ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް (ކ). އާއި ރައީސް ނަޝީދު (ވ).
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް (ކ). އާއި ރައީސް ނަޝީދު (ވ).
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ކުށްވެރި ކުރަށްވައިފިއެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން މިރޭ އިރާކޮޅު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބިދޭސީއެއް ވެސް ޒަހަމްވެފައިވެ އެވެ.

އެ ޙަމަލާ ކުށްވެރިކުރަށްވައި ޤާސިމް އިބްރާހިމް މިރޭ ވިދާޅުވީ، ރައީސް މުހަންމަދު ނަޝީދުއަށް އަމާޒުކޮށް މިރޭ އިރާކޮޅު މާލޭގައި ދިން ނުރައްކާތެރި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. އަދި މި ޢަމަލު އަވަހަށް ތަހްގީގުކޮށް ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ޤާސިމް ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ރައީސް ނަޝީދާއި، އަނިޔާވި އެސްޕީޖީ އަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުމަށް ޤާސިމް ވަނީ ދުޢާ ކުރަށްވާފައެވެ.



ރައީސް ނަޝީދަށް ދިން ޙަމަލާ ކުށްވެރިކޮށް ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިރޭގެ ވަގުތެއްގައި ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް، ކާރުކޮޅު ކައިރިން ނުރައްކާތެރި އެއްޗެއް ގޮވައި އެމަނިކުފާނަށް އަނިޔާ ލިިބިވަޑައިގެންނެވި ޚަބަރަކީ ފުން އަސަރު ކުރިވި ހިތާމަވެރި ހަބަރެއް ކަމަށެވެ. އަދި މިއަމަލު ކުށްވެރިކޮށް، މިކަމުގެ ހަގީގަތް ވިހާވެސް އަވަހަކަށް ހޯދައި، ކަމާބެހޭ ފަރާތްތަކުން މިކަން ތަހްގީގުކޮށް ބެލުމަށް ޖޭޕީން ގޮވާލާފައި ވެއެވެ.

އަދި މި ޙަމަލާ ދިން ބަޔަކު ހޯދައި އެންމެ ހަރުކަށި އަދަބު ދިނުން ވީހާވެސް އަވަސް ކުރުމަށް ޖޭޕީން ވަނީ ގޮވާލާފައެވެ.

ރައީސް މުޙައްމަދު ނަޝީދަށް މިރޭ ދީފައިވާ ނުރައްކާތެރި ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ވަނީ ބައްދަލު ކުރަށްވާފައެވެ. އަދި އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްވެސް މިރޭ ވަނީ ބާއްވާފައެވެ.

މީގެ އިތުރުން ރާއްޖޭގެ ކުރީގެ ރައީސުންނާއި ސިޔާސީޕާޓީ ތަކާއި، ސިޔާސީ އިސް ފަރާތްތަކުންވެސް ވަނީ މި ޙަމަލާ ކުށްވެރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން