ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް
ކޮވިޑާ ގުޅިގެން ރައްކާތެރި ކަމަށް އަޅާ ފިޔަވަޅުތައް ހުއްޓުވުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.


ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި،  ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ސަރުކާރުން ފިޔަވަޅުތައް އަޅަނީ އެއިރެއްގެ ހާލަތަށް ބަލައި، އެ ވަގުތަކަށް އެންމެ އެކަށޭނަ ގޮތަކަށް ކަމަށެވެ.

އެގޮތުން މިހާރުގެ ހާލަތަށް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ. އަދި ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ހުއްޓުވުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް މަބުރޫކް ވިދާޅުވި އެވެ.

"އެއީ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ވިޔަސް، ރާއްޖެއަށް ގައުމަކުން މީހުން އައުން ހުއްޓުވަން ވިޔަސް، ލޮކްޑައުންއަކަށް ދިއުން ވިޔަސް، އެ ހުރިހާ އޮޕްޝަނެއް އިޒް އޮން ދަ ޓޭބަލްއޭ،" މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއިއެކު ކޮވިޑްގެ ކުރީގެ އޮތް ހާލަތަށް ރުޖޫއަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ރާއްޖޭގެ ކޮވިޑް ނަންބަރުތައް އިތުރުވުމަކީ ބިރުވެރިކަމެއް ކަމަށް މަބުރޫކް ވިދާޅުވިއެެވެ. އަދި ރާއްޖޭގެ ކޮވިޑް ނަންބަރުންތައް އިތުރުވަމުންދާތީ ހޮސްޕިޓަލުތަކުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް ވެސް މަބުރޫކް ވިދާޅުވިއެވެ.


ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާ ރައްޔިތުންގެ އެހީތެރިކަން ނެތި ނަަންބަރު ތިރި ނުކުރެވޭނެ ކަމަށް މަބުރޫކް ވިދާޅުވިއެެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަންނަ ބުދަ ދުވަހުން ފެށިގެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައި ސަރުކާރުން ވަނީ އެކަން އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު 4 ކަށް ވެހިކަލް ދުއްވުން މަނާ ވަގުތު ކަނޑައެޅުމާއި ސުކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ވަނީ ނިއްމާފައެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް އޮންލައިން ކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި ޕާކުތަކާއި ކަސްރަތު ކުރާ ތަންތަން ބަންދު ކުރުމާއި މިސްކިތުގައި ގައިދުރުކޮށް ނަމާދު ކުރުމާއި މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

ވެކްސިން ފުރިހަމަ ކުރުމުން ލިބޭ ލުއިތައް ދިނުން ހުއްޓާލައި މާލެ ސަރަހައްދުން ދަތުރުކުރާ އެންމެން 10 ދުވަހަށް ކަރަންޓީނު ވާންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ.

ކިޔުންތެރިންގެ ހިޔާލު