ޕީޕީއެމްގެ ލީޑަރޝިޕް
ޕީޕީއެމްގެ ލީޑަރޝިޕް
ރާއްޖޭގެ މަސައްކަތްތެރިން ތިބީ ނިކަމެތިވެ މަގުމަތިވެފައި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެތައް މަސައްކަތްތެރިންނެއްގެ ވަޒީފާ ގެއްލި މިހާރުވަނީ ނިކަމެތިވެ، މަގުމަތިވެފައި ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ބުނީ ކޯވިޑް-19 ގެ ސަބަބުން އެންމެ ބޮޑު އަސަރަކާއި ހިތްދަތިކަމެއް ތަހައްމަލު ކުރަންޖެހުނީ ވެސް މަސައްކަތްތެރިންނަށް ކަމަށެވެ. އޭގެ ތެރޭގައި ދުވަހު މުސާރައަށް މަސައްކަތް ކުރާ ފަރާތްތަކާއި، އަމިއްލަ މަސައްކަތުން ދިރިއުޅެމުން ގެންދާ ފަރާތްތަކާއި، އަމިއްލަ ކުންފުނިތަކާއި އަދި އެހެނިހެންވެސް ވަޒީފާތަކުގައި ތިބި އެތައް ރައްޔިތުންނެއްގެ ހައްގު ގެއްލިފައިވާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މަސައްކަތްތެރި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާއަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރުވަނީ ފޭލްވެފައި ކަމަށާއި، ރިޒޯޓުތަކުގައި މަސައްކަތްކުރާ އެތައް މުވައްޒަފުންނެއް އަނބިދަރިން ގާތަށް ނާދެވި ވަޒީފާގެ ތަފާތުކުރުންތަކާ ހިތްދަތިކަމާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން މަސްވެރިން ބާނާ މަސް ނުކިރި އެމަހަށް ހަމަ އަގު ނުލިބި މަސްވެރި ޢާއިލާތައްދަނީ ނިކަމެތި ވަމުން ކަމަށާއި، ސިއްޙީ އެހީތެރިންނާއި ފަންނީ މުވައްޒަފުންނަށް ހައްގު އުޖޫރަ ނުލިބި އިސްސަފުގައި މަސައްކަތް ކުރުމުން ދޭންޖެހޭ އެލަވަންސް ނުލިބޭކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ކޮންމެ މަހެއްގެ މުސާރަ ލިބޭނެ ކަމުގެ ޔަޤީންކަމެއް ނެތި ކަމަށާއި، ސިޔާސީ ބޭނުމުގައި ސަރުކާރާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކި ކުރުމާއި، ވަޒީފާއަށް ބަދަލު ގެނައުމާއި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ވަޒީފާ ދިނުން ފަދަ ޢަމަލުތައް ހިންގަމުން ގެންދާކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

މިސަރުކާރު ވެރިކަމަށް އައީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި، އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މަސައްކަތްތެރިންނަށް މިސަރުކާރުން ވެފައިވާ އެންމެ ބޮޑު ވަޢުދު ނަމަވެސް މިސަރުކާރު ގެ ވެރިކަމަށް ދެއަހަރާ ބައި ވާއިރު އެންމެ ކުޑަ އުޖޫރަ އަދިވެސް ކަނޑަނޭޅި އޮތުމަކީ މިކަން ކުރުމުގައި ސަރުކާރުގެ އިޚްލާސްތެރި ކަމެއް ނެތްކަން ދޭހަކޮށްދޭ ކަމެއް ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން