01 ވަނަ އެޕިސޯޑް

=========

ބަދަލުވެފައިވާ މާޙައުލަށް ޒޭނާ ބަލަމުންދަނީ ވަރަށް ފުން ވިސްނުންތަކަކާ އެކުގައެވެ. ގައިމެވެ. އެ މާޙައުލުން ޒޭނާއަށް ފެންނަމުން ދަނީ މުޅިން އާ މަންޒަރުތަކެކެވެ. ގިނަ ބަޔަކަށް އެއީ އުފާވެރި ހިތްހަމަޖެހޭ ކުލަތަކަކަށްވިޔަސް، ޒޭނާއަށް އެއީ ނުހަނު ފޫހި އިޙްސާސްތަކެއް ކުރުވަމުންދާ މަންޒަރުތަކެކެވެ. އާއެކެވެ. ޒޭނާއަކީ ރަށްފުށުގެ ނިކަމެތި ޢާއިލާއަކަށް އުފަން، އެހެނަސް ރަނގަޅު ތަރުބިއްޔަތެއްގެ ހިޔާދަށުން ފުރާވަރުގެ ޢުމުރަށް އެޅިފައިވާ ލަޠީފީ އަންހެން ކުއްޖެކެވެ. ޒޭނާއަކީ ކިތަންމެ ނިކަމެތި ޢާއިލާއަކަށް އުފަން ކުއްޖަކަށްވީނަމަވެސް، އޭނާއަކީ މަތީ ތަޢްލީމަށް ލޯބިކުރާ، ދުރު ވިސްނޭ އަންހެން ކުއްޖެކެވެ.

ރަށުން ލިބެންހުރި މިންވަރަށް ތަޢްލީމް ލިބިގަތުމަށްފަހު، ޒޭނާގެ މަންމަ ފަރާތު ބޮޑުދައިތައެއްގެ ރައްޓެއްސެއްގެ ތިމާގެ މީހެއްގެ އެހީގައި ޒޭނާ މާލެ އައީ މީގެ ދެމަހެއްހާ ދުވަސް ކުރިންނެވެ. އޭނާގެ ޢަޒުމަކީ ކޮންމެފަދަ ހާލެއްގައި އުޅެގެންވެސް މަންޒިލަށް ވާސިލްވުމެވެ.

ނަމަވެސް، ޒޭނާ މާލެ އައިސް ދޮޅުމަހެއްހާ ދުވަސް ފާއިތުވެގެންދާއިރުވެސް، އޭނާ ހުންނަ ގޭގެ އެއްވެސް މީހަކު އޭނާގެ ކިޔެވުމާ ބެހޭގޮތުން ވާހަކައެއްވެސް ނުދައްކައެވެ. ހީވާކަހަލައެވެ. ޒޭނާއަކީ އެގޭގެ ގެންގުޅޭ ކުއްޖަކަށް އެގެއަށް ގެނެސްފައިވާ އަންހެން ކުއްޖެކެވެ. އެގޭގައި ޒޭނާ ނޫނަސް ރާއްޖޭގެ އެކިކަންކޮޅުތަކުގެ ހައެއްކަ ކުދިން އުޅެމުންދެއެވެ. އެއިން އެއްވެސް ކުއްޖަކީ އެއްވެސްތާކަށް ކިޔަވަންދާ ކުއްޖެއް ނޫނެވެ.

އެގެއަކީ މާލޭގެ ވަރަށް މުއްސަނދި ޢާއިލާއެއްގެ މުއްސަނދި ކަމާއި ތަނަވަސްކަމުގެ ހައިބަތު ބޮޑު ގެއެކެވެ.

[ޒޭނާ.......މިހާރު ޒޭނާއަށް މިގޭތެރޭ ކަންތައްތައް ދަސްވެއްޖެތަ. މިއަދުގެ ފަހުން ޒޭނާ އުޅެންވާނީ ހަތަރުވަނަ ބުރީގައި. އެބައިގައި އަދި މާގިނަ މަސައްކަތްތަކެއް ނުހުންނާނެ. އެއީ މިގޭ ނާއިލް ދިރިއުޅެން ހަމަޖެހިފައިވާ އެޕާޓްމަންޓް. ފެށޭ މަސްތެރޭ އޭނާ ޗުއްޓީއަށް އަންނާނެ.]

[މަރީނާ ގޮސް ޒޭނާއަށް ޒޭނާ ބަލަހައްޓަންޖެހޭ ބައި ދައްކާލަބަލަ.] އެގޭގެ ވެރިމީހާ ޝާޢިރާ ބުންޏެވެ.

[ދައްތާ.....އަޅުގަނޑު ކިޔަވަންދާންޖެހެނީ ކޮން ގަޑިއެއްގަތޯ؟] ޒޭނާ އިސްއުފުލައި ޝާޢިރާގެ މޫނަށް ބަލައިލިއެވެ.

[ކިޔަވަންށޭ!؟ ޒޭނާ ހީކުރީ މިއީ ބޯޑިންގއެއް ކަމަށްތަ؟ މަރީނާ ޒޭނާ ގޮވައިގެން މައްޗަށްދޭ....އަދި ތިން ވައްތަރު ތިން ފޮތާއި ފަންސުރުވެސް ދީފައި އަންނާތި....] ޝާޢިރާ މިހެން ބުނީމާ ޒޭނާއަށް ގަބުއަރާފައި ހުރެވުނީއެވެ.

[ޒޭނާ އާދޭ......] މަރީނާ ޒޭނާގެ ކޮނޑުގައި ކޮއްޓާލުމަށްފަހު ލިފްޓާ ދިމާއަށް ހިނގައިގެންފިއެވެ. މަރީނާއަކީ އެގޭގެ ގެންގުޅޭ މީހެއްގެ ގޮތުގައި އުޅޭތާ އެންމެ ގިނަދުވަސްވީ މީހާއެވެ.

ލިފްޓަށް ފުރަތަމަ އަރަން ޖެހުމުން ޒޭނާ ކޮންމެވެސްވަރަކަށް ފަސްޖެހުނުވެސްމެއެވެ. ނަމަވެސް، ޒޭނާއަކީ ރަށު ފެންވަރުން އެންމެމަތީ ދަރަޖައަށް ތަޢްލީމް ޙާޞިލް ކޮށްފައިވާ ކުއްޖަކަށްވުމުން، އޭނާވަނީ ހިސާބަކަށް ހޭލުންތެރިވެފައިކަމުން، އޭނާ މަރީނާގެ ފަހަތުން ލިފްޓަށް އެރިއެވެ.

[ލިފްޓަށް ފުރަތަމަ އަރަންވީމާ އަހަރެން ވަރަށް ބިރުގަތް. ޒޭނާ ބިރެއްނުގަނޭތަ؟] މަރީނާ ޒޭނާ ގޮވައިގެން ގޮސް ހަތަރުވަނަ ބުރިއަށް ވަންނަމުން ވާހަކަ ދެއްކިއެވެ.

[ޒޭނާވާނެ ކޮންމެ ދުވަހަކުވެސް މިތަން ފޮޅާ ސާފުކުރަން. މިގޭ ނާއިލަކީ ވަރަށް ޒާތްކޮޅު ބޮޑު ކުއްޖެއް. ކިރިޔާ ކުނިކޮޅެއް ކޮޓަރިތެރެއިން ފެނުނަސް ވަރަށް ކަންތައް ހުންނާނެ. ކޮންމެފަހަރަކު އޭނާ ޗުއްޓީއަށް އަންނައިރު ކޮންމެވެސް ބޭރުބަޔަކު ގޮވައިގެން އަންނާނީ.....] މަރީނާ ނާއިލާބެހޭ މަޢްލޫމާތު ޒޭނާއަށް ދިނެވެ.

[މަރީނާ ދައްތާ....އަހަރެން މާލެއައީ ހާދަ ފޮނި އުއްމީދުތަކަކާ އެކުގައޭ....އަހަރެންގެ މަންމައާއި ބައްޕަ އަހަރެން އެކަނި މާލެ ނުފޮނުވަން އުޅުނީމާވެސް، ވަރަށް ބުރަ މަސައްކަތަކުން މިރަށަށް އައީ، އަހަރެން ރަނގަޅު ފެންވަރަކަށް ކިޔަވަން ބޭނުންވާތީ. އެކަމަކު އަހަރެން މާލެ އައިތާ ދެމަސްވެގެން ދިޔައިރުވެސް އަހަރެންގެ ކިޔެވުމާ ބެހޭގޮތުން އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކާ.] ޒޭނާ ވަރަށް ބޮޑަށް މާޔޫސްވެފައި ހުރެމެ ވާހަކަ ދެއްކިއެވެ.

[ޒޭނާ....ތިޔަ ވިސްނުން ދޫކޮށްލާ. މިގޭ މީހުންނަކީ އެހެން މީހުންގެ އިޙްސާސްތަކާމެދު އެއްވެސްވަރަކަށް ވިސްނާ ބައެއް ނޫން. އަހަރެންވެސް އެންމެ ފުރަތަމަ މިގެއަށް އައީ ކިޔަވަން ބޭނުންވެގެން. އެކަމަކު މިގޭތެރެއިން އަހަންނަށް އެފުރްޞަތެއް ނުލިބުނު. އަދި އަދަށް ދާންދެންވެސް އަހަރެން މިހުރީ އެގޮތުގައި.] މަރީނާ އޭނާގެ ޅައިރުގެ މާޒީ ހަނދާން ކުރިއެވެ.

[ތިޔަހެންވީއިރު އަހަރެން ބޭނުމެއް ނޫން، މިގޭގައި ހުންނާކަށް. އަހަރެން ބޭނުމީ ރަށަށްދާން. ކިޔެވުމުގެ ފުރްޞަތު ނުލިބޭ ތަނެއްގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫން.] ޒޭނާ މަރީނާގެ މޫނަށް ބަލައިލިއެވެ. މަރީނާއަކީ ޚުލްޤު ހެޔޮ އަންހެނެކެވެ.

[ޒޭނާ އަދި ކެތްތެރިވޭ. އަހަރެން ޝާޢިރާއާ ވާހަކަ ދައްކާނަން. އެކަމަކު ޝާޢިރާއަކީ ވަރަށް ޒީލަގަދަ އަންހެނެއް. އަހަރެން ހަނދާން އެބަހުރި، މިގޭ ނާއިލާ ޖެހުނު އޭނާގެ ކޮއްކޮ ނާއިޝް މިގޭގައި އުޅުނު ރާއްޖެތެރޭ އަންހެން ކުއްޖަކާ އަނގައިން ބުނެލީތީ، އޭނާ އެކުއްޖާއަށް ހެދިގޮތް. އެންމެ ދުވަހެއްވެސް މަޑުނުކޮށް، އޭނާ އެ އަންހެން ކުއްޖާ މިގެއިން ނެރެ ރަށަށް ފުރުވާލި. އެމީހުންގެ ކުރިމަތީގައި އަހަރެމެންނަކީ އެއްވެސް އަގެއްހުރި ބައެއް ނޫން.] މަރީނާ މަޑުމަޑުން އެގެއާބެހޭ މަޢްލޫމާތު، ޒޭނާއަށް ދެމުން ގެންދިޔައެވެ.

މަރީނާގެ ވާހަކަތަކުގެ ސަބަބުން ޒޭނާ ވަރަށް ބޮޑަށް މާޔޫސްވި ކަހަލައެވެ. އޭނާއަށް ދެލޯ މަރާލެވުމަށްފަހު، ދެއަތަކަށް ބޯހޫރާލެވުނެވެ.

[ހިނގާ އިހަށް ބަތްކާން. ކައިގެން އައިސް ޒޭނާ މިބައި ސާފުކުރާތި. މިއޮތީ ތަޅުދަނޑިފަތި.] ޒޭނާގެ އަތަށް ތަޅުދަނޑިފަތި ދިނުމަށްފަހު، މަރީނާ ހިނގައިގެންފިއެވެ. މަރީނާގެ ފަރާތުން ޒޭނާވެސް ނުކުމެއްޖެއެވެ.

ޒޭނާއަކީ ޙަޤީޤީ ބައްޕައެއްގެ ލޯތްބާނުލާ އޭނާގެ މަންމަ ޒާހިދާ ނުހަނު ބުރަ މަސައްކަތުން ބަލައި ބޮޑުކޮށްފައިވާ ކުއްޖެކެވެ. މަންމައާއި ދޮންބައްޕަ އަދި އޭނާގެ ޢާއިލާގެ އެއްވެސް މެމްބަރެއްގެ ފަރާތުން އޭނާގެ އުފަން ބައްޕައާބެހޭ މާބޮޑު މަޢްލޫމާތުތަކެއް ލިބިފައެއް ނުވެއެވެ. އޭނާގެ ބައްޕައާ ބެހޭގޮތުން އޭނާއަށް އެނގޭހާވެސްވަރަކީ، އޭނާގެ މަންމަ އޭނާއަށް ބަލިވެއިންތާ ހަތަރުވަރަކަށް މަހުގައި މަންމަ ދޫކޮށް ބައްޕަދިޔަ ގޮތަށް ޚަބަރެއްވެސް ބަލައިނުލާކަމެވެ.

އޭނާއަށް ބައްޕައެއްގެ ލޯތްބާއި އޯގާތެރިކަން ދިނީ އޭނާގެ ދޮންބައްޕަ ފުވާދެވެ. ފުވާދަކީ ޙަޤީޤަތުގައިވެސް ނިކަން އޯގާތެރި ހެޔޮލަފާ ބައްޕައެކެވެ.

ޒޭނާ ތަކުރާރުކޮށް، އެތައްފަހަރަކު އޭނާގެ އުފަން ބައްޕައަކީ ކާކުތޯ ހޯދުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް، އޭނާގެ މަންމަ ޒާހިދާ ބުނަމުން އައިސްފައިވަނީ، ޙަޤީޤީ ބައްޕައެއްގެ ބޭނުންޖެހޭ ދުވަހު އެއީ ކާކުކަން ބުނެދޭނެ ކަމަށެވެ. އޭގެކުރިން ޒޭނާއަކީ ދުނިޔޭގައި ހުރި އޭނާގެ ދަރިއެއްކަން އަންގާކަށް އޭނާ ބޭނުންނުވާ ކަމަށްވެސް ތަކުރާރުކޮށް ޒޭނާގެ މަންމަ ބުނެފައިވެއެވެ.

[ޒޭނާއަށް ޒޭނާގެ ބައްޕަގެ ނަމެއްވެސް ނޭނގޭތަ؟] މަރީނާ އެއްސެވެ.

[ބައްޕައަށް ކިޔަނީ ޔޫސުފް. އެއީ ވަރަށް ނުބައި މީހެއް. އޭނާ އަހަންނަކީ ހުރި ކުއްޖެއްތޯވެސް އަހައެއްނުލާ....އަޅެ އޭނައަށް ނުވިސްނެނީތަ، ދަރިއަކު ބައްޕަގެ ލޯތްބަށް އެދި ގޮވާނޭ މިންވަރު. އަހަރެން ދުވަހަކުވެސް އެ ބައްޕައަށް މަޢާފެއް ނުކުރާނަން.] ޒޭނާ ފެންކަޅިވިއެވެ.

[އަހަންނަކީ ޒޭނާނަމަ، އަހަރެންވެސް އެކަހަލަ ބައްޕައަކަށް މަޢާފެއް ނުކުރާނަން. އަވަހަށް ކައިގެން ބަދިގޭ ފަރާތު ކުރަންހުރި މަސައްކަތް ނިންމާލާފައި އެބައި ސާފުކުރަންދޭ. ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ކުރީކޮޅު ނާއިލް އަންނާނެ.] މަރީނާ މިހެން ބުނެފައި ބަދިގެން ނުކުތެވެ.

ޒޭނާ ބަދިގޭގައި ކުރަންހުރި މަސައްކަތް ނިންމާފައި، އޭނައާ ޙަވާލުކުރެވުނު މަސައްކަތް ކުރުމަށްޓަކައި ދިޔައީ ހަވީރުގެ ވަގުތެއްގައެވެ. އޭނާ ފުރަތަމަ ސިޓިންގރޫމް ސާފުކުރުމަށްފަހު، ސިޓިންގރޫމާ ގުޅިފައި ހުރި ތިން ކޮޓަރިއާއި ފާޚާނާތަކުގައި މޮޕްއަޅައި، ދޮރުފޮތިތައް ފޮޅާ ސާފުކުރިއެވެ. އެބައިގެވެސް ފަސް ކޮޓަރީގެ އިތުރުން، ބަދިގެ ބަޔަކާއި، ކާބަޔަކާއެކު ލައިބްރަރީއެއް ހުއްޓެވެ. ފުރަތަމަ ހަތަރު ކޮޓަރި ސާފުކުރެވުނުއިރު، ޒޭނާ ވަރަށް ބޮޑަށް ވަރުބަލިވިއެވެ. އެހެން ނަމަވެސް، އޭނާ މަސައްކަތް ހުއްޓައެއްނުލައެވެ. ސީދާ ނާއިލަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރީގެ ދޮރު އޭނާ ހުޅުވާލީ އެންމެފަހުންނެވެ.

ހަމައެކަނި އެކޮޓަރިތެރެވެސް ހީވަނީ ކުޑަވަރެއްގެ ގަނޑުވަރެއްހެންނެވެ. ސަންގްމަރުމަރުގެ ހިތްގައިމު ތަކެތިން ކޮޓަރިތެރެވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރެވިފައެވެ.

ޒޭނާގެ ޙަޔާތުގައި ދުވަހަކުވެސް އެފެންވަރުގެ ކޮޓަރިއަކަށް ވަދެފައެއްނުވެއެވެ. ވުމާއެކު، އެކޮޓަރިތެރެއިން ފެންނަމުންދާ މަންޒަރުތަކުން އޭނާއަށް ވަރަށްބޮޑު ޙައިރާން ކަމެއް ލިބުނެވެ.

ކޮޓަރިތެރެ ފޮޅާ ސާފުކުރުމަށްފަހު، ޒޭނާ ނާއިލްގެ އަންނައުނު އަޅާފައި ހުރި އަލަމާރި ހުޅުވާލިއެވެ. އެއާއެކު ޙައިރާންކަމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. އޭނާގެ ހަނދާނަށް އައީ މީގެ ހަތަރުވަރަކަށް އަހަރު ދުވަސް ކުރީގެ ހަނދާންތަކެވެ.

އޭނާ ކުޅުދުއްފުށީގައި ކިޔަވަން ހުރި ދުވަސްވަރު ޗުއްޓީއެއްގައި މާލެއިން އެރަށަށްދިޔަ ޒުވާނަކު އޭނާއަށް ކަޅިއުކަމުންދިޔަ ހަނދާންތަކެވެ. އެޒުވާނާގެ ނަން އޭނާއަށް ނޭނގުނަސް، އެޒުވާނާ އޭނާއަށް ވަރަށް ބޮޑަށް އެދުނެވެ.

ނަމަވެސް، ޒޭނާއަކީ ވަކި ޢަޒުމެއްގައި މަސައްކަތް ކުރަމުންދިޔަ އަންހެން ކުއްޖަކަށް ވުމާއެކު، އޭނާ އެފަދަ ވިސްނުންތަކަށް ފުރަގަސްދެމުން ދިޔައީއެވެ.

ޔަޤީނެވެ. އަލަމާރިތެރޭގައި އެއޮތީ އޭނާގެ އުޅަލެވެ. އެއީ އެއްދުވަހު އޭނާއަށް ނޭނގި އެޒުވާނާ އޭނާގެ އަތުގައި ހިފެހެއްޓުމުން، އޭނާ ސަލާމަތްވެގެން ދުއްވައިގަތް ވަގުތު އޭނާގެ އަތުން ނެއްޓި އެޒުވާނާގެ އަތަށްދިޔަ އުޅަލެވެ. އެއުޅާގެ އަނެއްފަޅި މިހާރުވެސް ޒޭނާގެ ކަނާއަތުގައި އެބައޮތެވެ. ޒޭނާއަށް އެދި އެޒުވާނާ އެވަރަށް މަސައްކަތް ކުރިއިރުވެސް ޒޭނާ އެޒުވާނާއާބެހޭ އެއްވެސް މަޢްލޫމާތެއް ހޯދާފައެއް ނުވެއެވެ.

ދެން ޒޭނާ އެއަލަމާރިތެރެ ހޯދައި ބަލަން ފެށީ އެޒުވާނާގެ ފޮޓޯއެއް، އެއަލަމާރިތެރޭގައި އޮތްތޯއެވެ. ނަމަވެސް، އެކަމެއް އޭނާއަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

އެވަގުތަށްފަހު، ޒޭނާގެ ވިސްނުމަށް އައީ ކޮންކަހަލަ ބޮޑު ބަދަލެއް ކަމެއްވެސް ނޭނގުނެވެ. އޭނާއަށް އެޒުވާނާއާމެދު މާބޮޑަށްވެސް ވިސްނެން ފެށުނެވެ. ހަތަރު އަހަރު ކުރީގެ މާޒީ، އޭނާގެ ސިކުނޑީގައި ކުރެހި ބިންވަޅު ނެގެން ފެށިއެވެ.

[ތި އަންހެން ކުއްޖާގެ ލޯތްބާނުލާ އަހަރެން ޒަވާޖީ ޙަޔާތެއް ނުފަށާނަން. ކިތަންމެ ޒަމާންތަކެއްވިޔަސް، އަހަރެން ތިކުއްޖާއަށް އިންތިޒާރު ކުރާނަން.] އެ އުޅާ ހިފައިގެންދިޔަ ދުވަހު އެޒުވާނާ ބުނި ޖުމްލަވެސް އޭނާގެ ހަނދާނަށް އައެވެ.

އެޒުވާނާއަކީ ނާއިލްކަން ގައިމުނުވިޔަސް، އޭނާއަށް ޔަޤީންވާ އެއްކަމެއްވެއެވެ. އެއީ ހަމަ އޭނާގެ އުޅާއެވެ. އެއީ އޭނާގެ ބާރަވަނަ އުފަންދުވަހު އޭނާގެ މަންމަ ޒާހިދާ، ކޮންމެވެސް ޓުއަރިސްޓް ޝޮޕަކުން ގަނެދިން އުޅާއެކެވެ. އޭގައި އޭނާ އަމިއްލައަށް ކަށްޓަކުން ޒެޑް އަކުރު އެޅި ހަނދާންވީ މާފަހުންނެވެ. ވުމާއެކު، ފަހުން އެއުޅާ ބަލައިލުމުގެ ޝައުޤުވެރިކަން މާބޮޑުވިއެވެ. ވުމާއެކު، އޭނާ އަނެއްކާ އެރޭ އެކޮޓަރިއަށް ވަނެވެ.

[ޒޭނާ ހަވީރު ތިކޮޓަރި ސާފުކޮށްފީމެއްނު. ކޮޓަރީގައި މީހަކު ނުޅޭއިރު، އެއްފަހަރު ސާފުކުރީމާ ރަނގަޅުވާނެ. އަދި ބުނަން، އެސޮރު އައީމާ ކޮޓަރި ސާފުކޮށް ހަދަންވާނީ، އޭނާ ގޭގައި ނޫޅޭ ގަޑީގައި.] ޒޭނާ ސިހުނީ ޝާޢިރާގެ އަޑުންނެވެ. އޭރު ޝާޢިރާ ހުރީ ސިޓިންގރޫމްގައެވެ.

[ކިހިނެއްތޯވީ އަނެއްކާ އަޅުގަނޑު ކޮޓަރި ސާފުކުރަންވަނީމާ ނާއިލް ހިތްހަމަނުޖެހޭނީތޯ؟] ޒޭނާ ޝާޢިރާގެ މޫނަށް ބަލައިލިއެވެ.

[ނޫނޭ. އެހެންވެގެނެއް ނޫން. މައްސަލައަކީ އެކުދިންނަކަށް ނޭނގޭނެ، ވިދާހާ އެއްޗިއްސަކީ ރަނަކަށް ނުވާނެކަން....އާދޭ...] ޝާޢިރާ މިހެން ބުނެފައި ހިނގައިގެންފިއެވެ. ޝާޢިރާ އެބުނި އެއްޗަކާމެދު ޒޭނާ ވަރަށް ފުންކޮށް ވިސްނިއެވެ. ނަމަވެސް، ވިސްނާ ވިސްނާ ވަރުބަލިވީއިރުވެސް، ޝާޢިރާ އެބުނި ވާހަކައިގެ ޙަޤީޤީ މާނައެއް އޭނާއަކަށް މޭރުމެއް ނުވިއެވެ.

[ވިދާހާ އެއްޗިއްސަކީ ރަނެއް ނޫންކަން އެކުދިންނަކަށް ނޭނގޭނެ.] އެބުނި މަހުގެ ޙަޤީޤީ މާނައަކީ ކޮބައިބާ؟ ފަހުގެ ވަގުތެއްގައި ޒޭނާ މަރީނާ ގާތު އެއްސެވެ. އެބަހުގެ މާނަ މާރަނގަޅަށްވެސް މަރީނާއަށް ވިސްނެއެވެ.

[އެއީ އޭނާ ސީދާ ޒޭނާއަށް އަމާޒުކޮށް ބުނި ބަހެއް. އެބުނީ ޒޭނާއަކީ ބޭރުފުށުން ރީތި ކުއްޖެކޭ. އެހެންވެ ނާއިލް ޒޭނާގެ ދަލުގައި ޖެހިދާނެޔޭ. އެމީހުންނަކަށް ނުވިސްނޭނޭ، ތީ ރާއްޖެތެރޭގެ ނިކަމެތިން ކަމެއް.] މަރީނާއަކީ އެގޭގައި އުޅޭތާ ދުވަސްވުމުން، އެޢާއިލާގެ ގޮތް ވަރަށް ރަނގަޅަށް އެނގޭ މީހެކެވެ.

އެމީހުންގެ އެހުންނަ ސިފަތަކަކީ މަރީނާ ވަރަށް ހިތްހަމަނުޖެހޭ ސިފަތަކެކެވެ. އެމީހުންގެ ކުރިމަތީގައި ރާއްޖެތެރޭގައި ދިރިއުޅޭ މީހުންނާއި، ރާއްޖެތެރެއަށް އުފަން މީހުންނަކީ އެއްވެސް އަގެއްހުރި ބައެއް ނޫނެވެ. އެމީހުންގެ ކުރިމަތީގައި މުދަލާއި ފައިސާ ނޫނީ އަގުހުރި އެއްވެސް އެއްޗެއް ނުހުރެއެވެ. ހަމަގައިމުވެސް މުދަލާއި ފައިސާއަށްވުރެ ޒޭނާގެ ކިބައިގައިވާ ރީތި އަޚްލާޤާއި ތަރުބިއްޔަތަކީ މާމުހިންމު އެއްޗެކެވެ.

[މަރީނާ ދައްތަ މިގޭގައި އުޅޭތާ މިހާރު ކިތައް އަހަރު ވެދާނެ.] ޒޭނާ މަރީނާއާއެކު ބަދިގެފަރާތުގައި މަސައްކަތް ކުރަމުން އެއްސެވެ.

[ހައަހަރު ވެދާނެ.] މަރީނާ ބުންޏެވެ. އެވަގުތު ނާއިލް މީގެ ހަތަރުވަރަކަށް އަހަރު ކުރިން ކުޅުދުއްފުށްޓަށްދިޔަތޯ އަހާލަން އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް، މަރީނާއަށް ޝައްކުވެދާނެތީ، އޭނާގެ އެޚިޔާލު ބަދަލުކުރިއެވެ.

[މަރީނާ ދައްތާ، އަޅެ އަހަރެންގެ ކިޔެވުމާ ބެހޭގޮތުން ޝާޢިރާ ދައްތައާ އެއްވެސް ވަރަކަށް ވާހަކަ ދައްކައިފިންތަ؟] ޒޭނާ އެއްސެވެ.

[އަދި އެވާހަކަ ދައްކާނެ ރަނގަޅު ވަގުތެއް ނުލިބޭ. ކޮންމެ ކޮންމެ ވަގުތަކު އެކަހަލަ ވާހަކަ ދައްކައިފިއްޔާ، އޭނާ އަހަރެންވެސް ބުރުވާލަފާނެ.]

މިގޮތުގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް، ނާއިލް މާލެ އައުމަށް ހަމަޖެހިފައިވާ ދުވަސްޖެހެން ހަފްތާއަކަށް ވެއްޖެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ނާއިލްގެ ކޮޓަރި ސާފުކުރުމާއި ތަރުތީބު ކުރުމުގައި، އެހެން މީހުންގެ އެހީތެރިކަން ލިބޭތީ، ޒޭނާއަށް އަލަމާރި ސާފުކުރާނެ ފުރްޞަތު ނުލިބެއެވެ.

ކޮންމެފަހަރަކުވެސް އަލަމާރިތެރެ ސާފުކޮށް ހަދަނީ ކޮންމެވެސް އެހެން އަންހެން ކުއްޖެކެވެ.

[ވާހް....ވަރަށް ރީތި އުޅާއެއް. މިއީ ނާއިލް ކީއްކުރަން ބާއްވާފައި އޮތް އެއްޗެއްބާ؟ ރަޝްދާ ބަލާބަލަ.] އަލަމާރި ސާފުކުރަންހުރި އަންހެން ކުއްޖާ ނަޢީމާ، އުޅާއަށް ބަލަން ހުރެފައި ކޮޓަރި ތަރުތީބު ކުރުމުގައި ޒޭނާއާއެކު ހުރި ކުއްޖާއަށް ގޮވާލާފައި ބުންޏެވެ.

[ތީގައި ހުންނަ އެއްޗިއްސާ ނުބެހި ބަހައްޓާ. ކިތަންމެ ރީއްޗަސް ތިބާއްވާ. ތިއަލަމާރި ތެރެއިން އެއްޗެއް އުނިވެއްޖެއްޔާ އަހަރެމެންނަށް ސަލާމަތަކުން ނުތިބެވޭނެ.] ރާޝިދާ ބުންޏެވެ. ނަޢީމާ، އެ އުޅާ އޮތްގޮތަށް ފޮށްޓަށްލާފައި ބޭއްވިއެވެ.

އެދުވަހު ލިބުނު ފުރްޞަތެއްގައި، ޒޭނާ އެ އަލަމާރިތެރޭގައި އޮތް އުޅާ ރަނގަޅަށް ބެއްޔެވެ. އޭނާއަށް ހީކުރެވުނީ ރަނގަޅަށެވެ. އެއީ ހަމަ އޭނާގެ އުޅާއެވެ.

އެހެން ނަމަވެސް، މިހާރު ނާއިލް އެހަނދާންތައް ހުންނާނެ ކަމަކަށް އޭނާއަކަށް ޤަބޫލެއް ނުކުރެވެއެވެ.

އެހެން ނަމަވެސް، ނާއިލް އެދަތުރުގައި ތަފާތު އެތައްފަހަރަކު ޒޭނާއާ ވާހަކަ ދައްކަން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް، އޭރު ޒޭނާ އެފަދަ ކަމަކަށް ވިސްނާފައި ނުވުމާއެކު، އޭނާ ނާއިލަށް ވާހަކަ ދެއްކުމުގެ ފުރްޞަތު ދީފައެއްނުވެއެވެ.

އެހެން ނަމަވެސް، މިހާރު އޭނާއަށް އެދުވަސްތަކުގެ ހަނދާންތައް އާކުރެވި، ނާއިލްގެ ތަޞްވީރު، އޭނާގެ ލޯމަތިން ސިފަވަމުން އެދަނީ އެކަމާހުރެ އޭނާއަށް އުނދަގޫވާވަރަށެވެ.

[އަޅެ ޕްލީޒް، ހަމައެކަނި ތިކުއްޖާގެ ނަން އަހަރެން ގާތު ބުނެފާނަންތަ؟ ނަން ބުނެލުމަކުން ގައިގެ ތަނެއް އުންޏެއް ނުވާނޭ.] ނާއިލް އޭނާއާ ވާހަކަ ދައްކަން މަސައްކަތްކުރި ދުވަސްތަކާއި، ދެއްކި ވާހަކަތަކުގެ ހަނދާންތައް މަޑުމަޑުން އޭނާގެ ލޯމައްޗަށް ސިފަވަމުންދިޔައެވެ.

[އަޅެ ކުއްލިއަކަށް އަހަންނަށް އޭނާއާމެދު ވިސްނެން ފެށުނީ ކީއްވެބާ؟ އެކަމަކު އޭނާއާމެދު ވިސްނުމަކީ، ކުރިން އަހަރެން ހިތަށްވެސް އެރި ކަމެއް ނޫން.] ޒޭނާ ކޮޓަރިތެރޭގައި ހުރެ ވިސްނަމުންދިޔައެވެ.

[ޒޭނާ....ޝާޢިރާ ދައްތަ އެބަގޮވާ....] ދޮރުން އެތެރެއަށް ބޯދިއްކޮށްލަމުން ރާޝިދާ މިހެން ބުނީމާ، ޒޭނާވެސް ކޮޓަރިން ނުކުމެއްޖެއެވެ. އޭރު އެގޭގައި ގެންގުޅޭ ހުރިހާ ކުދިންނާއި މީހުންތައް ޝާޢިރާގެ ކުރިމަތީގައި ތިއްބެވެ.

[މިރޭ އިލްޔާސް އެބައާދޭ. އޭނާ އަންނަންވާއިރަށް މިރޭގެ ކެއުން ވަރަށް ރަނގަޅަށް ތައްޔާރު ކުރަންވާނެ. މިހާރުއްސުރެ އުޅެގެން އެކަން ކުރެވޭނީ. ދެތިން ހަތަރު ފަރުމަސް ފިހެލަންވާނެ.] ޝާޢިރާ މިހެން ބުނެފައި ކޮޓަރިއަށް ވަނެވެ. އިލްޔާސަކީ އޭނާގެ ފިރިމީހާއެވެ. އޭނާ ކޮންމެ މަހަކު އެއްފަހަރު ރާއްޖެއިން ބޭރަށްދެއެވެ.

[އިލްޔާސަކީ ކާކު؟] ޒޭނާ ވައިއަޑުން މަރީނާ ގާތު އެއްސެވެ.

[ނޭނގޭތަ؟ އެއީ މިޚާންދާނުގެ ވެރިޔާ....އާނ، ޝާޢިރާގެ ފިރިމީހާ. ނާއިލްމެންގެ ބައްޕަ. އެއީވެސް ވަރަށް ޒީލަގަދަ މީހެއް.] މަރީނާ ކިޔައިދިނެވެ.

އެރޭ އިލްޔާސާއެކު އޭނާގެ ރަޙްމަތްތެރިޔާ އިސްމާޢީލާއި، އޭނާގެ އަންހެން ދަރިފުޅު ޢާއިޝާވެސް މާލެއައެވެ. ވުމާއެކު، އެރޭ އެމީހުންގެ ރޭގަނޑުގެ ކެއުންވެސް ހަމަޖެހުނީ، އެގެއިންނެވެ. ޢާއިޝާއަކީ އިސްމާޢީލްގެ ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ.

[ޝާޢިރާ، މުސްތަޤްބަލުގައި ޢާއިޝާވެސް ވާނީ އަހަރެމެންގެ ދަރިއަކަށޭ. އަހަރެމެން މިހާރު ނާއިލާވެސް ވާހަކަ ދައްކައިފިން. އަނެއްކާ ޢާއިޝާ ޤަބޫލުތަ؟] ކާން ފަށަމުން، ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އިލްޔާސް ވާހަކަ ދެއްކިއެވެ.

ޢާއިޝާ ލަދުވެތި ނަޒަރަކުން އިލްޔާސްގެ މޫނަށް ބަލައިލުމަށްފަހު، އިސްޖަހާލީ އާއެކޭ ބުނާފަދަ އިޝާރަތަކާ އެކުގައެވެ.

[ނާއިލް ކީކޭތަ ބުނީ؟] ޝާޢިރާ އެއްސެވެ.

[ނާއިލް އަހަރެންގެ އެއްވެސް ނިންމުމަކަށް ދެކޮޅެއް ނަހަދާނެ. ނާއިލާމެދު ވިސްނާނެ ކަމެއް ނެތް. އަހަރެން ބަލަން ބޭނުންވީ ޢާއިޝާ ރުހޭތޯ. ޢާއިޝާ ރުހުނީމާ ވަރަށް އުފާވެއްޖެ.] އިލްޔާސް ބުންޏެވެ.

އިލްޔާސް، އޭނާގެ ދޮށީ ދަރިފުޅު ނާއިލަށް އެހެން ހުރިހާ ކުދިންނަށްވުރެން ބޮޑަށް އިތުބާރު ކުރެއެވެ. ޙަޤީޤަތުގައިވެސް ނާއިލަކީ އިލްޔާސްގެ އިތުބާރު ވަރަށް ބޮޑަށް ހޯދާފައިވާ ނަމޫނާ ދަރިއެކެވެ. ފާއިތުވެދިޔަ ތާނގައި، އޭނާ އެއްވެސް ކަމަކަށް ބައްޕައާ ދެކޮޅެއް ނަހަދައެވެ.

ޙަޤީޤަތުގައި ރާއްޖޭން ލިބެންހުރި މިންވަރަށް މާލެއިން ތަޢްލީމް ޙާޞިލް ކުރުމަށްފަހު، ނާއިލް އެންމެ ބޮޑަށް ދާން ބޭނުންވީ ރަޝިޔާއަށެވެ. ނަމަވެސް، ރަޝިޔާގެ ތަޢްލީމަކީ އިލްޔާސް އިތުބާރުކުރާ ތަޢްލީމަށް ނުވާތީ، އޭނާ ނާއިލް ފޮނުވާފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނަށެވެ. އެއީ ޚުދު އޭނާވެސް ބައެއް ކޯސްތައް ފުރިހަމަކުރި ތަނެވެ. ކިތަންމެ ދާން ބޭނުންނުވި ނަމަވެސް، އެދުވަހުވެސް ނާއިލް ބުނެފައިވަނީ އޭނާއަށް ރަނގަޅު މަގު ދައްކާނީ އޭނާގެ ބައްޕަ ކަމަށާއި، ބައްޕައަކު ދަރިޔަކަށް ދެރަގޮތެއް މެދުވެރިވުމަށް ނޭދޭނެ ކަމަށްވެސް އެދުވަހު ނާއިލް ބުންޏެވެ. އެދުވަހުވެސް އިލްޔާސް، ނާއިލަށް ވަރަށް ބޮޑަށް ތަޢުރީފު ކުރިއެވެ. އޭނާގެ ހަގަށްތިބި ފިރިހެން ދަރިފުޅު ނާއިޝްއާއި އަންހެން ދަރިފުޅު ނަޝާއަކީ ނާއިލާ އަޅާބަލާއިރު، ހާސްބައި ތަފާތު ދެބެންނެވެ. އެދެބެންގެ ބޭރުފުށުން ކިތަންމެ އޮފް ހުއްޓަސް، ފޮރުވިފައިވާ އެތައް ކަމެއްވެއެވެ.

އެކަން އެނގެނީ އެދެބެންގެ މަންމަ ޝާޢިރާއަށް އެކަންޏެވެ.

[އެކަމަކު އިލްޔާސް ތިވަރުގެ ބޮޑު ކަމެއް ނިންމާއިރު، އެސޮރުގެ ޚިޔާލު ހޯދަންވާނެއެއްނު. އިލްޔާސް ކަންތައް ތިކުރީކީ އެންމެ ރަނގަޅަކަށް ނޫން. ޙަޤީޤަތުގައި ޢާއިޝާއާ ހަމައަށް ތިވާހަކަ ގެންދިޔުމުގެ ކުރިން ޖެހޭނެ، ނާއިލްގެ ވިސްނުން ހުރިގޮތް ބަލަން.] ޝާޢިރާ އިލްޔާސާ ވާހަކަ ދެއްކީ، އެރޭ ނިދަން ކޮޓަރިއަށް ވަދެއެވެ.

[ތީ އަހަރެން ޤަބޫލުކުރާ އުޞޫލެއް ނޫން. އޭނާވެސް އަދި ދެންތިބި ދެބެންވެސް ކިތަންމެ މޮޅަށް ކިޔެވިޔަސް، ދިރިއުޅުން ބައްޓަން ކުރާކަށް ނޭނގޭނެ. އަހަރެމެން ޖެހޭނެ ދިރިއުޅުމެއް ފެށުމަށްޓަކައި ރަނގަޅު ބައިވެރިއަކުވެސް ހޯދައިދޭން. އެހެންވީމާ ނާއިލް ޑޮކްޓަރަކަށްވެގެން އަންނައިރު، އަހަރެން މިހޯދަނީ ނަރުހަކު. ކޮބައިތަ މައްސަލައަކީ. ޑޮކްޓަރަކާ ނަރުހަކު ގުޅިގެން ޙަޔާތެއް ބައްޓަން ކުރީމާ، އެދިރިއުޅުމެއް ބާއްޖަވެރިކަމާއެކު ކުރިއަށްދާ މަންޒަރު މިހާރުވެސް އަހަރެންގެ ލޯމައްޗަށް ފެންނަކަހަލަ.] އިލްޔާސް ކޮންމެ ކަމެއްވެސް ނިންމަނީ، އޭނާ ނިންމާ ގޮތަކީ އެންމެ މޮޅު ގޮތް ކަމަށް ޤަބޫލުކޮށްފައެވެ.

ޙަޤީޤަތުގައި އިލްޔާސަކީ ދިރިއުޅުމުގައި އަމިއްލަ ގޮތް ބޮޑު، އެހެން ގޮތަކަށް ބުނާނަމަ، ވަރަށް ޚުދުމުޚްތާރު ސިފަތަކެއްގެ ވެރި މީހެކެވެ. އެހެން މީހުންގެ ޚިޔާލު ހޯދިޔަސް، އޭނާ އަބަދުވެސް ގޮތް ނިންމާނީ، އޭނާއަށް ފެންނަ އެންމެ ރަނގަޅު ގޮތަށެވެ.

[އިލްޔާސް، ތިޔަ ސިފަ އަދިވެސް ދޫކޮށްލާކަށް ނުވޭތަ. އަހަރެން ޤަބޫލުކުރާ ގޮތުގައި، ޙަޔާތުގެ އެހެން ކަންތަކަށް ނުފޫޒު ފޯރުވިޔަސް، ޙަޔާތުގެ ބައިވެރިއަކު އިޚްތިޔާރު ކުރުމުގެ މިނިވަންކަން އެކުދިންނަށް ލިބިދެވެންޖެހޭނެ.] ޝާޢިރާ ހެދުން ބަދަލުކޮށްގެން އައިސް އިލާޔާސް ގާތުގައި އޮށޯވެއްޖެއެވެ.

[ބުނަން ތިވާހަކަ ޝާޢިރާ ދައްކާކަށް ރީއްޗެއް ނޫން. މިގޭ ނާއިޝް މިގޭގައި ހުރި ރާއްޖެތެރޭ އަންހެން ކުއްޖަކާ އަނގައިން ބުނީތީ، ޝާޢިރާ ހެދިގޮތް، މިހާރުވެސް އަހަރެންގެ ލޯމަތިން ސިފަވަމުން އެބަދޭ.] އިލްޔާސް ޝާޢިރާގެ އަނގަ ބަންދުކޮށްލިއެވެ. ހިސާބަކަށް ޝާޢިރާއަށް ހުއްޓުންއެރިވެސްމެއެވެ.

[ބަލަ، އޭނާ މާ ގާތްވެގެން އުޅުނީ، މިގޭ ނޯކިރީ ކުރަން އުޅުނު ނިކަމެތި ކުއްޖަކާއޭ. އެމީހުންވެސް ބައިވެރިއަކު އިޚްތިޔާރު ކުރާއިރު، އެވަރު ދަންނަންވާނެ. އެކަމަކު ފިރިހެން ކުދިން އިންނާނެ އަންހެން ކުދިން ހޯދާފައި މައިންބަފައިން ދެއްކުމަކީ އެއީ ދިވެހި ޘަޤާފަތެއްވެސް ނޫން. އިލްޔާސް ތިއުޅެނީ މިހާރު މިދައްކާ ހިންދުސްތާނު ޑްރާމާތަކުގައި ފެންނަހެން، އެމީހުންގެ ޘަޤާފަތް ބަލައިގެން ނަކަލު ކުރަން. ކޮންމެ ކަމެއްގެ އެންމެ މޮޅު ގޮތް އެނގޭ މީހަކީ އިލްޔާސް ކަމަށް ނެހެދިބަލަ.] ޝާޢިރާއަކީ އަބަދުވެސް ފަސްޖެހުމެއްނެތި އިލްޔާސްގެ ކުރިމަތީގައި ބުނަންވާ ކޮންމެ އެއްޗެއްވެސް ބުނުމުގައި ފަސްނުޖެހޭ މީހެކެވެ. އެކަމާ ބައެއްފަހަރު އިލްޔާސްގެ ގާތަށް ރުޅިވެސް އާދެވެއެވެ.

[އަހަރެންގެ ކުރިމަތީގައި ޖަދަލު ކުރުމަކީ، ތީ އަހަރެން ވަރަށް ނުރުހޭ ސިފައެއް. އެކަން ތަކުރާރުކޮށް އެތައް ދުވަހަކު އަހަރެންވާނެ ހަނދާންކޮށްދީފައި. ނާޒިމާ ދުވަހަކުވެސް އަހަރެންގެ ކުރިމަތީގައި ޖަދަލުކޮށް، ކީއްކުރަން ބާރަށް ބަހެއްވެސް ބުނެނުލާ. ކިތައްފަހަރުތަ، އަހަރެން ބުނާނީ، ނާޒިމާގެ އުޅުން ދަސްކުރާށޭ.] އެންމެފަހުން މިފަހަރުވެސް އިލްޔާސްގެ ގާތަށް ރުޅިއައެވެ. އިލްޔާސް އެބުނި ނާޒިމާއަކީ ކާކުތޯއެވެ؟

އެއީ އަޅުގަނޑުމެންގެ ބަޠަލު ނާއިލްގެ ލޮބުވެތި މަންމައެވެ. އާއެކެވެ. އެއީ އިލްޔާސް އެންމެ ލޯބިން ކައިވެނިކުރި އޭނާގެ އަލަތު އަނބިމީހާއެވެ. އެޢާއިލާގެ މުދާވެރިކަމާއި ފައިސާވެރިކަމަކީ، އޭނާގެ ޙިކްމަތްތެރި މަސައްކަތާއެކު އިލްޔާސަށް ލިބިފައިވާ ތަނަވަސްކަމެކެވެ. ޝާޢިރާ އިލްޔާސްގެ ޙަޔާތަށް އައީ ނާއިލްގެ ޢުމުރުން ހައަހަރުގައެވެ.

ޝާޢިރާ އެގެއަށް އައީ ނާޒިމާގެ ރަޙްމަތްތެރި ކަމުގައެވެ. އޭގެ މާގިނަ ދުވަސްތަކެއްނުވެ ނާޒިމާ ވަރަށް ބޮޑަށް ބަލިވިއެވެ. ހައަހަރުގެ ދަރިފުޅާ އަޅާނުލެވޭވަރަށް އޭނާގެ ޙާލަތު ދަށަށް ދިޔުމާއެކު، ނާޒިމާގެ އެދުމުގެ މަތިން އިލްޔާސާ ޝާޢިރާ ކައިވެނި ކުރިއެވެ. އޭރު ތުއްތު ތުއްތު ނާއިލްގެ ޙައްޤުގައެވެ.

އޭގެފަހުން މިއަދާ ހަމައަށްވެސް ނާޒިމާއަށް އޮންނަން ޖެހިފައިވަނީ ބަލި އެނދުގައެވެ. އެހެން ނަމަވެސް، އޭނާއަށް ފެންނަފަށުގައި ހިނގާ ކަންތައްތައް އެނގެއެވެ.

އޭނާގެ ބޭސްފަރުވާއަށް ޝާޢިރާ ވަރަށް ބޮޑަށް ހުރަސްއަޅާކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް، ޝާޢިރާ އެގެއަށް އައިތާ އަހަރެއްހާ ދުވަސްތެރޭ، ކުއްލިއަކަށް ވީނުވީގޮތެއް ނޭނގި އޭނާއަށް ވާހަކަ ނުދެއްކުނީއެވެ. އޭގެފަހުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅިމީހާ ޕެރެލައިޒްވެސްވީއެވެ.

ފާއިތުވެދިޔަ ސަތާރަވަރަކަށް އަހަރު ދުވަސްތެރޭ ރާއްޖޭން ބޭރުގެ އެތައް އެތައް މަޝްހޫރު ހޮސްޕިޓަލްތަކަކުން ފަރުވާ ހޯދައިފިއެވެ. ޑޮކްޓަރުން ކޮންމެ ފަހަރަކުވެސް ބުނަނީ ނާޒިމާ ޢާންމު ޙާލަތަށް އަންނަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް، އެއްވެސް ޑޮކްޓަރަކު ދައްކާ ވާހަކައެއް، ސަތާރަ އަހަރުވެގެން ދިޔައިރުވެސް ދިމައެއްނުވިއެވެ.

މިހާރުވެސް ނާޒިމާ އޮތީ ތައިލެންޑްގެ ހޮސްޕިޓަލެއްގައެވެ. އިލްޔާސް އެއައީ ނާޒިމާ ގާތުގައި އެތާނގައި ހުރެފައެވެ. ސަތާރަ އަހަރު ފާއިތުވެގެން ދިޔައިރުވެސް އިލްޔާސް ނާޒިމާއާމެދު ކުޑަކޮށްވެސް އުއްމީދު ކަނޑައެއްނުލައެވެ. އޭނާ ޔަޤީން ކުރެއެވެ. ނާޒިމާ ރަނގަޅުވެގެން އަދި އޭނާއާއެކު އުފަލުގައި އުޅޭނެއެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން