އެޗްއާރުސީއެމްގެ މެމްބަރުން
އެޗްއާރުސީއެމްގެ މެމްބަރުން
ޓެރަރިޒަމްގެ ތުހުމަތުކުރެވޭ ތިމަރަފުށީ އަޙްސަން މުޙައްމަދަށް ފުލުހުން އަނިޔާކުރިކަމަށް ބުނެ އޭނާގެ ޢާއިލާއިން ފެންމަތިކުރި މައްސަލަ ބަލަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސުން ބުނެފިއެވެ.

ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި އަހްސަން މުހައްމަދަށް ފުލުހުން އަނިޔާކޮށްފައިވާކަމަށް ބުނެ އޭނާގެ ޢާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާތީ އެކަން ސާފުކޮށްދެމުން ފުލުހުން މިރޭ ބުނެފައިވަނީ، އަޙްސަންގެ ބައެއް ޢަމަލުތަކުގެ ސަބަބުން އޭނާ ގޮޅިން ނެރުމަށްފަހު ގޮޅީގެ އިންތިޒާމްތައް ރަނގަޅުކޮށް އަލުން ގޮޅިއަށް ވަނުމަށް އެންގުމުން އޭނާ ވަނީ ފުލުހުންނަށް އިންޒާރުދީ ޙަމަލާދީފައި ކަމަށެވެ.

އެމައްސަލާގައި އެޗްއާރުސީއެމުން މިއަދު ބުނެފައިވަނީ، އަޙްސަންގެ މައްސަލައަކީ އެޗްއާރުސީއެމުން ބަލަމުންދާ މައްސަލައެއް ކަމަށާއި، އެ މައްސަލަ ކޮމިޝަންގެ ސަމާލުކަމަށް އައީ ރޭ 10ޖަހާ އެހާކަންހާއިރު ކަމަށެވެ. އެކަމާ ގުޅިގެން ކޮމިޝަންގެ ޓީމެއް ދޫނިދޫއަށް ރޭ ދަންވަރު ޒިޔާރަތްކޮށް އަޙްސަނާ ބައްދަލުކޮށްފައިވާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

"އަނިޔާ ލިބުނުކަމަށް ބުނާ ފަރާތާ ބައްދަލުކޮށް ވަނީ މައުލޫމާތު ސާފުކޮށްފައެވެ. ކޮމިޝަނުން މި މައްސަލަ ބަލަމުންދާކަން އާއިލާއަށްވެސް ވަނީ ސާފްކޮށްދެވިފައެވެ. މި މައްސަލަ އެންޓި-ޓޯޗަރ ގާނޫނުގެ ދަށުން އެޗްއާރުސީއެމުން ތަހުގީގު ކުރާނެކަމުގައި ދަންނަވަމެވެ." އެޗްއާރުސީއެމުން ބުނެފައިވެއެވެ.

އަޙްސަނަށް އަނިޔާކުރިކަމަށް ބުނާ މައްސަލާގައި ފުލުހުން ބުނެފައިވަނީ، އެކަމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި އަދި ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިން އަމަލުކޮށްފައިވޭތޯ ޔަގީން ކުރުމަށް ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުންނާއި އަދި ޔޫސް އޮފް ފޯސް ރިވުއު ކޮމިޓީއަށް ހުށަހަޅައިގެން އެކަން ބަލަމުންދާ ކަމަށެވެ. އަދި ފުލުހުން އެކަމުގައި ހަމަޖެހިފައިވާ އިޖުރާއަތުތަކާއި ހިލާފަށް އަމަލުކޮށްފައި ވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާނު ހަދަމުންދިޔަ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަހްސަން މުހައްމަދުގެ މައްޗަށް ކުރާ ދެ ދައުވާއަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން