މާލޭ ވިޔަފާރި ބަނދަރު
މާލޭ ވިޔަފާރި ބަނދަރު
މާލޭގެ ވިޔަފާރި ބަނދަރަށް މުދާ ބޭލުމުގައި ލަސްވާކަމަށްބުނެ ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ކޮރޯނާވައިރަހުގެ ސަބަބުން އެއްޤައުމުން އަނެއްޤައުމަށް މުދާ އުފުލުމުގައި ހުރި ދަތިތަކުގެ ތެރެއިންވެސް، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ ރާއްޖެ ގެނަސް ރައްޔިތުންނަށް ފޯރުކޮށްދެވޭތޯ ވިޔަފާރިވެރިން ކުރަމުން ގެންދާ މަސައްކަތަށް އެންމެ ބޮޑު ހުރަހެއް މިހާރު އެޅިފައިވަނީ އެމުދާ މާލޭ ވިޔަފާރި ބަނދަރުން ބޭލުމުގައި ކުރިމަތިވަމުންދާ ލަސްވުން ކަމަށް ބުނެ ރާއްޖޭގެ ޝިޕިން އިންޑަސްޓްރީގައި ޙަރަކާތްތެރިވާ ބައެއް ކުންފުނިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާ އިން ގިނަ އަދަދަކަށް މުދާ ގެންނަ ކުންފުންޏެއްގެ އިސް ވެރިއަކު މިއަދު ވިދާޅުވީ ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމެންޓެއް މާލެ ގެނަސް ބޯޓުން މުދާ ބޭލުން ލަސްވަމުންދާތީ ބޮޑެތި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މި ދަތި އުނދަގޫ ދަނޑިވަޅުގައިވެސް ރައްޔިތުންނަށް ބޭނުންވާ މުދާ ގެނަސްދެވޭތޯ ކުރަމުން ގެންދާ މަސައްކަތުގެ އިތުރުން ކޮންމެވެސް ވަރަކަށް ރާއްޖޭގެ އިގްތިޞާދުގެ އިންޖީނު ނުހުއްޓި މަޑުމަޑުން ނަމަވެސް ކުރިއަށް ގެންދެވޭތޯ ކުރަމުން ގެންދާ މިމަސައްކަތަށް ވެސް މީގެ ސަބަބުން ހުރަސް އެޅިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

"އެހާ ދަތި އުނދަގޫ އުފުލައިގެން މުދާ ގެނަޔަސް ބޯޓެއް ހުސް ކުރަން އެބަ ނަގާ ތިން ހަތަރު ދުވަސް. މިހާރުވެސް އަޅުގަނޑުމެންގެ ބޯޓެއް އެއޮތީ މިދިޔަމަހު 27 ގައި މުދާ ހުސްކުރަން ކައިރި ކުރި ގޮތަށް. ރޯދަމަސްވީމަ އެމީހުން މި މަސައްކަތްކުރަނީ ދުވާލަކު 1 ގަޑިއިރު. އަޅުގަނޑުމެން ބޯޓުގައި 9000 ކޭސް ބިހާއި، ފިޔަޔާ އަލުވި އެބަހުރި. އެ މުދާތައް އެހެން ހުރެ ހަލާކުވަނީ. މިއަދާހަމައަށް އަދި ބޭލުނީ 501 ކޭސް ބިސް" އޭނާ ވިދާޅުވި އެވެ.

ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި މި ވިޔަފާރިވެރިޔާ ވިދާޅުވީ މިފަދަ ދަތި ދުވަސްވަރެއްގައި، އިންޑިއާ އިން ރާއްޖެއަށް މުދާ އުފުލުމުގައި ލުއި ގޮތްތަކެއް ހަމަޖައްސާދީފައިވާއިރު، ރާއްޖެ ގެންނަ މުދާ ހަލާކުވުމުގެ ކުރިން އަވަހަށް ބޭލޭނެ އިންތިޒާމެއް އެމްޕީއެލަށް ހަމަޖައްސައިދެވެން ވާނެ ކަމަށެވެ.

"އިންޑިއާ އިން މިދަތިކަމުގައި ގެންނަ އެތިކޮޅު ވެސް ބާލަން ފަސް ހަ ދުވަސް ނަގަންޏާ ކިހިިނެއް ހަލާކުވުމުގެ ކުރިން ރައްޔިތުންނަށް މިތަކެތި ފޯރުކޮށްދޭނީ. އަޅުގަނޑުމެންވެސް މި އިންޑަސްޓަރީގައި އުޅޭތާ 18 އަހަރު ވެއްޖެ. 4 ބޯޓު އެބަ ގެންގުޅެން. ރޯދަމަސްވިޔަސް ދުވާލަކު އެއްގަޑިއިރު މަސައްކަތް ކުރީމަ މުދާކޮޅު ބޯޓުން ނުބޭލި އަޅުގަނޑުމެންގެ އޮޕަރޭޝަނަށް ބަދަލު ގެންނަން މި ޖެހެނީ. މީ ވަރަށްބޮޑު ގެއްލުން." އޭނާ ވިދާޅުވި އެވެ.

ރާއްޖެ އަންނަ ބޯޓުތައް މާލޭ ބަނދަރަށް ހުސްކުރުން ލަސްވާ ކަމަށް ބުނެ މުދާ ކްލިއަކުރާ ކުންފުނިތަކާއި މުދާ އެތެރެކުރާ ވިޔަފާރިވެރިންގެ ޝަކުވާ އަންނަނީ އިތުރުވަމުންނެވެ. ކޯވިޑް-19 ގެ ސަބަބުން ހުއްޓިފައިވާ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުއިކޮށް އާންމު ހިދުމަތްތައް އަވަސް ކުރުމަށްޓަކައި ވިޔަފާރި ބަނދަރުން އަވަސް ޚިދުމަތްތަކެއް ލިބިގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ވިޔަފާރިވެރިން ދެކެއެވެ. އަދި މުދާ ބޭލުން ހަރުދަނާ ކުރުމަށް މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތައް އަވަސްކުރަން ޖެހޭ ކަމަށްވެސް އެފަދަ ފަރާތްތަކުން ގަބޫލުކުރެއެވެ.

ރާއްޖެއަކީ އިމްޕޯޓްގެ މައްޗަށް ބަރޯސާވެފައިވާ ގައުމަކަށް ވީހިނދު މާލޭ ވިޔަފާރި ބަނދަރުގައި ހުރި މައްސަލަތަކަކީ އިގުތިސާދަށް އޮތް ހުރަހެކެވެ. މުދާ ނުބޭލި ވޭތުވާ ކޮންމެ ދުވަހަކީ ވިޔަފާރިވެރިންނަށް ގެއްލުމެކެވެ. އެކަމުގައި ވިޔަފާރިވެރިންގެ އަތުން ހޭދަވާ ފައިސާ ވެސް ގިނަ އެވެ. ނަތީޖާއަކަށް ވަނީ މުދަލުގެ އަގު ބޮޑުވެ، އާންމުންގެ އަތުން އެފައިސާ ދައްކަން ޖެހުމެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން