ތ. ތިމަރަފުށީ ކެނެރީގެ އަލީ މުނީޒް
ތ. ތިމަރަފުށީ ކެނެރީގެ އަލީ މުނީޒް
ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅޭކަމުގެ ތުހުމަތަށް ތ. ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެރަށު ކެނެރީގެ އަލީ މުނީޒަށް ފުލުހުން އަނިޔާކޮށްފައި ނުވާކަމަށް އޭނާގެ އަންހެނުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ފުލުހުން އަނިޔާ ކުރުމުގެ ސަބަބުން މުނީޒަށް އައިޖީއެމްއެޗްގެ އިމަރޖެންސީގައި ފަރުވާދެމުން ދާކަމަށް ބުނެފައެވެ. މުނީޒްގެ ސިއްޙީ ޙާލަތު އޮޅުން ފިލުވައިދެމުން މުނީޒްގެ އަންހެނުން އައިޝަތު އީމާ މިއަދު ބުނެފައިވަނީ މުނީޒް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނީ ފުލުހުން އަނިޔާކޮށްގެން ނޫން ކަމަށެވެ.

އީމާ ބުނީ އޭނާގެ ފިރިމީހާގެ ސިއްހީ ޙާލަތާ ގުޅޭގޮތުން އެއްވެސް މީޑިއާ އަކަށް މަޢުލޫމާތެއް ޙިއްސާކޮށްފައި ނުވާނެ ކަމަށާއި، ފިރިމީހާގެ ކިޑްނީ މަސައްކަތްކުރާ ވަރު ދަށްވެ ބަރުދަން ވަރަށް ބޮޑަށް ލުއި ވެފައިވާ ކަމަށެވެ. އަދި މިނޫންވެސް ފިރިމީހާއަށް ދިމާވެފައިވާ ސިއްޙީ މައްސަލަތަކާ ގުޅިގެން މިވަގުތު ވަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްފައިކަމަށް އީމާ ބުނެފައިވެއެވެ.



އެއްވެސް ފަރާތަކުން މުނީޒްގެ ޙާލަތާ ގުޅޭ ގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަ ނުދެއްކުމަށް އެދޭ ކަމަށްވެސް އީމާގެ މެސެޖްގައި ވެއެވެ. ފުލުހުންވެސް ބުނެފައިވަނީ މުނީޒަކީ ސިއްހީ މައްސަލަތަކެއް ކުރިން ވެސް ހުންނަ މީހެއް ކަމަށާއި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ބަލިވެގެން ކަމަށެވެ.

އަލީ މުނީޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން