ރައީސް ނަޝީދުގެ ހަށިކޮޅަށް ޙަމަލާ އަމާޒުވެފައިވާ ތަންތަނުގެ ފޮޓޯއެއް
ރައީސް ނަޝީދުގެ ހަށިކޮޅަށް ޙަމަލާ އަމާޒުވެފައިވާ ތަންތަނުގެ ފޮޓޯއެއް
ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ޙަމަލާއަށް ފަހު، އެ މަނިކުފާނުގެ ހަށިކޮޅަށް ލިބުނު ގެއްލުންތަކަށް ފަރުވާދިނުމަށް ކުރަންޖެހުނު ސާޖަރީތައް ކުރިއަށް ގެންދިޔަ ގޮތާއި ހަމަލާގައި ލިބިފައިވާ ގެއްލުމާއި މިހާރުގެ ހާލަތު އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުން ހާމަކުރަށްވައިފިއެވެ.

މާލޭގެ ނީލޯފަރުހިނގުމުގައި ރައީސް ނަޝީދުގެ ޢާއިލީ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ ކައިރީގައި މިމަހުގެ 6 ވަނަ ދުވަހުގެރޭ 8:27 އިރު ބާރުގަދަ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ދިން ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު އޭޑީކޭގައި ކުރި އޮޕަރޭޝަން ތަކަށް 16 ގަޑިއިރު ވަނީ ހޭދަވެފައެވެ. އެހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވިއެވެ. ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތަކާ ބެހޭގޮތުން އޭޑީކޭއިން ބުނީ، އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް ނުރައްކާތެރި ސާޖަރީތަކެއް ހަދަން ޖެހުނު ކަމަށެވެ.

ރައީސް ނަޝީދަށް ފަރުވާ ދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަގޮތުގެ މަޢުލޫމާތު ދެއްވަމުން އޭޑީކޭގެ ޑޮކްޓަރ ދުސޫމާ ވިދާޅުވީ، ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލްގެ އިމަރޖެންސީރޫމަށް ގެނެވުނުތާ 10 މިނެޓު ތެރޭގައި އޮޕަރޭޝަން ތިއޭޓަރ އަށް ގެންގޮސް ފަރުވާދޭން ފަށާފައިވާ ކަމަށެވެ.

އޮޕަރޭޝަން ތިއޭޓަރުގައި ފުރަތަމަ ކުރީ ވަގުތީ ގޮތުން ލޭ މަނާކުރުމުގެ މަސައްކަތް ކަމަށާއި، އެގޮތުން ފުރަތަމަ އެންމެ ބޮޑަށް ލޭ އަންނަ ތަންތަނުން ލޭ މަނާކުރުމަށްފަހު އޭގެ ފަހުން ސީޓީ ސްކޭނެއް ހަދައި އެތެރޭގެ ގެއްލުންތައް ބެލި ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

އޭޑީކޭގެ ޑރ. ކައުޝަލް ވިދާޅުވީ އެތެރެ ހައްޓަށް ލިބިފައިވާ ގެއްލުންތަކުގެ ތެރެއިން، އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ ތޮރެސިކް އޭރިއާއަށް ކަމަށާއި، އެތެރެއަށް ލެއި ވެސް އެޅިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބޮމުގެ ތެރެއަށް އަޅާފައިހުރި ރޭޒާފުއް ނުރައްކާތެރިކަމަށެވެ.

ރައީސް ނަޝީދުގެ ސާޖަރީގައި ޙަރަކާތްތެރިވި އޭޑީކޭގެ ޑރ. ޝާފިއު ވިދާޅުވީ ރޭޒާ ފުކަކުން ޖެހި ރައީސް ނަޝީދުގެ ހިތުގެ ކައިރިން ހަތަރު ވަނަ މޭކަށިގަނޑުގައި ޖެހި އެ ކަށިގަނޑު ފުނޑިފައިވާކަމަށެވެ. އެގޮތުން މެއާ ދިމާއަށް ވަދެފައި ހުރި ރޭޒާ ފުއް ވަދެފައި ހުރީ ފުއްޕާމޭ ފޫއަޅާފައި ކަމަށާއި މެއަށް ނުވަދެ ހުރީ ކަށިގަނޑެއްގައި ޖެހުމުން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ހިތަށް ރޭޒާ ފުކެއް ނުވަދެ އިނީ އެންމެ ސެންޓި މީޓަރެއްގެ ދުރުމިނުން ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ނަޝީދުގެ ބަނޑު ތެރޭގައި ވެސް ތިން ދަނގަޑު އެތިކޮޅު އޮތް ކަމަށާއި، ބަނޑުގެ މަސްގަނޑު ފޫއަޅައި އެތެރެއަށް ވެސް ލޭ އެޅިފައިވާ ކަމަށް އޭޑީކޭގެ ޑޮކްޓަރ ނިޝާން ވިދާޅުވިއެވެ. އެގޮތުން ރައީސް ނަޝީދުގެ ފަލަ ގޮހޮރު ފޫއަޅާފަ އިން ކަމަށާއި، ބަނޑުގެ މައިދާ ވެސް ފޫއަޅާފަ އިން ކަމަށް ޑރ. ވިދާޅުވިއެވެ. އަދި ލިވާގަ އިން ރޭޒާ ފުކެއް ވެސް ނެގި ކަމަށާއި، ތިން ވަނަ ރޭޒާ ފުއް އިންތަން ނޭނގިގެން އިތުރު ސްކޭންތައް ހަދަންޖެހުނު ކަމަށް ޑރ. ވިދާޅުވިއެވެ.

މި ސާޖަރީތަކާ ގުޅޭ ގޮތުން ޑރ. ނިޔާފް ވިދާޅުވީ، ގޮހޮރު ފޫގޮއްސިނަމަ އާއްމުކޮށް ބަނޑު ތެރެއަށް ލީކުވި ނަމަވެސް، ރޯދަ މަސް ކަމުން ގޮހޮރު ވަރަށް ބޮޑަށް ހުސްކޮށް އޮތުމުން ނަޖިސް މާބޮޑަށް ބަނޑު ތެރެއަށް އެޅިފައިނުވުމަކީ އޮޕްރޭޝަން އަވަސް ކުރުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

ރައީސް ނަޝީދުގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން އޭޑީކޭ އިން ބުނީ ރައީސް ނަޝީދަށް މިހާރު އަމިއްލަފުޅަށް ނޭވާލެވޭތީ ވެންޓިިލޭޓަރު މިހާރު ނައްޓާލެވިފައިވާ ކަމަށާއި އަދި ބްލަޑް ޕްރެޝަރު ބޭސް ވެސް މިހާރު ހުއްޓާލެވިފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ހާލު މިހާރު ސްޓޭބަލް ކަމަށް ވެސް ޑޮކްޓަރ ވިދާޅުވިއެވެ. ނަމަވެސް އަދި ބަލަން ޖެހޭ މުހިންމު ކަންކަން ކުރިއަށް އޮތީ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އޭޑީކޭ އިން ބުނީ ރައީސް ނަޝީދުގެ ސިއްޙީ ޙާލަތު މީޑިއާ އާއި ޙިއްސާ ކުރަމުން ގެންދަނީ ޢާއިލާގެ އެދުމުގެ މަތިން ޢާއިލާއިން ހާމަކުރަން ބޭނުންވާ މިންވަރަށް ކަމަށެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅޭގޮތުން އެމްއެންޑިއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ އެ ޙަމަލާއަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އަމާޒުކޮށްގެން ދިން ޙަމަލާއެއް ކަމަށާއި، މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުގެ ހަނގުރާމައިގެ މައިދާން ތަކުގައި ޙަރަކާތްތެރިވެފައިވާ ބައެއް މީހުން ރާއްޖޭގައި އުޅެމުން ދިއުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ހައި ރިސްކު ބޭފުޅެއް ކަމަށާއި އެހެންކަމުން އެމަނިކުފާނާއެކު ސެކިއުރިޓީން އުޅޭނީ ހަތިޔާރާއެކު ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ. ރައީސް ނަޝީދަށް ޙަމަލާދިންކަމަށް ތުހުމަތު ކުރެވޭ ބަޔަކު މިއަދު ފުލުހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން