03 ވަނަ އެޕިސޯޑް

==========

[ޒޭނާ، ނާޒިމާއަށް ކާންދީފިންތަ؟] ނާއިލްގެ ޙަރަކާތްތަކަށް ސިއްރު ސިއްރުން ބަލަންހުރި ޒޭނާ ސިހުނީ، އޭނާއާ ދާދިގާތުން ހުއްޓި، މަރީނާ ވާހަކަ ދައްކަން ފެށީމައެވެ.

[ނޫން....މިދަނީ ދާން....] ޒޭނާ ބަދިގެފަރާތަށް ދިޔައެވެ. އޭރު ނާއިލް އެތަނުން ހިނގައްޖެއެވެ.

ނާއިލް ކޮޓަރިއަށް ވަންތާ މާގިނައިރުތަކެއްނުވެ ސިޔާދު އައެވެ.

[އައްސަލާމް ޢަލައިކުމް ޑޮކްޓަރ ނާއިލް.] ކޮޓަރި ދޮރުން އެތެރެއަށް ބޯދިއްކޮށްލަމުން ސިޔާދު ސަމާސާ ކުރިއެވެ.

[އެތެރެއަށް އާދޭ. މިހާރު އޮފީސް ކަންތައް ކިހިނެއް؟] ނާއިލް ހުރީ ކޮޓަރިތެރޭ ހުރި ސޯފާގައި އިށީނދެގެންނެވެ.

[އޮފީސް މިހާރު ވަރަށް ފަސޭހަ. ބައެއް ދުވަސް ދުވަހު ވަރަށް ބުރަ....މައްސަލައަކީ ރަށުން ބޭރަށް ދާންޖެހޭ މައްސަލަ. އެކަމަކު އެއީ ދެން މިހާރު ވަރަށް މަދު ފަހަރެއްގައި.] ސިޔާދު އިށީނެވެ.

[އެކަށީގެންވާ ރަނގަޅު މުސާރައެއް ލިބޭ ކަމަށްވަންޏާ ރަނގަޅުވާނެ. އަހަރެންވެސް ވަރަށް އަވަހަށް ހޮސްޕިޓަލަށް ޖޮއިން ކުރާނަން.]

[ނާޒިމާއްތަ ކޮބައިތަ؟ ޙާލު ބަލައިލަން އެކޮޓަރިއަށް ވަންނަންވާނެ.] ސިޔާދު ކުއްލިއަކަށް ހަނދާންވިއެވެ.

[މިއީ މަންމައަށް ކާންދޭ ގަޑި. ކާންދީ ނިމެންވާއިރަށް އެތަނަށްދާނީ. އޭއި އަދި ކައިވެންޏަކާމެދު ނުވިސްނަންތަ؟] ނާއިލް އެހިއެވެ.

[އަދި މިއުޅެނީ އެކަކު އަނެކަކަށް ރަނގަޅަށް ދަސްނުވެގެން. އެކަކު އަނެކަކަށް ދަސްނުކޮށް ކައިވެންޏާ ހަމައަށް ދިޔުމަކީ ބުއްދިވެރި ކަމެއް ނޫން.]

[މާނައަކީ އިނުމުގެ ކުރިން ޖެހޭނެޔޭ އަންހެން ކުއްޖާ ބަލިވެ ބައިންދަން. ދަސްކުރަންޖެހޭނެ. އެކަމަކު ކައިވެނީގެ އިމުން އެތެރޭގައި ނޫނީ ކުރަން ނުޖެހޭ އެއްވެސް ކަމެއް، ކައިވެނީގެ ކުރިން ކުރުމަކީ ކައިވެނީގެ ބަރުދަން ލުއިވާނެ ކަމެއް...މިހާރު އަހަރެން ޤަބޫލުކުރާ ގޮތުގައި ސިޔާދަށް ލައިލާ ދަސްވާހާ ދުވަސްވެއްޖެ.]

ނާއިލަކީ އޭނާ ޑޮކްޓަރީކަން ކިޔެވުމުގެ ކުރިންވެސް ވަރަށްދުރު ވިސްނޭ ހޭލުންތެރިއެކެވެ. ރީތި އާދަޔާއި އަޚްލާޤަކީ، އޭނާގެ ކިބައިގައި ވަރަށް ރަނގަޅަށް އަށަގެންފައިވާ ސިފަތަކެކެވެ.

[ލައިލާވެސް މިހާރު ބޭނުންވަނީ ކައިވެނި އަވަސްކުރަން. އެކަމަކު އަހަންނަށް އަދި ކައިވެނީގެ ވަގުތު ނުޖެހެނީ. ދެން ހިނގާބަލަ ނާޒިމާއްތަ ނިދުމުގެ ކުރިން އެކޮޓަރިއަށް ވަދެލަމާ....] ސިޔާދު ތެދުވިއެވެ.

އޭރު ޒޭނާ ނާޒިމާއަށް ކާން ދިނުމަށްފަހު ފެން ދެނީއެވެ. އެވަގުތު ބައެއްގެ ފިޔަވަޅު އަޑު އިވުމާއެކު ޒޭނާގެ ދެލޯ ބޮޑުވިއެވެ.

[އަދި ފެން ބޭނުންތަ؟] ދޮރާ ދިމާއަށް ބަލައިލަމުން ޒޭނާ އެއްސެވެ. ނާޒިމާ ކުޑަކޮށް ބޯހޫރާލިއެވެ. ޒޭނާ އަވަސް އަވަހަށް ތަށިތައް ހިފައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

އެއީ ނާއިލާއި އޭނާގެ ރަޙްމަތްތެރިޔާ ސިޔާދު އައިސް ކޮޓަރި ދޮރު ހުޅުވި ވަގުތެވެ. ވަގުތުން ޒޭނާ، އޭނާގެ އަތުގައި އޮތް ތަށިން މޫނު ފޮރުވަމުން ނުކުމެއްޖެއެވެ. އެވަގުތު ނާއިލްގެ އަމާޒަށްއެރީ ޒޭނާގެ ހިތްގައިމު ކަނދުރާއެވެ. އެއީ އިހި ކަނދުރާއެކޭ ބުނާފަދަ ރީތި ހިތްގައިމު ކަނދުރާއެކެވެ.

މިހާރު ކޮންމެހެން ޒޭނާ ނާއިލަށް ނުފެންނަން މަސައްކަތް ކުރަނީ ކީއްވެގެންބާއެވެ. އެއީ އުފެދޭނެ ވަރަށްބޮޑު ސުވާލެކެވެ. ވެދާނެއެވެ. ޒޭނާފަދަ ރަށެއްގެ ނިކަމެތި ބީރައްޓެއްސަކަށް ނާއިލްގެ ޙަޔާތުން ފުރްޞަތު ލިބުމަކީ، ކުރެވިދާނެ ކަމެއް ކަމަށް އޭނާއަށް ޤަބޫލު ނުކުރެވެނީއެވެ. އޭނާ ނާއިލަށް ނުފެންނަން މަސައްކަތް ކުރަނީ، އެޢާއިލާގެ މަސްލަޙަތާމެދު ވިސްނާފައެވެ. އޭނާ އެދޭތެރެއަށް ވަދެ، އެޢާއިލާގެ ރޭވުންތެރި ކަމަށް ހުރަސްއެޅި، އެކަންތައް ރޫޅިގެންދާކަށް އޭނާއެއް ނޭދެއެވެ.

އެރޭ ދެން ނާއިލާއި ސިޔާދު ނުކުތީ ބޭރަށެވެ.

[ސިޔާދު އަހަންނަށް މިހާރު މިއުޅެނީ މާ ހެއްވާ ކަމަކާ ދިމާވެގެން. މީގެ ފަސްއަހަރެއްހާ ދުވަސް ކުރިން އަހަރެން ދިޔައިމެއްނު ކުޅުދުއްފުށްޓަށް. އެފަހަރު އެރަށުން ދިމާވި ހިތްކިޔާކަހަލަ ވަރަށް ވަރަށް ރީތި އަންހެން ކުއްޖަކާ. އެކަމަކު އެއީ ވަރަށް ގޮތުގައި ހުރި ކުއްޖެއް. ތިން ހަތަރު ދުވަސް ވަންދެން އަހަރެން އާދޭސް ކޮށްގެންވެސް އަހަންނާ ވާހަކައެއް ނުދެއްކި. ނަމެއްވެސް ނުބުންޏޭ. އެކަމަކު އަހަރެން މާލެ އައީ އެކުއްޖާގެ ހަނދާނެއް ހިފައިގެން.] ނާއިލް ކާރު ދުއްވަމުން ކިޔައިދިނެވެ.

[ހަނދާނަކަށް ގެނައީ އެކުއްޖާގެ ހިތްތަ؟] ސިޔާދު އެއްސެވެ.

[އަހަރެން ދެކެނީ އެކުއްޖާގެ ހިތް އަހަންނާއެކުވާނެ ކަމަށް. އަޞްލު އެދުވަހު ވީގޮތަކީ، އެއީ އަހަރެން ފުރަން އޮތް ދުވަހު އަހަރެން އޭނާގެ ނަން ބުނެދިނުމަށް އެދުމުން، ނުބުނެ ދުއްވައިގަތީ. އެވަގުތު ބޭއިޚްތިޔާރުގައި އަހަންނަށް އެމަންޖެގެ އަތުގައި ހިފެހެއްޓުނީ. އެވަރުންވެސް އެމަންޖެ މަޑެއްނުކުރި. ފޮޅުވާލާފައި ދިޔައީ. އެކަމަކު ދިޔައިރު ދިޔައީ އެއްއުޅާ އަހަރެންގެ އަތަށް ދޫކޮށްލާފައި. އެ އުޅާ ހިފައިގެން އަހަރެން އައީ.] ނާއިލް ކުޑަކޮށް ކާރު މަޑުޖައްސާލިއެވެ.

[މިހާރު އެމަންޖެ ކޮބައިކަން އެނގޭތަ؟] ސިޔާދު އެއްސެވެ.

[ތީތާ މައްސަލައަކީ. އެކަމަކު އޭގެ އުޅައެއް އަޅައިގެން ހުރި ކުއްޖަކު އަހަރެންގެ ކޮޓަރިއަށް ވަދެފައި ނިކުތް މަންޒަރު އަހަންނަށް ފެނުނު. މިއުޅެނީ ވަރަށް ބޮޑަށް ސުވާލު އުފެދިގެން.] ނާއިލް ޕާކިންގ ޒޯނެއްގައި ކާރު ޕާކް ކޮށްލަމުން ބުންޏެވެ.

[ތީ ދެން ނުވާނެ ކަމެއް. އެކުއްޖާ ދެން މިހާރު ތިކޮޓަރިއަކަށް ނުވަންނާނެއެއްނު.] ސިޔާދު ޖޯކް ޖެހިއެވެ.

[އެކަމަކު އެކުއްޖާގެ އަތްތިލަޔާ ވަރަށް ފާޑު. ފަހަރެއްގައި ތަޤްދީރުން އަހަންނާ އެކުއްޖާ އެއްތަންކުރުވަފާނެއެއް ނޫންތަ؟] އެއީ ނާއިލް އެދޭގޮތެވެ.

އެކުއްޖާ، އާދެ! ޒޭނާއަކީ ކޮން ޢާއިލާއެއްގެ ކޮން ފެންވަރެއްގެ ކުއްޖެއްކަން ނޭނގުނަސް، އެކުއްޖާގެ ތަޞްވީރު ވަނީ ނާއިލްގެ ހިތުގައި ކުރެހި ބިންވަޅު ނެގިފައެވެ. އޭނާ އުންމީދު ކުރަނީ ތަޤްދީރުގެ ކޮންމެވެސް ރޭވުމެއްގެ ތެރެއިން އެކުއްޖާއާ ބައްދަލުވެވޭނޭ ގޮތް ފަހިވެ، އޭނާގެ ހިތްއެދޭ ބައިވެރިޔާ އޭނާއަށް ލިބޭނޭ ކަމަށެވެ.

[ތިބުނީ ރާއްޖެތެރޭގެ ނިކަމެތި ކުއްޖެއްގެ ވާހަކަ. އެކުއްޖަކާ ތިޢާއިލާގެ އެއްވެސް މީހަކު ރުހޭނެހެނެއް އަހަންނަކަށް ހިއެއްނުވޭ. ކުރިން ތިގޭގައި ހުރި ރަށެއްގެ އަންހެން ކުއްޖަކާ ނާއިޝް ވާހަކަ ދައްކާލީތީ، ޝާޢިރާއްތަ ކަންތައްކުރިގޮތް، އިއްޔެ މެންދުރު ހިނގި ކަމެއް ފަދައިން އަހަރެން ހަނދާން އެބަހުރި.] ސިޔާދު ނާއިލަށް، އޭނާގެ ޢާއިލީ ހައިބަތު ހަނދާންކޮށްލަދިނެވެ. ނަމަވެސް، އެއީ ނާއިލް އެއްވެސްވަރަކަށް ވިސްނާ ކަމެއް ނޫނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ކިތަންމެ މުދަލަކާއި ފައިސާ ހުއްޓަސް، ހުރިހާ އުފަލެއް، އެއްވެސް ބަޔަކަށް ނުލިބޭނެއެވެ. އޭނާއަކީވެސް މާލޭގެ ނިސްބަތުންވެސް ވަރަށްބޮޑު ތަނަވަސް ޢާއިލާއަކަށް ނިސްބަތްވާ މީހެކެވެ.

އެހެން ނަމަވެސް، އޭނާއަކީ އެންމެ އުފަލުގައި ބޮޑުވި ކުއްޖެއް ނޫނެވެ. އޭނާއަކަށް މަންމައެއްގެ ލޯތްބެއް ނުލިބުނެވެ. އެހެންވެ، އޭނާ ޤަބޫލުކުރާ ގޮތުގައި، އޭނާއާއި އޭނާގެ ބަލި މަންމައަކީ މުޅި ރާއްޖޭގެވެސް އެންމެ ނިކަމެތި މައިމީހާއާއި ދަރިފުޅެވެ.

[އަހަރެންނަށްވުރެ ނިކަމެތި މީހަކު މިޤައުމުގައި ނޫޅޭނެ. ދެން އަހަރެންގެ މަންމަ. ސަތާރަ އަހަރު ހޭދަވެގެން ދިޔައީ ނިކަމެތިކަން މަތީގައި އެމަންމަ އުޅޭތާ.] މަންމަގެ ޙާލަތާމެދު ވިސްނުނީމާ، ނާއިލް ފެންކަޅިވެއްޖެއެވެ.

[ނާއިލް، އަހަންނަށް ފެންނަނީ ރަނގަޅު ފަންޑިތަވެރިޔަކު ހޯދައިގެން ފަންޑިތަ ހައްދަން. މިހާރު ދެން ސަތާރަ އަހަރު ވަންދެން ޑޮކްޓަރީ ބޭސް ކުރެވިއްޖެއެއްނު. އަހަރެން ހޯދަންތަ ރަނގަޅު ފަންޑިތަ ހަދާ މީހަކު.....] ސިޔާދު ބުންޏެވެ.

[އާނ ހޯދަބަލަ ރަނގަޅު މީހަކު. މީގެކުރިން ބައްޕަ ކިތަންމެ ވަރަކަށްވެސް ފަންޑިތަ ހައްދަން މަސައްކަތް ކޮށްފި. އެކަމަކު ކޮންމެ ފަހަރަކުވެސް އަހަރެން އެކަމަށް ދެކޮޅުހަދަނީ. އެއީ އަހަރެން ޤަބޫލުކުރާ ކަމަކަށްނުވާތީ.] ނާއިލް ބުންޏެވެ.

[އަހަރެންގެ މަންމަ ދަންނަ ވަރަށް މޮޅު މީހެއް އުޅޭ ފަންޑިތަ ހަދާ. އޭނައަކީ އެކަމަށް ވަރަށް މޮޅު މީހެކޯ މަންމަމެން ބުނާތީ، އަހަރެން އަޑުއަހަން. މިރޭ އަހަރެން މަންމަ ގާތު ތިވާހަކަ ދައްކާނަން. އެއީ މިރަށުގައި ކުއްޔަށް އުޅޭ މީހެއް.] ހިނގާ ކޮންމެވެސް ދިމާއަކަށް ދަމާ ކޮފީއަކަށް. މިހާރު އެންމެ ރަނގަޅީ ކޮން ތަނެއްތަ؟] ނާއިލް ކާރު އަލުން ސްޓާޓްކޮށްލިއެވެ.

[ހެދިގޮނޑުދޮށާ ދިމާލުގައި ހުންނާނެ ރަނގަޅު ތަނެއް. ހިނގާ އެދިމާއަށް ދަމާ.] ސިޔާދު މިހެން ބުނީމާ ނާއިލް ކާރު އަނބުރާލިއެވެ.

ސިޔާދުގެ ލޯބިވެރިޔާ ލައިލާ ސިޔާދަށް ގުޅީ އެވަގުތުއެވެ. ދިމާވީ އިއްތިފާޤެކެވެ. ލައިލާ ސިޔާދަށް ގުޅީ، އެ ސަރަޙައްދުގައި ހުރި ކެފޭއެއްގައި ރައްޓެހި ކުދި ބަޔަކާއެކު ތިބި ވާހަކަ ބުނާށެވެ. ވުމާއެކު، ސިޔާދާއި ނާއިލް ގޮސް ވަނީ ލައިލާމެންވެސް ތިބި ކެފޭއަށެވެ.

[ސިޔާދު އަހަރެމެން މިތިބީއޭ. މިމޭޒަށް އައިސްބަލަ.] އިވުނީ ލައިލާގެ އަޑެއް ނޫނެވެ. އެއީ ލައިލާގެ އެކުވެރި ގްރޫޕްގައި ހިމެނޭ ޔުމްނާގެ އަޑެވެ.

[ވާހް ތިއީތަ ޑޮކްޓަރ ނާއިލަކީ؟] ލާނެތް މިޒާޖުގެ ޔުމްނާ، ނާއިލްމެން އެމޭޒާ އަރާ ހަމަވުމުން އެއްސެވެ. ނާއިލް ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ.

[ދެން އަހަރެން ވަރަށް ގިނައިން ބަލިވާނެ. އަޅެ ކޮން ހޮސްޕިޓަލަކަށް ނޫނީ ކޮން ކުލިނިކަކަށްތަ އަހަރެން ދާން ޖެހޭނީ؟] ޔުމްނާ ބޭނުންވަނީ ސަމާސާކޮށްލާށެވެ. އެއީ އޭނާގެ ޠަބީޢީ ސިފައެކެވެ. ކިތަންމެ ނުދަންނަ މީހަކާވެސް އޭނާ ވަރަށް އަވަހަށް ރައްޓެހިވެ ގުޅާލައެވެ.

[އަދި ދާން ޖެހޭނީ އަހަރެންގެ ގެއަށްދޯ ސިޔާ.] ސިޔާދަށް ދޯ އެއްލަމުން ނާއިލް ޔުމްނާގެ ސަމާސާގައި ބައިވެރިވިއެވެ.

[ތެދެއް އެބުނީ. އެކަމަކު ނާއިލް ވާނީ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކަށް. ޔުމްނާ ޖެހޭނީ ބޭބީއަކަށްވާން.] ސިޔާދުވެސް އެސަމާސާގައި ބައިވެރިވިއެވެ.

[އަހަރެން ބޭބީއެއް ހޯދާނީ. ސިޔާދާއި ނާއިލަށް ކޯއްޗެއްތަ އޯޑަރު ކުރަންވީ؟] އަދި އެހުރިހާ އަންހެން ކުދިންގެ މަތިންވެސް ވާހަކަ ދައްކަނީ ޔުމްނާއެވެ.

[އަހަރެމެން މިއައީ ކޮފީ ބޯން. އެނޫން އެއްޗެއް އަހަރެމެން ބޭނުމެއް ނޫން.] ސިޔާދު މިހެން ބުނީމާ ޔުމްނާ ދެލަވާޒާއަށް އޯޑަރު ދިނެވެ.

އެރޭގެ ދަންވަރުގެ ވަގުތެވެ. ނިދާ ކޮޓަރީގައި ތިބެ އިލްޔާސާއި ޝާޢިރާ މުޅިންވެސް ދައްކަމުން އެދަނީ ނާޒިމާއަށް ފަންޑިތަ ހަދާނޭ މީހަކާ ބެހޭގޮތުންނެވެ.

[ޝާޢިރާއާ މިކަން ޙަވާލުކޮށްގެން އަހަރެން މިއުޅެނީ. ޝާޢިރާއަށް ނުވަންޏާ ބުނާތި. އެ ވަރިހަމަ، ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައިވެސް އެކަމަށް ކުޅަދާނަ މީހަކު ހުރިއްޔާ، އެމީހަކު ހުރި ތަނަކަށް އެއަރ ޓެކްސީއެއް ފޮނުވައިގެންވެސް އަހަރެން އެމީހަކު ގެންނާނަން.] އިލްޔާސް ބުންޏެވެ.

[އިލްޔާސްގެ މިވާހަކައަކީ ޝާޢިރާ ވަރަށް ކަންބޮޑުވާ ވާހަކައަކަށްވިއެވެ.

[އަހަރެން މިހާރު މިއުޅެނީ ދެތިން މީހުނާ ވާހަކަ ދައްކައިގެން. މާދަމާ އަހަރެން ކޮންމެވެސް އެކަކު މިގެއަށް ގެންނާނަން.] ޝާޢިރާ، އޭނާގެ މޫނުމައްޗަށް ވެރިވަމުންދިޔަ ހާސްކަން ފިލުވަން މަސައްކަތް ކުރަމުން ބުންޏެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ނާއިލް ތެދުވެގެން ދިޔުމާއެކު، ފާރައަށް ހުރެފައި، ކޮޓަރި ސާފުކުރުމަށްޓަކައި ޒޭނާ ވަނެވެ. އޭގެކުރިން އޭނާ ނާޒިމާގެ ކޮޓަރިއާއި ސިޓިންގރޫމް ސާފުކޮށް، ނާޒިމާއަށް ހެނދުނުގެ ސައިދީ ނިންމާލިއެވެ.

ކޮޓަރިތެރޭގައި ހަނދާން ނެތިގެން ބޭއްވިފައި އޮތް ނާއިލްގެ މޯބައިލް ފޯނު ރިންގުވާން ފެށީ، ޒޭނާ އެނދު ތަންމަތި އަޅަން ފެށިތަނާހެންނެވެ.

ފޯނު ރިންގުވާން ފެށުމުން، އޭނާ ވަރަށް ބޮޑަށް ހާސްވިއެވެ. ކޮޓަރި ދޮރު ހުޅުވާފައި ނާއިލް އައިސްވަނީ، ރިންގްވަމުންދިޔަ ފޯނާ ދިމާއަށް ޒޭނާ ބަލަން ހުއްޓައެވެ.

ނާއިލް ދޮރު ހުޅުވާފައި އެތެރެއަށް ވަނުމާއެކު، ނިކަން ހާސްވެފައި ހުރެމެ، ޒޭނާ އަނެއް ފަރާތަށް އެނބުރުނެވެ. އެވަގުތުވެސް ނާއިލްގެ ލޮލުގައި އަޅައިގަތީ ޒޭނާގެ އަތުގައިވާ އުޅާއެވެ.

[ކާކުތީ؟ އަހަރެން ބޭނުން ތިޔައީ ކާކުކަން ދެނެގަންނަން. ކީއްވެތަ، އަހަންނަށް މޫނު ފޮރުވަން މަސައްކަތް ތިކުރަނީ؟] ނާއިލް ކުޑަކޮށް ޒޭނާއާ ކައިރިއަށް ޖެހެން ފެށިއެވެ. އޭނާގެ ޙަރަކާތް، ނާއިލް ހީނުކުރާވަރަށް އަވަސްވެފައި ހަލުވިއެވެ. އޭނާ ނިކަން އަވަސް ޙަރަކާތްތަކަކާއެކު ބެޑްޝީޓުން މޫނު ފޮރުވައިގެން ކޮޓަރިން ނުކުތެވެ. އޭނާގެ ފަހަތުން ނިކަން ބާރަށް ނާއިލް ނުކުތް ނަމަވެސް، އޭނާއަކަށް ޒޭނާ އަތެއްނުވިއެވެ. އެހެން ނަމަވެސް، ޒޭނާއާމެދު ވަރަށް ގިނަގުނަ ސުވާލުތަކެއް، އޭނާގެ ހިތުގައި އުފެދުނެވެ. ހަމަގައިމުވެސް ޒޭނާ، އޭނާއަށް މޫނު ފޮރުވަންޖެހޭ ސަބަބެއްވާނެ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.

[މިއީ ހަމަ ޢަޖައިބެއް. އެއީ ކާކުބާ؟ ކީއްވެބާ އަހަންނަށް މޫނު ފޮރުވަން މަސައްކަތް ކުރަނީ. ޔަޤީން، ކޮންމެވެސް ސިއްރުތަކެއްވާނެ.] ނާއިލް ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ސިޔާދާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ސިޔާދުމެން އޮފީސް ކުރިމަތީގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރޭގައެވެ.

[ތިބުނަނީ މިއަދު ނާއިލް މަޑުކުރާށޭ ބުނީމާވެސް މޫނު ނުދައްކާ ދިޔަ ވާހަކަ. ވެދާނެއެއްނު މާރީތި ކުއްޖަކަށްވާތީ، ނާއިލް އެކުއްޖާގެ ދަލުގައި ޖެހިދާނެތީ، ޝާޢިރާ ދައްތަ އެކުއްޖާއަށް ބުނެދީފައިވާ ގޮތަކީ ކަމަށްވެސް.]

މާޒީގައި އެގޭތެރޭގައި ހިނގާފައިވާ ކަންތައްތަކުގެ ސަބަބުން އެއީވެސް ވެދާނެ ގޮތެއް ކަމަށް ވިސްނަންޖެހެއެވެ.

[ތިބުނާހާ ރީތި ކުއްޖެއް ވެއްޖެއްޔާ، ކޮންމެހެންވެސް ބައްދަލުކުރަންވާނެ. ރީތިވެފައި އަހަރެން ހިތްކިޔާ ގޮތެއް ހުރެއްޖެއްޔާ، އަހަންނަކީ އެކުއްޖެއްގެ ޙަސަބާއި ނަސަބަށް ބަލާނެ މީހެއް ނޫން. އެކަމަކު ކުޅުދުއްފުށިން ފެނުނު ކުއްޖާގެ ހަނދާންތައް ފަނޑުކޮށްލެވެންވާނެ.] ނާއިލް ބުންޏެވެ.

ކުޅުދުއްފުށިން ފުރައިގެން މާލެ އައި ދަތުރުމަތީގައި ދިމާވެ، ހިސާބަކަށް ރަޙްމަތްތެރިކަން އުފެދި، އެހެނަސް އެދުވަހުގެ ފަހުން ދިމާވެފައިނުވާ ރައްޓެއްސެއް ކަމުގައިވާ ކުޅުދުއްފުށީގެ ޒުވާނެއް ކަމުގައިވާ ފިރާޤު، އެ ރެސްޓޯރެންޓް ކުރިމަތިން ހުރަސްކުރަނިކޮށް ނާއިލަށް ފެނުނީ އެވަގުތެވެ. ވަގުތުން ނާއިލް ކުޑަކޮށް ބޭރަށް ނުކުމެލުމަށްފަހު ފިރާޤަށް ގޮވިއެވެ.

[އަނހަ ނާއިލް ކޮންއިރަކު އައީ؟] ފިރާޤު އައިސް ރެސްޓޯރެންޓް ތެރެއަށް ވަނެވެ.

[މިހާރު ދިހަވަރަކަށް ދުވަސް ވެއްޖެ. ކޮންމެވެސް އެއްޗެއް ގެންނަންވީނު. ދީބަލަ ނަމްބަރު. އަހަރެން ބުނީމެއްނު، ތިރަށު އޮފީހާ ދިމާ އުތުރަށް އެހުންނަ ގެއިން ނުކުންނަތަން ފެންނަ އަންހެން ކުއްޖާގެ މަޢްލޫމާތު ހޯދައިދޭށޭ. އެކަމެއްވެސް ނުވިދޯ.] ނާއިލް ފިރާޤުގެ ފޯނު އަތުލައި، އެފޯނުން އޭނާގެ މޯބައިލަށް ރިންގްކޮށްލަމުން ބުންޏެވެ.

[އެއީ އަހަރެމެންގެ ރަށު ކުއްޖެއް ނޫނޭ. އެއީ ނައިވާދޫ ކުއްޖެއް....އަހަންނަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، އެކުއްޖާ މިހާރު އުޅެނީ މާލޭގައި. އަހަރެންވެސް މިހާރު ރަށަށް ނުދާތާ ދެތިން އަހަރު ވެދާނެ.] ފިރާޤު ކިޔައިދިނެވެ. އެއީ ނާއިލް ބޭނުންވެފައިވާ މުހިންމު މަޢްލޫމާތުތަކެކެވެ.

[އެކުއްޖާ މާލޭގައި އުޅޭ ގެއެއް ހޯދިދާނެތަ. އަޅެ ފިރާޤު މަސައްކަތްކޮށްލަބަލަ. އެކުއްޖާގެ އަމާނާތެއްވެސް އަހަރެންގެ އަތުގައި އެބައޮތް.] ނާއިލް އެދުނެވެ.

[މައްސަލައެއް ނެތް. އަހަރެން މަސައްކަތް ކުރާނަން. މިހާރު އެއްކޮށް ކިޔަވާ ނިމުނީތަ؟] އެކުއްޖާ އުޅޭ ގެއެއް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ބުނުމަށްފަހު، ފިރާޤު އެއްސެވެ.

[މިހާރު ނިމިއްޖެ. ތިޔައީ މިހާރު ޑޮކްޓަރ ނާއިލް. އަހަރެމެން އުފާކުރަންޖެހޭ، ޑޮކްޓަރަކާއެކު މިގޮތަށް ވަގުތު ހޭދަކޮށްލަން ލިބޭތީ.] ފިރާޤަށް ޖަވާބު ދިނީ ސިޔާދެވެ.

[އަޞްލުވެސް ނިމުނީތަ؟] ފިރާޤު އުފާވެފައި ހުރެ އެއްސެވެ.

[އާނ ދެން ޖެހޭނީ ކޮންމެވެސް ހޮސްޕިޓަލެއްގައި މަސައްކަތް ކޮށްލާފައި ޚާއްޞަވާން ދާން. މަންމަ ބަލި ނޫންނަމަ، އަހަރެން އަންނާނީ އެކޮޅުން ޢަމަލީ ތަޖްރިބާ ހޯދުމަށްފަހު، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކަށްވެގެން.] ނާއިލް ބުންޏެވެ.

[އަހަރެންވެސް އުފާވެއްޖެ. އަހަރެން މިއަދު ސީދާ އެ އަންހެން ކުއްޖާ އުޅުނު ގެއަށް ގުޅައިގެން، އޭނާ މިހާރު ހުރި ހިސާބު ހޯދާނަން.] ފިރާޤު ބުންޏެވެ.

[މިއަދު ޚަބަރެއްވާންވާނެ. އެފަހަރު ބުނީމެއްނު ކައިވެނި ކުރަން އުޅޭ ވާހަކަ. ކޮބައިތަ މިހާރު ކައިވެނި ކޮށްފިންތަ؟] ނާއިލް ފިރާޤުގެ އަމިއްލަ ޙަޔާތާ ބެހޭގޮތުން ސުވާލުކުރިއެވެ.

[ތިވާހަކަ ރަނގަޅީ ނުދެއްކިއްޔާ. އަޞްލު ނާއިލްމެން ސީދާ މިރަށަށް އުފަން މީހުން ގާތު މިކަހަލަ ވާހަކަ ދައްކާކަށްވެސް ނުވާނެ.] ކުއްލިއަކަށް ފިރާޤުގެ ރާގު ބަދަލުވިއެވެ.

[ކިހިނެއްވީ ކިޔާދީބަލަ. އަހަރެމެން ދެމީހުންނަކީވެސް އެއްވަރަކަށް ފިރާޤާ ގާތް ދެމީހުން ކަމަށް ޤަބޫލުކޮށްގެން، ދިރިއުޅުމުގައި ހިނގާފައިވާ ކަންތައްތައް ޙިއްޞާކޮށްބަލަ.] ނާއިލް އެދުނެވެ.

[އަހަރެމެން ދެމީހުން ރައްޓެހިވެ ވަރަށް ގާތް ގުޅުމެއް އުފެދި، އެގުޅުން ބަދަހިވެ ކައިވެންޏަކާ ހަމައަށްދާން ބޭނުންވި. އެކަމަކު....] އަނެއްކާވެސް ފިރާޤު ހުއްޓުންއެރިއެވެ. މާޒީގެ އެހިތްދަތި ހަނދާންތައް އާކުރަން ފެށުމަކީ، އޭނާގެ ހިތަށް ވަރަށް އަސަރުކުރާ ކަމެކެވެ. ފާއިތުވެދިޔަ ތިން އަހަރު ދުވަސް އޭނާ ހޭދަކޮށްފައިވަނީ، އެހަނދާންތަކާއެކު ހިތްދަތި ކަމުގައެވެ.

ތެދެކެވެ. ފިރާޤާއި އޭނާގެ ލޯބިވެރިޔާ ތޫމާ ފުރަތަމަ ދިމާވެފައިވަނީ މާލޭ ހެދިގޮނޑުދޮށު ސަރަޙައްދުންނެވެ. ތޫމާ ފުރަތަމަ ފެނިލުމާއެކުވެސް ފިރާޤަށް ތޫމާއާމެދު ޝައުޤުވެރިވެވުނެވެ. ތޫމާއަށް އޭނާ ފާރަލާން ފެށީ، ތޫމާގެ ދެވަނަ ފެނިލުމަށްފަހުގައެވެ. އެ ދެވަނަ ފެނިލުމުގައި، ތިމާވެސް އޭނާއާމެދު ވިސްނާ ކަމުގެ އިޙްސާސްވުން އެއީ އޭނާ ތޫމާގެ ލޯބި ހޯދުމަށް މަސައްކަތް ކުރަން ޖެހުމުގެ އަޞްލެވެ.

އޭނާ ވަރަށްބުރަ އެހެނަސް ލޯތްބަށްޓަކައި ކުރެވުނު ވަރުބަލިވުމެއް ނެތް މަސައްކަތުން، އޭނާއާއި ތޫމާ ލޯބީގެ ގުޅުމަކުން ގުޅުނީ މަސައްކަތް ކުރާތާ ދެތިން މަސް ފަހުންނެވެ.

ތޫމާވެސް ފިރާޤެކޭ އެއްފަދައިން، ފިރާޤުދެކެ އިންތިހާއަށް ލޯބިވިއެވެ. ނަމަވެސް، އެލޯބީގެ ގުޅުން ބަދަހިވެ، ދެލޯބިވެރިންނަށް އެކަކު އަނެކަކާނުލާ އުޅުން އެއީ ވޭނަކަށްވާވަރަށް ގުޅުން އުފެދިގެން ދިޔައިރުވެސް، ތޫމާގެ މައިންބަފައިންނަށް އެގުޅުމުގެ އެއްވެސް އިޝާރާތެއް ލިބިފައެއް ނުވެއެވެ. އެގުޅުމަށް ހުރަސްތަކެއް މެދުވެރިވީ، ތޫމާގެ މައިންބަފައިންނަށް އެކަން އެނގުނު ހިސާބުންނެވެ. ތޫމާގެ މައިންބަފައިންނަށް އެކަން އެނގުނީ ކައިވެނި ކުރަން ބޭނުންވެ، އެވާހަކަ ފިރާޤު ތޫމާގެ ބައްޕަ ގާތު ބުނީމައެވެ. ތޫމާގެ ބައްޕައާ ހަމައަށް އެވާހަކަ ގެންދިޔައީ ފިރާޤުގެ ބޭބެ ފުވާދެވެ.

ނަމަވެސް، އެދުވަހު ތޫމާގެ ބައްޕަ ޖާބިރުގެ ފަރާތުން ފެނިގެން ދިޔައީ، ވަރަށް ހަރުކަށި އަމިއްލަ ގޮތް ބޮޑު ސިފަތަކެކެވެ. އޭނާ ފުރަތަމަވެސް ކުރި ސުވާލަކީ ފިރާޤަކީ ކޮން ރަށެއްގެ، ކޮން ފެންވަރެއްގެ މީހެއްތޯއާއި، އަދާކުރާ ވަޒީފާއާ ބެހޭގޮތުންނެވެ.

އޭރު ކަންދިމާކުރި ގޮތުން ފިރާޤަކީ މަދްރަސީ ޙަޔާތް ނިމި، ރިޒޯޓެއްގެ ފްރޮންޓް އޮފީހުގައި މަސައްކަތް ކުރަމުންދިޔަ ޒުވާނެކެވެ.

[އަހަރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު ރާއްޖެތެރޭގެ ބިކާރީއަކާ ޙަވާލެއް ނުކުރެވޭނެ. ތިބުނާ ސޮރެއްގެ ކައިރީ ބުނޭ، ކަލެޔާ އެކަށީގެންވާ މީހަކު ހޯދާށޭ. އަހަރެންގެ ދަރިފުޅު ތޫމާގެ ދިރިއުޅުމަށް އަހަރެން ވަނީ މާލޭގެ ތަނަވަސް ޢާއިލާއެއްގެ ތަޢްލީމީ ޒުވާނަކު ހޯދާފައި.] އެދުވަހު ވަރަށް ހަރުކަށި ޢިބާރާތުން ތޫމާގެ ބައްޕަ ޖާބިރު ބުނެފައިވެއެވެ. އޭރު އެ އަޑު އިވޭ ހިސާބުގައި ތޫމާ ހުއްޓެވެ.

[ނޫން...ބައްޕާ...އަހަރެން ފިރާޤު ނޫން އެހެން މީހަކާ ނީންނާނަން. އަޅެ ޕްލީޒް ބައްޕާ، އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ އިޚްތިޔާރު ކުރުމުގެ ފުރްޞަތު އަހަންނަށްދީބަލަ.] ތޫމާ ރޮއިގަންނަމުން ބުނި އަޑު ފިރާޤުގެ ބޭބެއަށް އިވުނެވެ. އެއާއެކު ދެން އިވުނީ ޖާބިރުގެ ހޫނު ޙަމަލައެއް ތޫމާގެ ކަންކަށިމައްޗަށް އެރި އަޑެވެ. އެއާއެކު، ތޫމާ ނިކަން ބާރަށް ރޮއިގަތް އަޑު އިވުނެވެ.

އެހާ ހިސާބުން ފިރާޤުގެ ބޭބެވެސް އެގެއިން ނުކުމެގެން ދިޔައީއެވެ. އޭގެފަހުން ޖާބިރު ތޫމާއަށް ގެއިން ބޭރަށް ނުކުމެވޭނެ ފުރްޞަތެއްވެސް ނުދެއެވެ. އޭނާ ނިންމީ، ރޭވިފައިވާ ގޮތަށް ވީހާވެސް އަވަހަކަށް ތޫމާގެ ކައިވެނި ކުރުވުމަށެވެ. ނަމަވެސް، ތޫމާ އައީ ބައްޕަގެ އަނިޔާތަކަށް ކެތްކުރަމުން، އެކައިވެންޏަށް އިންކާރު ކުރަމުންނެވެ.

އޭގެފަހުން މާގިނަ ދުވަސްތަކެއްނުވެ، ފިރާޤަށް އަޑުއިވުނީ، އޭނާގެ ޙަޔާތުގެ އެންމެ ހިތްދަތި ޙާދިޘާ ހިނގި ޚަބަރެވެ. އާދ! ފިރާޤުގެ ލޯތްބަށްޓަކައި ތޫމާ ބޮޑު ޤުރްބާނީއެއްވިއެވެ. އެ ޚަބަރު އޭނާ އެހީ ޓީ.ވީއާއި ނޫސްތަކުގެ ޒަރިއްޔާއިނެވެ.

އާއެކެވެ. ފިރާޤުގެ ލޯތްބަށްޓަކައި އޭނާގެ އަމިއްލަ ފުރާނަ ޤުރްބާން ކުރަން ތޫމާ މަސައްކަތް ކުރީއެވެ. ނަމަވެސް ނަޞީބު ދިމާކުރި ގޮތުން، ތޫމާގެ ފުރާނަ ސަލާމަތް ކުރެވުނަސް، އޭނާއަށް ނަފްސާނީ ބަލިމަޑުކަމަކާ ކުރިމަތިލާން ޖެހުނެވެ.

[އޭގެފަހުން ފިރާޤަށް ތޫމާއާ ބައްދަލުވިތަ؟] ފިރާޤު ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން ނާއިލް އެއްސެވެ.

[ނޫނޭ ބައްދަލެއްނުވޭ. އަހަރެން ދެދުވަހަކު އެގެއަށްވެސް ދިޔައިން. އެމީހުން ތޫމާ ގެންގުޅެނީ ކޮޓަރިއެއްގައި ބަންދުކޮށްގެން. އަހަރެން ތޫމާއާ ބައްދަލުކޮށްދޭށޭ ބުނީމާ ވަރަށް ހުތުރުކޮށް އަހަންނާ ކުރިމަތިލީވެސް. ތޫމާގެ ރައްޓެއްސެއްގެ ފަރާތުން މަޢްލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެމީހުން ތޫމާ ބޭރަށް ގެންގޮސް ފަރުވާދީގެން ހިސާބަކަށް ރަނގަޅު. އެހެން ނަމަވެސް، އަދިވެސް ގަބުއަރާފައި ހުންނަ ކަމަށް އޭނާ ބުނި.] ފިރާޤު ކިޔާދިނެވެ.

[ޙަޤީޤަތުގައި އޭނާ އެވަނީ ތެދުވެރި ލޯބި. އެއީ މިޒަމާނުގައި ރާއްޖެއިން ނުފެންނަފަދަ ލޯބީގެ ނަމޫނާއެއް. އެކަމަކު އަހަރެން ވަރަށް ބޮޑަށް ޙައިރާންވެއްޖެ. ތިކުއްޖާގެ މައިންބަފައިންނަށް އެހާ ހިސާބަށް ކަންތައް ދިޔައީމާވެސް ނުވިސްނުނީމާ.] ނާއިލް ބުންޏެވެ. ނާއިލް އެކަންޏެއް ނޫނެވެ. ވަރަށްގިނަ ބަޔަކަށް އެކަމުގެ ޙައިރާންކަން ލިބުނެވެ.

އެކަމުން ތޫމާގެ ޢާއިލާގެ ގޮތްދޫނުކުރުމާއި، އަމިއްލަ އެދުމާއި، ގޮތްބޮޑުކަން ވަރަށް ރަނގަޅަށް ފާހަގަވެގެންދެއެވެ.

[ބައްޕާ ގޮތް ދޫކޮށްލާފައި ތޫމާ އެދޭ މީހާއާ ތޫމާ ދެވަންވީނު. ބައްޕަގެ ސަބަބުން ތޫމާގެ ދިރިއުޅުން އެދަނީ ހަލާކުވަމުން. އޭނާ ތަކުރާރުކޮށް ބުނަމުން އެދަނީ ފިރާޤުގެ ލޯތްބާނުލާ އޭނާއަށް ދިރިއުޅޭކަށް ފަސޭހައެއް ނޫނޭ.] ތޫމާގެ އެއްބަނޑު އެއްބަފާ ބޭބެ ޠާއިފް، އޭނާގެ ބައްޕަ ޖާބިރަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

[ނުވާނެ ތިކަމެއް. ބުނަން ޠާއިފް، އަހަންނަށް ވިސްނައިދޭވަރަކަށް އަދި ކަލޭވެސް ބޮޑެއްނުވޭ. އަހަރެންގެ އެދުންތަކުގައި ކޮޅުފައިންޖަހާފައި، އޭނާގެ އެދުންތައް އިސްކުރާކަށް އަހަރެން ފުރްޞަތެއް ނުދޭނަން.] ޖާބިރު ހުރީ ގޮތްދޫކުރާކަހަލަ މޫޑެއްގައެއް ނޫނެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން