ރިޝީ ކަޕޫރު
ރިޝީ ކަޕޫރު
ބޮލީވުޑްގެ ދުވަސްވީ މަޝްހޫރު އެކްޓަރ ރިޝީ ކަޕޫރު މަރުވެއްޖެއެވެ.

އުމުރުން 67 އަހަރުގައި ރިޝީ މިއަދު މަރުވިއިރު ކެންސަރަށް ފަރުވާ ކުރާތާ ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ.

ހިންދުސްތާން ޓައިމްސްއިން ބުނީ ހާލުދެރަވެގެން އޭނާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ރިޝީ މަރުވިއިރު އޭނާކައިރީގައި ހުރީ އޭނާގެ އަންހެނުން ނީތޫ ކަޕޫރެވެ.

ރިޝީ ކަޕޫރަށް ކެންސަރު ޖެހިފައިވާކަން ހާމަ ވެފައިވަނީ 2018 ވަނަ އަހަރުގައެވެ. ރިޝީ ވަނީ އެމެރިކާގެ ނިއުޔޯކުން ވެސް ބައްޔަށް ފަރުވާ ކޮށްފައެވެ. އޭނާ އެނބުރި ގައުމަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގައިވެސް ހާލުދަށްވެގެން ރިޝީވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

1973 ވަނަ އަހަރު އެކްޓިންގްގެ ދާއިރާއަށް ތައާރަފްވެގެންދިޔަ ރިޝީ ވަނީ އޭގެ ކުރިންވެސް ފިލްމުތަކުގައި ކުޑަ ކުދިންގެ ރޯލުތަކުން ފެނިފައެވެ. ރިޝީ އެންމެ ފަހުން މަސައްކަތް ކުރަން އިއުލާނުކޮށްފައިވާ ފިލްމަކީ ހޮލީވުޑް ފިލްމް "ދަ އިންޓަރން" ގެ ރީމޭކެއްގައެވެ. މި ފިލްމުގައި ރިޝީ ފެނިގެންދަނީ މަޝްހޫރު އެކްޓަރ ދީޕިކާ ޕާޑުކޯންއާއި އެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން