04 ވަނަ އެޕިސޯޑް

==========

[ބައްޕާ ހިތްތިރިކޮށް ކޮއްކޮގެ އިޙްސާސްތަކާމެދު ނިކަން ފުންކޮށް ވިސްނާލަބަލަ. ބައްޕައަށް ވިސްނައިދެވޭވަރަށް އަހަރެން ބޮޑުނުވިޔަސް، އަހަންނަށް ހީވަނީ ބައްޕައަށްވުރެން މިކަމުގައި އަހަރެންގެ ވިސްނުން މާރަނގަޅުހެން.] ޠާއިފް މިހެން ބުނެފައި ބައްޕަގެ ކުރިމަތިންދިޔައެވެ.

އެދުވަހުގެ މެންދުރުގެ ފަހުގެ ވަގުތެކެވެ. ޝާޢިރާ އޭނާ ދަންނަ ފަންޑިތަ ހަދާ މީހަކު ގެނެސް އިލްޔާސްމެނަށް އޭނާ ތަޢާރަފްކޮށްދިނުމުގެ މަސައްކަތް ކުރަނީއެވެ.

[އިލްޔާސް، މިއޭ އަހަރެން ބުނި މީހަކީ، ވަރަށް ކުޅަދާނަވާނެ. މުޙްސިން ކިޔަނީ.] ޝާޢިރާ މުޙްސިން އިލްޔާސްމެނަށް ތަޢާރަފްކޮށްދިނެވެ.

[އެހެންތަ މިހާރު އަހަރެމެން ކުރަން އުޅޭ ކަންތަކުގެ މަޢްލޫމާތު މުޙްސިނަށް ދީފިންތަ؟ އަހަރެން މިދަނީ ބައްދަލުވުމަކަށް ދާން. ޝާޢިރާ ތިކަން ރަނގަޅަށް ކުރުވާތި....] މިހެން ބުނެފައި މުޙްސިނާ ސަލާމް ކުރުމަށްފަހު އިލްޔާސް ނުކުތެވެ.

އިލްޔާސް ދިޔުމުން، ލިބުނު ހިތްހަމަޖެހުމާއެކު ޝާޢިރާ ދެއަތަކަށް ބޯހޫރާލިއެވެ. އެތަނުގައި ނާއިލްވެސް އޭރު ހުއްޓެވެ.

[މުޙްސިންބެ، މަންމަ ރަނގަޅު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާތި. މިހާރު ޑޮކްޓަރީ ފަރުވާ، ހުއްޓުމެއްނެތި ކުރާތާ ސަތާރަ އަހަރު ވެއްޖެ.] ނާއިލް މުޙްސިނާ ސަލާމް ކޮށްލިއެވެ.

[އަހަރެން ވަރަށް މަސައްކަތް ކުރާނަން. ޝާޢިރާ ހުރިހާ ވާހަކައެއްވެސް ވަރަށް ރަނގަޅަށް ކިޔައިދީފި. މިކަމާމެދު ނާއިލް ކަންބޮޑުނުވޭ.] މުޙްސިން ޝާޢިރާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.

[ކުޑަމަންމާ...މިވަގަތު އަހަރެން ދަނީ....] ނާއިލް އޭނާ އުޅޭ އެޕާޓްމަންޓާ ދިމާއަށް ހިނގައިގެންފިއެވެ. އެއާއެކު ޝާޢިރާ ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ.

[މުޙްސިން ހިނގާބަލަ ނާޒިމާ އުޅޭ ކޮޓަރިއަށް ދަމާ.] ޝާޢިރާ ވަށައިގެން ހޯދާލަމުން ވާހަކަ ދެއްކިއެވެ.

[މަޑުކުރޭ ތަށްޓެއް ލިޔެލައިގެން ދާނީ. އެއްފަހަރުން ނިންމައެއް ނުލެވޭނެ. މަޑުމަޑުން ދެމުން ދެމުން ގޮސް އެއްކޮށްދާ ގޮތަށް މަސައްކަތް ކުރާނީ.] މުޙްސިން ތަށްޓެއް ލިޔަން ފެށިއެވެ. އެއީ އޭނާގެ މަސައްކަތުގެ އާ ފެށުމެކެވެ.

ކުރިންވެސް އޭނާވަނީ ޝާޢިރާ ބުނެގެން ކިތަންމެ ކަމެއް ކޮށްދީފައެވެ. ޝާޢިރާގެ އަތުން ލިބޭ ޢަދަދު ނުކުރެވޭހާ ގިނަ ފައިސާގެ ބޭނުމުގައެވެ. ފައިސާގެ ދަހިވެތިކަމުގައި ކުރިޔަސް، އޭނާ ކުރަމުންދަނީކީ ރަނގަޅު ކަމެއް ނޫނެވެ.

އެއީ އިންސާނެއްގެ މަގާމުގައި ހުރެ އެއްވެސް މީހަކު ކުރަން ހެޔޮވާވަރުގެ ކަންތައްތަކެއްވެސް ނޫނެވެ. އެއީ ޒަމާނާ ގުޅުން ހުރިވެސް ކަމެއް ނޫނެވެ. ކުރީގެ ބޯދާ ޒަމާނުގައި އެފަދަ ކަންތައްތައް ވަރަށް ގިނައިން ކޮށް އުޅެއެވެ. ނަމަވެސް، ޒަމާނަށް އައި ބަދަލާއެކު ފަންޑިތަ ޤަބޫލުކުރާ މީހުންވެސް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެހެން ނަމަވެސް، އަނިޔާވެރި ގޮތުގައި އެކަން ކޮށްއުޅޭ މީހުން މަދެއްވެސް ނޫނެވެ. އެފަދަ ބަޔަކު އެކަން ކުރަނީ ފަހަރެއްގައިވެސް އެއީ ކިހާވަރެއްގެ ނުބައި ކަމެއްކަން ނޭނގޭތީއެއް ނޫނެވެ.

އެނގި ތިބެމެ ފައިސާއާއި އެހެނިހެން ދުނިޔޭގެ އެދުންތައް ކުރިއަށް ނެރެވެނީއެވެ. އޭގެ ހިތިކަން ލިބޭނެ ދުވަހެއް އަންނާނެއެވެ.

[ނާޒިމާ މިތަށި ބޭނުންކުރާނެތަ؟] ތަށި ލިޔެ ނިންމައި، ބިއްލޫރި ތައްޓަށް އަޅަމުން މުޙްސިން އެހިއެވެ.

[އަހަރެމެން ދީގެން ނުބޯނެ. ތި ދޭންޖެހޭނީ ކާއެއްޗިއްސަށް އަޅާފައި.] ޝާޢިރާ ބުންޏެވެ.

[ހިނގާ އަހަރެން ބޭނުން މިހާރު ނާޒިމާގެ ޙާލަތު ދެނެގަންނަން. ހިނގާ އެކޮޓަރިއަށް.]

މުޙްސިނާއި ޝާޢިރާ ދިޔައީ ނާޒިމާ އޮތް ކޮޓަރިއަށެވެ. ޝާޢިރާ ފެނުމާއެކު، ނާޒިމާގެ ދެލޯ ބޮޑުވިއެވެ. ހީވެއެވެ. ޝާޢިރާ ފެނުމުން، އޭނާ ބިރުގަންނަނީއެވެ.

[ބިރުނުގަނޭ ނާޒިމާ. އަހަރެން އަހަރެންގެ ރަޙްމަތްތެރިޔާއަށް ގެއްލުމެއް ނުދޭނަން. ނާޒިމާ ތިގޮތަށް ހިތްދަތި ކަމުގައި ދިރިއުޅޭތީ، އަހަރެން ވަރަށް ދެރަވޭ. ނާޒިމާގެ ތިހިތްދަތިކަން ބަލާކަށް އަހަންނަށް ކުޅަދާނައެއް ނުވާނެ.] ޝާޢިރާ ނާޒިމާގެ ބޮލުގައި އަތް ކާއްތާލިއެވެ. އެއާއެކު، އިންތިހާއަށް ބިރުގަނެ ހާސްވެފައި އިން ނާޒިމާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަން ފެށިއެވެ.

[މުޙްސިން، ޙަޤީޤަތުގައި މިގޮތަށް ހިތްދަތި ކަމުގައި ދިރިއުޅުމުގެ ބަދަލުގައި މަރުވުންވެސް ނާޒިމާއަށް މާރަނގަޅުވާނެ. އޭރުން އަހަންނަށްވެސް މާބޮޑަށްވެސް ފަސޭހަވާނެ. މުޙްސިން މިކަން ކޮށްދީފިއްޔާ، މުޙްސިން ބުނި ޢަދަދަކަށް ފައިސާދޭން އަހަރެން މިހުރީ ތައްޔާރަށް. މިހާރު އިލްޔާސްވެސް ބޭނުން ވަނީ އެގޮތް....] ޝާޢިރާއަށް މިހެން ބުނެވުނު ވަގުތަކީ ނާއިލް އައިސް އެކޮޓަރިއަށް ވަން ވަގުތެވެ.

ކުއްލިއަކަށް ނާއިލް ވަނުމާއެކު، ޝާޢިރާ ވަރަށް ބޮޑަށް ހާސްވިއެވެ. އޭނާއަށް ހީވީ ނާއިލަށް އޭނާ ދެއްކި ވާހަކަތައް އަޑުއިވުނީ ކަމަށެވެ.

[މަންމާ....ކުޑަ މަންމާ...މިހާރު ތަށި ލިޔެފައި ބޯން ދީފިންތަ މަންމައަށް؟] ޝާޢިރާގެ ހާސްކަންފިލީ ނާއިލް ވާހަކަ ދައްކަން ފެށީމައެވެ.

އޭރު ޝާޢިރާ ގެނައި ފެންތަށި ކަބަޑުމަތީގައި ހުއްޓެވެ.

[އަދި ނުދެވޭ. އެހެރަ ތަށި، ދަރިފުޅު މަންމައަށްދީބަލަ ދޯ މުޙްސިން.] ޝާޢިރާ މިހެން ބުނީމާ، ނާއިލް އެތަށި ހިފައިގެން އައިސް މަންމަ އޮތް އެނދުގެ މަގަތުގައި އިށީނދެ، މަންމައަށް އެތަށި ދެވޭތޯ މަސައްކަތް ކުރިއެވެ. އެއާއެކު، ނާޒިމާއަށް ކުރިއަށް ވުރެންވެސް ބޮޑަށް އަސަރުކޮށް، ރޮވެން ފެށުނެވެ. އެ ފެންތަށި ބޯކަށް އޭނާ ބޭނުމެއް ނޫނެވެ.

[މަންމާ، މިފެންފޮދު ބޯލާ. މިހާރު މިއުޅެނީ މަންމައަށް ފަންޑިތަ ހަދައިގެންވެސް ރަނގަޅު ކުރެވޭތޯ.] ނާއިލް ތަށި މަންމަގެ ތުނބުގައި ޖެއްސިއެވެ. އެއާއެކު ދެތުން ފިއްތައިގެން އިނދެ، ނާޒިމާ މޫނުން ޖައްސައި، ބިންމައްޗަށް ތަށި ވައްޓާލިއެވެ. އެވަގުތު އޭނާގެ ކަރުތެރެއިން އަޑެއްވެސް ނުކުތެވެ. މަންމަގެ އެ ޙަރަކާތުގެ ސަބަބުން ނާއިލަށް ވަރަށްބޮޑު ޝޮކެއް ލިބުނުވެސްމެއެވެ.

[މަންމާ....ކިހިނެއްވީ މަންމާ....] ނާއިލް މަންމަގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. ނާޒިމާގެ އެ ޙަރަކާތުން ޝާޢިރާއަށް ވަރަށްބޮޑު ހާސްކަމަކާއި ނުތަނަވަސްކަމެއް ލިބުނެވެ. އެހެން ނަމަވެސް، އޭނާ އެކަން ނާއިލަށް ފާހަގަވިޔަކަ ނުދެއެވެ.

އޭރު ނާޒިމާ، ދަރިފުޅުގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ރޮމުން ދަނީއެވެ. ޝާޢިރާގެ ޙަޤީޤަތް ދަރިފުޅަށް ކިޔައިދޭން އޭނާ ކިތަންމެހާވެސް ބޭނުންވެއެވެ.

[ދަރިފުޅާ އަހަރެން މިދަނީ މަސައްކަތް ފަށަން. އަދި މުޙްސިން އެބަ ބޭނުންވޭ ފާލު ބަލަންވެސް ދޯ މުޙްސިން.] މުޙްސިނަށް ދޯދެމުން ޝާޢިރާ މިހެން ބުނެފައި އެކޮޓަރިން ނުކުމެއްޖެއެވެ.

[އަހަރެން މުޙްސިން ގެނެސްގެން މިއުޅެނީ ވީހާވެސް އަވަހަކަށް ނާޒިމާގެ ދުވަސް ދުއްވާލަން ބޭނުންވާތީ. ކޮންމެ ގޮތެއްވިޔަސް، އެހެން މީހަކު ލައްވައި އިލްޔާސްމެން ފަންޑިތަ ހައްދައިފިއްޔާ، މިއުފާވެރި ދިރިއުޅުމުން އަހަރެން ދާން ޖެހިދާނެ. ކަލޭ އެފުރްޞަތު ދީގެން ނުވާނެ. ވީހާވެސް އަވަހަކަށް އެކަން ނިންމާލަދޭންވީ.] ޝާޢިރާ ކޮޓަރިން ނުކުމެގެން ދަމުން މުޙްސިނަށް އެކަނި އަޑުއިވޭވަރަށް ބުންޏެވެ.

އޭރު ޒޭނާ ހުރީ ނާއިލްގެ ކޮޓަރީގެ އެނދު ތަންމަތި އަޅާށެވެ. ޝާޢިރާ ވާހަކަ ދައްކާ އަޑު ހިސާބަކަށް އޭނާއަށް އިވެމުންދިޔަވެސްމެއެވެ. ނަމަވެސް، ކިޔާ ނުކިޔާ އެއްޗެއް މުޅިއަކުން ސާފެއް ނުވެއެވެ.

އެނދު ތަންމަތި އަޅައި ކޮޓަރިތެރެ އެކީ ފޮޅާ ސާފުކުރުމަށްފަހު، ޒޭނާ ފެށީ ފާޚާނާ ސާފުކުރާށެވެ. އެއީ އޭނާ ކޮންމެ ދުވަހަކުވެސް ކުރާ ކަންތަކެވެ.

ނަމަވެސް އެމަސައްކަތް ކުރުމުގައި، ކަނޑައެޅިގެން ނާއިލް ގޭގައި ނޫޅޭ ވަގުތަށް އޭނާ ބަލައެވެ. މިއަދުވެސް އޭނާ ނުހަނު ބުރަކޮށް އެމަސައްކަތް ކުރަމުން އެދަނީ، ޖެހިގެން ހުރި ކޮޓަރީގައި ނާއިލް ހުރި ކަމަށް ވިސްނާފައެއް ނޫނެވެ.

ނާއިލްގެ މަންމަ ނާޒިމާ ގާތު އެތައްއިރެއް ވަންދެން ހުރެފައި އައިސް ކޮޓަރިއަށް ވަނީ ޒޭނާ ފާޚާނާތެރެއަށް ފެންޖަހަން ހުއްޓައެވެ.

ނާއިލް ވަން އަޑާއެކު ޒޭނާ ފާޚާނާގެ ދޮރު ލައްޕައިފިއެވެ. ނަމަވެސް، އެވަގުތުވެސް ނާއިލަށް ޒޭނާގެ އަތުގައި އޮތް ހަނދާނީ އުޅާ ފެނުނެވެ.

[އަޅެ ބުނެބަލަ، ތީ ކޮން ކުއްޖެއް؟ ދޮރު ހުޅުވަބަލަ. އަހަންނަށް ނުފެންނާން ތިއުޅެނީ ކީއްވެތަ؟] ނާއިލް ދޮރު ހުޅުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، ޒޭނާ ހުރީ އެތެރެއިން ތަޅުލައިގެންނެވެ.

[އެންމެ ރަނގަޅު، ތިކުއްޖާގެ ނަން ބުނެފާނަންތަ؟] ނާއިލް ދެއަތަކަށް ބޯހޫރާލީ ހިނިތުންވުމަކާ އެކީގައެވެ.

[އަޅުގަނޑަށް ކިޔަނީ....ޒޭނާ.....] އެއީ ނާއިލަށް އާ ނަމެކެވެ. އެކޮޓަރި ދޮރު ހުޅުވާފައި ޝާޢިރާ އެތެރެއަށް ބޯދިއްކޮށްލީ އެވަގުތުއެވެ. ނާއިލް އަވަސް އަވަހަށް ޝާޢިރާއާ ދިމާއަށް ހިނގައިގެންފިއެވެ.

[ނާއިލް މިއަދު ބޭރަށްވެސް ނުކުމެނުލާ ދުވަހަކީތަ؟ ޢައިޝާ އެބައުޅޭ އެފަރާތުގައި. ހިނގާބަލަ އެފަރާތަށް....] ޝާޢިރާ މިހެން ބުނީމާ ޝާޢިރާގެ ފަހަތުން ނާއިލްވެސް ނުކުތެވެ.

ނާއިލް ނުކުތުމާއެކު، ފުން ނޭވާއެއްލުމަށްފަހު، ޒޭނާވެސް އެކޮޓަރިން ނުކުމެއްޖެއެވެ.

ނާއިލް ޝާޢިރާއާއެކު ދިޔައިރު ސިޓިންގރޫމްގައި ޢައިޝާ އެކަނިމާއެކަނި ޓީ.ވީ ޕްރޮގްރާމަކަށް ގެއްލިފައި އިނެވެ.

[ޢައިޝާ ކިހިނެއް؟ އެކަނިމާއެކަނި ކޮން ދަތުރެއް؟] ޢައިޝާ އިން ސޯފާގެ އެއްކޮޅުގައި އިށީންނަމުން ނާއިލް އެއްސެވެ.

[ރައްޓެހި ކުއްޖެއްގެ ގެއަށް ގޮސްލާފައި، ދަމުން ހިތަށްއެރީ ނާއިލް ކޮބައިތޯ ބަލައިލަން ވަދެލާނީއޭ. މާލެ އައިފަހުން ނާއިލްގެ އެއްވެސް ޚަބަރެއްވަނީކީ ނޫންވިއްޔަ.] ޢައިޝާ ބުންޏެވެ.

[މިގެއިން ދިމާވިފަހުން އަދި ދިމައެއްނުވޭދޯ؟ ފަހުން ދިމާވާނެ. ހިނގާ ގެއަށް ލައިދީފާނަން އަހަރެން.] ނާއިލް ބޭނުންވަނީ އަވަހަށް ޢައިޝާ ފޮނުވާލާށެވެ.

ސީދާ ބަހުން ނާއިލްގެ ބައްޕަ ޢައޝާއާއި އޭނާގެ ކައިވެނީގެ ވާހަކަ ދައްކާފައި ނުވިޔަސް، ދެޢާއިލާގެ ވާހަކަތަކުން ނާއިލަށް އެކަން މޭރުންވެއެވެ. އެއީ އެއްވެސް ހާލެއްގައި ނާއިލް ބޭނުންވާ ކަމެއް ނޫނެވެ.

އޭނާ ޢައިޝާއާމެދު އެފަދަ ގޮތަކަށް ވިސްނާފައެއްވެސް ނުވެއެވެ. ޢައިޝާގެ ކިބައިގައި އޭނާގެ ހިތްއެދޭފަދަ އެއްވެސް ސިފައެއް ނުހުރެއެވެ. އަދި އޭނާގެ ހިތް އެދޭ ސިފަތަކެއްގެ ވެރިޔަކަށް ފެނިފައިވަނީ ހަމަ އެންމެ އަންހެން ކުއްޖެކެވެ. މިހާރުވެސް އެކުއްޖާ ވީތަނެއް ހޯދުމަށްޓަކައި އޭނާ އެދަނީ އޭނާގެ ރައްޓެހިންނާ ވާހަކަ ދައްކައިގެން މަސައްކަތްތަކެއް ކުރަމުންނެވެ.

ޙަޤީޤަތުގައި އެއީ ކޮން ނަމެއް ކިޔާ، ކޮން ފެންވަރެއްގެ ޢާއިލާއެއްގެ ކުއްޖެއްކަން ނޭނގުނަސް، އޭނާގެ ހިތުގައި ވަނީ އެކުއްޖާގެ ތަޞްވީރު ކުރެހި ބިންވަޅު ނެގިފައެވެ. އަބަދުވެސް އޭނާގެ ހަނދާނަށް އަންނަނީ އެކުއްޖާގެ އެހިތްގައިމު ހިނިތުންވުމެވެ.

[ހިނގާ އަހަރެން ގެއަށްލާން.] ޢައިޝާ ތެދުވިއެވެ. އެއަށްފަހު އޭނާ ޝާޢިރާއާ ސަލާމް ކޮށްލުމަށްފަހު، އެގެއިން ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން ނާއިލްވެސް ނުކުތެވެ. އެމަންޒަރު ބަލަން ދުރުގައި ޒޭނާ ހުއްޓެވެ. ޒޭނާ ނާއިލަށް ނުފެންނަން މަސައްކަތްކުރާ ސަބަބަކީ އޭނާއާހުރެ ނާއިލާއި ޢައިޝާގެ ގުޅުމަށް ހުރަސްއެޅިދާނެތީއެވެ.

ނާއިލްގެ އެދުމުގެ މަތިން ފިރާޤު ކުރި މަސައްކަތުން ނާއިލްގެ ހިތްއެދޭ އަންހެން ކުއްޖާގެ ނަމަކީ ޒޭނާ ކަމާއި، އޭނާ މާލެ އައިސް އުޅެނީ މަތީ ތަޢްލީމުގެ ފުރްޞަތު ހޯދުމަށްޓަކައިކަން އެނގުނެވެ. ނަމަވެސް، އޭނާ އުޅެނީ ކޮން ގެއެއްގައި ކަމެއް އަދި ފިރާޤަކަށްވެސް ހޯދިފައެއް ނުވެއެވެ. އެހެންވެ އޭނާ ޤަޞްދުކުރަނީ ޒޭނާ އުޅޭ ގެވެސް އެނގިގެން މެނުވީ ނާއިލަށް އެއްވެސް މަޢްލޫމާތެއް ނުދިނުމަށެވެ.

[ތިބުނާ ޒޭނާ އުޅޭ ގެއެއް ހޯދައިދީފާނަންތަ؟] ފިރާޤު ވާހަކަ ދެއްކީ ޒޭނާއާބެހޭ މަޢްލޫމާތު އޭނާ ހޯދި ކުޅުދުއްފުށީ ޒުވާނާ ޒާހިދާއެވެ.

[ޒޭނާ ހުރި ތަނެއް ތިވަރަކުން ތިޔަ ހޯދަނީ، އަނެއްކާ އެހެން އަންހެން ކުއްޖަކު ގަބުކޮށްލަންވީދޯ؟] ޒާހިދު ފިރާޤާ ދިމާކުރިއެވެ. އޭނާ އިޝާރާތް ކުރީ ފިރާޤާއި ތޫމާގެ ގުޅުމުގެ ތަޖްރިބާއަށެވެ.

[ޒޭނާގެ މަޢްލޫމާތު މިހޯދަނީ އަހަރެންގެ ބޭނުމަކު ނޫން. އަހަރެންގެ ރައްޓެހި މީހަކު މާބޮޑަށް ޒޭނާއާހެދި އުޅޭތީ. އެއީ މާލޭގެ ވަރަށް މުއްސަނދި ޢާއިލާއެއްގެ މީހެއް. އިހަކަށް ދުވަހު އޭނާ ޑޮކްޓަރުކަން ކިޔަވައިގެން އައީ.] ފިރާޤު ޒާހިދަށް ކިޔައިދިނެވެ.

[އަހަންނަކަށްވެސް އުޅޭ ގެއެއް ނޭނގެ. އަހަރެން އެކަން ހޯދަން މަސައްކަތް ކޮށްދީފާނަން.] ޒާހިދު ބުންޏެވެ. ޒޭނާ އެހެން އަންހެނަކާއެކު އެދިމާގައި ހުރި ތަރުކާރީ ވިއްކާ ފިހާރައަކަށް ވަންތަން ޒާހިދަށް ފެނުނީ އެވަގުތުއެވެ. ވަގުތުން ޒާހިދު ފިރާޤުގެ ކޮނޑުގައި ޖެހިގަތެވެ.

[ކިހިނެއްވީ؟] ފިރާޤު ވަށައިގެން ހޯދާލިއެވެ.

[ބަލާބަލަ، ކޮންމެވެސް އަންހެނަކާއެކު ޒޭނާ އެހެރަ ފިހާރައަށް ވަދެއްޖެ. ކިހާ ބޮޑު އިއްތިފާޤެއް....ހިނގާބަލަ ސީދާ އޭނާ ގާތު އަހަން، އޭނާ އުޅޭ ގެއެއް.] ޒާހިދު އެފިހާރައާ ދިމާއަށް ހިނގައިގަތެވެ.....އޭރު ޒޭނާމެން އައި ކާރު އެފިހާރަ ދޮރުމަތީގައި އޮތެވެ. ޒާހިދުމެނަށް ފިހާރައާ އަރާ ހަމަވެވުނު ވަގުތަކީ، ޒޭނާއާއި މަރީނާ ފިހާރައިން ނުކުމެގެން އައިސް ކާރަށް އެރި ވަގުތެވެ. އެމީހުން ކާރަށް އެރުމާއެކު، ޑްރައިވަރު ކާރު ދުއްވާލިއެވެ.

[އަވަހަށް އެކާރުގެ ނަމްބަރު ނޯޓްކޮށްލާ. ހަމަގައިމުވެސް ޓެކްސީއެއް ނޫން އެއީކީ.] ޒާހިދު ކާރުގެ ނަމްބަރު ނޯޓްކުރިއެވެ. ކާރުގެ ނަމްބަރަކީ ޒޭނާ އުޅޭ ގެ ހޯދުމަށް ލިބުނު ވަރަށްބޮޑު ހިތްވަރަކަށްވާނެއެވެ.

[މަރީނާއްތާ، އަޅެ މިގޭގަ ހުރެގެން އަހަންނަކަށް ކިޔަވާނެ ފުރްޞަތެއް ނުލިބޭނެދޯ؟ މިހާރު ހިތަށް އެބައަރާ އެހެން ކޮންމެވެސް ގޮތެއް ހޯދަންވީއޭ.] ޒޭނާ ވާހަކަ ދެއްކީ މަރީނާއާއެވެ. އޭރު ކާރު އެމީހުން އުޅޭ ގޭގެ ދޮރުމައްޗަށް މަޑުކުރަނީއެވެ.

[އަހަރެން މިއަދު ޝާޢިރާ ގާތު ތިވާހަކަ ދައްކާނަން. ޒޭނާ ބޭނުންވަނީ ކޯސްތަކެއް ހަދާކަށްނު.] މަރީނާ ބުންޏެވެ.

[ދައްކަދީބަލަ. ބުނެބަލަ އަހަރެން މިރަށަށް އައީ އިތުރަށް ކިޔެވުމުގެ ފުރްޞަތު ހޯދުމުގެ މަޤްޞަދުގައޭ.] މަރީނާގެ ވާހަކައިން ޒޭނާއަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

[މިރޭ ފުރްޞަތު ލިބިއްޖެއްޔާ ދައްކާނަން.] މަރީނާ ކާރުން ފައިބައިގެން ކޮތަޅުތައް ހިފައިގެން އެތެރެއަށް ވަނެވެ.

އެވަގުތެވެ. ޝާޢިރާ މުޙްސިން ލިޔެދިން ތަވީދެއް ނާޒިމާގެ ކަނާތު ފައިގައި އަޅުވަން މަސައްކަތް ކުރަމުން ދަނީއެވެ. އެތަވީދު އެޅުވުމަކީ ނާޒިމާ ކިތަންމެ ނޭދޭ ކަމަކަށްވި ކަމުގައިވިޔަސް، އޭނާއަކަށް އެކަމާ ދެކޮޅަށް ކުރެވޭނޭ އެއްވެސް ކަމެއް މިވަގުތަކު ނެތެވެ. މީގެ ސަތާރަ އަހަރު ކުރިން އޭނާ ބަލިވިގޮތަށް އޭނާގެ އެދެފަޔަކަށް އެއްވެސް ޙަރަކާތެއް ނުގެނެވެއެވެ. އެހެން ވުމާއެކު، ނުހަނު ގިލަންވެރިކަމާއެކު ހިތުން ވާހަކަ ދައްކަމުން ސަލާމަތަށް އެދި އާދޭސް ކުރަމުން އޭނާ ރޮމުން ދަނީއެވެ. ނަމަވެސް، އޭނާގެ ހިތުގެ ރުއިމާއި އާދޭހުގެ އަޑު އިވި، އެއިޙްސާސް ކުރެވެނީ ފަހެ ކާކަށް ހެއްޔެވެ.

ޝާޢިރާގެ ހުރިހާ ޙަޤީޤަތެއްވެސް އޭނާއަށް އެބަ އެނގޭމެއެވެ. ޙަޤީޤަތުގައި މިއަދު ނާޒިމާއަށް ފެންނަމުން އެދަނީ އޭނާ ޝާޢިރާއަށް ހެޔޮކޮށް ހިތުމުގެ ނަތީޖާއެއްގެ ގޮތުން ލިބެމުންދާ ވޭނީ އަނިޔާތަކެކެވެ. ޝާޢިރާގެ ހިތުގައި އޭނާއަށްޓަކައި ކުޑަވެސް ރަޙުމެއް ނެތެވެ.

[މިތަވީދު އެޅީމާ މާގިނަ ދުވަސްތަކެއްނުވެ ތި ހިތްދަތި ކަމުން ދާއިމަށް ސަލާމަތްވެވިދާނެ. މިހާރު ނާޒިމާ ތިގޮތަށް ތިޙާލުގައި އުޅޭ މަންޒަރު ފެނުމަކީ، މިގޭތެރޭގެ ހަމަޖެހުން ވަރަށް ބޮޑަށް ގެއްލޭ ކަމެއް.] ޝާޢިރާ ތަވީދު އަޅުވަމުން ބުންޏެވެ. ނާޒިމާ އެކަމަށް ހުރަސް އެޅުމުގެ ގޮތުން އެތަވީދު އެޅުވި ފަޔަށް ޙަރަކާތް ގެނެވޭތޯ ކިތަންމެހާވެސް މަސައްކަތެއް ކުރިއެވެ.

[ނާޒިމާ، އަހަރެން ޤަބޫލުކުރަން، އަހަންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް ކަމަށް. އެކަމަކު މިހާރު އަހަރެން ވިސްނަނީ، އަހަރެންގެ ދެކުދިންގެ މުސްތަޤްބަލަށްޓަކައި. ނާޒިމާ...އަހަރެން އުންމީދު ކުރަން. ނާއިލްވެސް މާގިނަ ދުވަސްތަކެއްނުވެ ތިޙާލަތަށް އަންނާނެ ކަމަށް.] ޝާޢިރާ ބޭނުންވަނީ އެޙާލުގައި އޮއްވާ ނާޒިމާއަށް ބޮޑަށް ހިތްދަތިކަންދޭށެވެ.

ޒޭނާ އެކޮޓަރިއަށް އައިސް ވަނީ އެވަގުތުއެވެ. ޒޭނާ ވަނުމާއެކު ޝާޢިރާ ނާޒިމާގެ ދެލޯ ފޮހެދޭން ފެށިއެވެ.

[ނާޒިމާ ތިޙާލުގައި އުޅޭ މަންޒަރު ބަލާކަށް އަހަންނަކަށް ކެތެއް ނުވާނެ.] ޝާޢިރާ އޭނާގެ ދެލޮލަށް މަކަރުވެރިކަމުގެ ކަރުނަ ވެރިކުރުވިއެވެ.

[ޒޭނާ ނާޒިމާއަށް ރަނގަޅަށް އަޅާލާތި....އަދި ހަވީރު ސައިވެސް ނުދެމެއްނު. ދޭބަލަ ސައި ގެންނަން.] މިހެން ބުނެފައި އަތުގެ ނުފުށުން ދެލޯ ފޮހެމުން ގޮސް އޭނާ އެތަނުން ނުކުމެއްޖެއެވެ. އޭރުވެސް ނާޒިމާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދަނީއެވެ.

އޭރު ދެފައި ކައިރިކޮށް، ނާޒިމާ ކުރަމުންދާ މަސައްކަތުގެ ސަބަބުން ނާޒިމާ އެތަވީދު ނައްޓާލަން އުޅޭކަން، ނޫނީ އެކަން ބޭނުންވާކަން ޒޭނާއަށް ވިސްނުނެވެ.

[ދައްތާ...ތިތަވީދު ނަގައިދޭންވީތަ؟] ޒޭނާ ނާޒިމާގެ ލޮލަށް ބަލަން ހުރެފައި، މިހެން އެހީމާ ނާޒިމާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެފިއެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން