އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން
އެންޓި ކޮރަޕްޝަން ކޮމިޝަނާ ގުޅޭގޮތުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަތައް އޭސީސީން ދޮގުކޮށްފިއެވެ.

ޑރ. މުއިއްޒު އިއްޔެ އޭސީސީއަށް ޙާޒިރުކޮށްފައިވަނީ ބްރިޖް ކައިރީގައި ޢިމާރާތްކޮށްފައިވާ ނިއުޕޯޓާއި ގުޅުން ހުރި މައްސަލައެއްގައެވެ. އެކަމާގުޅިގެން މުއިއްޒު ވިދާޅުވީ އޭނާ އޭސީސީއަށް ޙާޟިރުކޮށްފައިވަނީ ސަރުކާރުން އަންގައިގެން ބިރުދެއްކުމުގެ ގޮތުން ކަމަށެވެ.

ޑރ. މުޢިއްޒުގެ ވާހަކަތަކަށް ރައްދުދީ އޭސީސީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، އެ ކޮމިޝަނުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރި ކުރުމަކީ ސިޔާސީގޮތުން ކޮމިޝަނުން ކުރިކަމެއްކަމަށް ދޭހަވާގޮތަށް ޑރ. މުޙައްމަދު މުޢިއްޒު މީޑިއާގައި ދެއްކެވި ވާހަކަ ތަކަކީ ޙަޤީޤަތާ ޚިލާފަށް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.

އޭސީސީން ބުނީ އެކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކަކީ، ދުރާލާ ޕްލޭން ކުރެވިގެން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ ތެރެއިން ކުރިއަށްގެންދާ ތަޙުޤީޤުތަކެއް ކަމަށެވެ. އެގޮތުން، މައްސަލަތަކުގެ ތަޙުޤީޤު ފަށާނެ ނުވަތަ ތަޙުޤީޤު ނިންމުމަށް ޓާގެޓް ކަނޑައަޅައި މައްސަލަތައް ތަރުތީބުކުރަނީ، ސިޔާސީ ވިސްނުމަކަށް ނުވަތަ އިންތިޚާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންނަށް އަމާޒުކޮށްގެން ނޫންކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ.

އޭސީސީގެ ބަޔާނުގައި ވަނީ ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންކޮށް ތަޙުޤީޤު ކުރިއަށް ގެންދާނެ ގޮތާއި ތަރުތީބު ކަނޑައަޅާނީ ކޮމިޝަނުން ކަމަށާއި، ކޮމިޝަނުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކާ ގުޅިގެން މީޑިއާތަކަށް މަޢުލޫމާތު ދިނުމުގައި، ތަޙުޤީޤުތަކަށް ހާޒިރުކުރާ ފަރާތްތަކާއި އެފަދަ ފަރާތްތައް ހާޒިރުކުރާ ދުވަސްތަކުގެ މަޢުލޫމާތަކީ، އާންމު އުސޫލުން ކޮމިޝަނުން ދެމުންދާ މަޢުލޫމާތެއް ނޫން ކަމަށެވެ.

އެގޮތުން، ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރާކަން މީޑިއާއަށް ދީފައިވަނީ ކޮމިޝަނުން ނޫންކަމަށްވާއިރު، އެހެން ފަރާތަކުން އެކަން މީޑިއާއަށް ހިއްސާކޮށް، ކޮމިޝަނުގެ ތަޙުޤީޤަށް ހާޒިރުކުރާ ކުރުމަކީ ސިޔާސީ ވަކި ވިސްނުމެއްގައި ކުރާކަމެއްކަން ދޭހަވާގޮތަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އަދި 23 މާރިޗު 2021 ގައި ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ނުފޫޒު ފޯރުވަން ކަމަށް ވާހަކަ ދެކެވޭ އިރު، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބު އިޢުލާނުކުރި ފަހުންވެސް މީގެކުރިން ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކޮށްފައިވާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ. ނަމަވެސް، އޭރުވެސް ކޮމިޝަނުގެ ފަރާތުން އެކަން މީޑިއާއަށް ހިއްސާކޮށްފައެއް ނުވެއެވެ.

އެހެންކަމުން، ޑރ. މުޙައްމަދު މުޢިއްޒު ކޮމިޝަނަށް ހާޒިރުކުރުމަކީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކޮމިޝަނުން ކުރާ ކަމެއް ކަމާއި، އެއީ ވަކި ފަރާތަކުން އަންގައިގެން ކޮމިޝަނުން ކުރާ ކަމެއްކަމަށް ދެކެވޭ ވާހަކަތަކަކީ، ޙަޤީޤަތާ ޚިލާފަށް އަދި ކޮމިޝަނާމެދު އާންމުންގެ މެދުގައި ނުބައި ތަޞައްވުރެއް އުފެއްދުމަށް ދެކެވޭ ވާހަކަތަކެއް ކަމުގައިވާތީ، އެކަމާމެދު ކޮމިޝަނުން ކަންބޮޑުވާކަން އެ ކޮމިޝަނުން ފާހަގަ ކޮށްފައިވެއެވެ.

މީގެއިތުރުން، ކޮމިޝަނުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅުވައި މީސް މީޑިއާގައި ކޮމިޝަނުގެ މެމްބަރުންނަށް ފުރައްސާރަކުރަމުންދާ ކަމަށާއި، ނަމަވެސް، އެފަދަ ފުރައްސާރަތަކަށް ބެލުމެއްނެތި، ކޮމިޝަނުގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހި ދެމިތިބޭނެކަމުގައި އޭސީސީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން