންދަނީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ފުރަތަމަ ސުކޫލުތައް ބަންދު ކުރީއެވެ. ދެން ސަރުކާރު އޮފީސްތަކެވެ.

އެހާ ހިސާބުން ރިސޯޓުތަކުން މީހުން ކަނޑަން ފަށައިފިއެވެ. ބައެއް މީހުން ނޯ ޕޭއަށް ފޮނުވީއެވެ. އަމިއްލަ ކުންފުނިތަކުން މީހުން ކަނޑައި މުސާރަ ކުޑަކުރީއެވެ. ކޮންމެ ދުވަހަކު ރާއްޖޭގައި ހިނގާ ހަރަކާތްތަކުން މާލީ ނަފާ ހޯދާ މީހުން ނުވަތަ ޑެއިލީ ވޭޖް އަށް މަސައްކްތްކުރާ މީހުންގެ އަތްމަތިވެސް ދަތިވާން ފެށިއެވެ.

ދުވާލު މުސާރައަށް މަސައްކަތް ކުރާ މީހުންނަށް ވެސް ގޮތް ހުސްވާން ފެށިއެވެ.

މިސާލަކަށް ސުކޫލު ކުދިންނަށް އިންޓަވަލު ތަކެތި ވިއްކާ މީހުންނާއި މުދާ އުފުލުމުގެ މަސައްކަތް ކުރާ މީހުންގެ އިންކަމުގައި ވެސް ފުލުސްޓޮޕު ޖެހުން ފެށުނެވެ. ގުރުއާން ކިޔަވައި ދިނުމާއި ޓިއުޝަން ދީގެން އާއިލާ ބަލަހައްޓާ މީހުންގެ ވެސް ގޮތް ހުސްވިއެވެ.

ކާން ބޯނެ ލާރި ނެތި ކުލި ނުދެއްކި އެތައް ބަޔަކު މަގުމަތި ވީއެވެ. ލިޔެލަން ފަސޭހަ ވިޔަސް ކިޔާލަން ފަސޭހަ ވިޔަސް މިހާލުގައި ޖެހުނު މީހުންގެ އިހުސާސްތައް ލިޔާނަމަ އެތައް ހާސް ސަފުހާއެއް ފުރޭނެއެވެ.

ހައްލަކީ ކޮބާ؟

އިގްތިސާދީ ގޮތުން ދިމާވެފައިވާ ދަތިކަން ފިލާނީ އިގްތިސާދުގައި އެޅުވިފައިވާ ތަޅު ނައްޓާލެވިގެންނެވެ. ލޮކްޑައުން ނިމުމަކަށް ގެނެވިގެންނެވެ. އެހެން ނަމަވެސް ލޮކްޑައުން އެއްކޮށް ނިމުމަކަށް ގެނެވޭނީ ބަލި ފެތުރުން ވެސް ކޮންޓްރޯލް ކުރެވިގެންނެވެ. ނަމަވެސް މި ހާލަތުގައި ވެސް ދައުލަތުން ކުރެވޭނެ ކަންތައްތަކެއް ވެސް އެބަހުއްޓެވެ.

ފުރަތަމަ ކަމަކަށް ހާލުގައި ޖެހުނު މީހުންނަށް ދައުލަތުން ފައިސާގެ އެހީއެއް ދެވިދާނެއެވެ. އެއީ މައުނަވީ އެއްޗަކަށް ވާންޖެހެއެވެ.

ދެވަނަ ކަމަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފެނާއި ކަރަންޓާއި އިންޓަނެޓު އަދި ކާޑުގެ ބާވަތްތައް ހިލޭ ދެވިދާނެއެވެ.

ތިންވަނަ ކަމަކަށް ކުލި ނުދެއްކޭ މީހުން ގެއިން ނެރުން ވަގުތީގޮތުން މަނާކުރެވިދާނެއެވެ. ނުވަތަ ވަގުތީގޮތުން 'ރެންޓް މޮރޮޓޯރިއަމް އެއް' ނުވަތަ ކުލި ދެއްކުން މަނާކުރެވިދާނެއެވެ. މިހާރު ވެސް ބޭންކުތަކުން އޮތީ 6 މަސް ދުވަހަށް ހައުސިން ލޯނުތައް ވެސް ދެއްކުން ވެސް މަޑު ޖައްސާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކުރުން މުހިންމު

އިސްވެ ބުނެވުނު ހައްލުތައް ގެނައުމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ތަންކޮޅެއް ހަރުދަނާ ނިންމުންތަކެއް ނިންމަންޖެހެއެވެ. މިސާލަކަށް ސަން ސެޓު ގާނޫނަކުން ކައުންސިލް އިންތިހާބު ފަސްކޮށް، ސަރުކާރަށް ހަރަދު ކުރަން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ދޫކުރަން ނިންމިގޮތައް ހާލުގައިނޖެހުނު މީހިންނަށް އެހީވާން ވެސް ސަން ސެޓު ގާނޫނުތަކެއް ގެންނަން މަސައްކަތް ކުރަންޖެހެއެވެ.

ހަމަ މިއާއެކު ލޮކްޑައުން ނިމޭއިރު ގެންނަން ބޭނުންވާ 'އާ ނޯމަލް' އަށް ތައްޔާރުވާން ބޭނުންވާ ގާނޫނުތައްވެސް މި ދަނޑިވަޅުގައި ފާސް ކުރުން މުހިންމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން