01 ވަނަ އެޕިސޯޑް

=========

ޒައިހާ ހެނދުނު ހޭލެވުމާއެކު، ރޭގައި ހިނގާދިޔަ ކަންތަކުގެ ވާހަކަ މަންމަމެނަށް ކިޔައިދޭން ބޭނުންވިއެވެ. ނަމަވެސް އެއީ މަންމައާއި ބައްޕަ ގާތު ދައްކަން ލަދުގަންނަންޖެހޭ ޒާތުގެ ޙާދިޘާއެކެވެ.

މިހާރަކަށް އައިސް ހަފްތާއަކު ދެރޭ އެ ބިރުވެރި ކަންތަކާ ޒައިހާ ކުރިމަތިލާންޖެހެއެވެ. އެއީ ކޮންމެ ހުކުރު ހޯމަވިލޭރެއެވެ.

ނަމަވެސް ޒައިހާއަށް އެއީ ކާކު ކަމެއް، އެމީހަކު ޒައިހާގެ ކޮޓަރިއަށް ވަންނަނީ ކިހިނެއް ކަމެއް ނޭނގެއެވެ. ކޮންމެ ރެޔަކުވެސް ޒައިހާއަށް އިޙްސާސް ކުރެވެނީ ބީހުންތަކެކެވެ. ބައެއްފަހަރު އެއީ ޒައިހާއަށް ފެންނަ ހުވަފެންތަކެއް ކަމަށްވެސް އޭނާ ޤަބޫލުކުރެއެވެ.

[އަހަރެން ހިތަށްއަރާ، ބައއްފަހަރު މަންމަ ގާތު ބުނެފާނަމޭވެސް. މަންމަމެން ޤަބޫލުކުރާނެބާ؟] ޒައިހާ އެންމެފަހުން ހުރިހާ ވާހަކައެއް ރަޙްމަތްތެރިޔާ މިރުޒާއަށް ކިޔައިދިނެވެ.

[ޒައިހާ އަވަހަށް މަންމަ ގާތު ބުނަން އުޅޭ. ތިކަމާ އަޅާނުލާ ސިއްރުކޮށްގެން ހުއްޓާ، ގޯހުން ގޯހަށް ތިކަންތައް ހިނގައިދާނޭ. ތިވެދާނެ ކުށުވެރި ކަމަކަށްވެސް.] މިރުޒާ ބުންޏެވެ.

[ނޫނޭ...އަހަންނަށް ލާހިކެއް ނޫން، މަންމަ ގާތު އެވާހަކަ ބުނާކަށް.] ޒައިހާ ބުންޏެވެ.

[އެކަން ހުއްޓުވަން ބޭނުން ނުވަނީދޯ؟ އަހަރެން ބުނަންތަ ބަދުރިއްޔާއްތަ ގާތު.....] މިރުޒާ ޒައިހާއާ ދިމާކުރާފަދަ ގޮތަކަށް ބުނެލިއެވެ.

ނަމަވެސް، ޒައިހާ އެކަމަކަށް އެއްބަހެއްނުވިއެވެ.

[ދެން ތިވާހަކަ ހުއްޓާލަބަލަ. ޖާވިންއާ ދިމާވިތަ؟ މިއަދު ހެނދުނު މިގޭދޮށުން ދިމާވެގެން ހާދަވަރަކަށް މިރޫގެ ވާހަކަ ދެއްކިއޭ.....ބުނި މިރޫ ކީއްވެހޯ، އޭނަދެކެ ތިވަރަށް ރުޅި އަންނަނީ؟] ޒައިހާ ޤަޞްދުގައި މަޥްޟޫޢު ބަދަލުކޮށްލިއެވެ.

[އަހަރެން ރުޅިއެއް ނާދެއޭ....މީހަކު ރައްޓެހިވާން އަހާލާއިރަށް ރައްޓެހިވެވޭނެތަ؟ އެމީހަކު ދަސްކޮށްލަންވެސް ބޭނުންވާނެއެއްނު.]

[މާނައަކީ މިހާރު އޭނާ ޓެސްޓްކުރަނީއޭ. އަދިވެސް އޭނާ ފާސްވާވަރެއް ނުވޭތަ؟] ޒައިހާ ހިނގައިގަންނަމުން އެއްސެވެ.

[ނޫނޭ.....މިހާރު ދެން އޯކޭ.....ޖާވިން ނިކަން ފިނޑިވެސްވެއޭދޯ؟ މިހެން މިބުނީ އަހަރެން ނޫޅެމޭ ބުނީމަ، ފަހަކުން ޚަބަރެއްވެސް ނުވާތީ.] މިރުޒާ ބުންޏެވެ.

[ދެން ދިމާވިފަހަރަކުން އަހަރެން ބުނާނަން މިރޫއަށް ގުޅާބަލާށޭ.] ޒައިހާ ހީގަތެވެ.

[އަހަރެންނާ މީހަކު ތަތްކުރެވޭތޯ ތިބަލަނީ. ވަރިހަމައެއްނު ޒައިހާވެސް ބިޓެއް ނަގަން....] މިރުޒާ ޒައިހާއާ ދިމާކޮށްލިއެވެ.

[އަހަންނަށް އެނގޭ، މިރޫ ތިހެން ބުނާނެކަންވެސް. އަދި ޓޯން ދިމާނުވަނީ.]

އެއީ ތެދެކެވެ. ޒައިހާއާ ގުޅުމަށް އެތައް ފިރިހެން ކުދިންނެއް އެދި އެގޭދޮށުގައި މުގޯލި އަޅައެވެ. ނަމަވެސް، އޭގެ ތެރޭގައި ޒައިހާ ހިތް އެދޭފަދަ ކުއްޖަކު ނުވާތީކަންނޭނގެއެވެ. އެއިން އެއްވެސް ކުއްޖަކަށް އޭނާގެ ނަޒަރު ސީދާނުވެއެވެ.

[ޓޯން ދިމާވާ ދުވަހެއް ނައިސްކަންނޭނގެ ޢުމުރު ހުސްވާނީ...] މިރުޒާ ނިކަން ބާރަށް ހީގަންނަމުން، ޒައިހާއާ ދިމާކޮށްލިއެވެ.

[އެންމެ ރަނގަޅޭ، ޢުމުރު ހުސްވަންދެންވެސް މިގޮތުގައި އަހަރެން ހުންނާނީޔޯ.] ޒައިހާ ބޯކަހާލިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް، ޒައިހާގެ މަދްރަސީ ދައުރުވެސް ނިމިއްޖެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި، ކޮންމެ ހުކުރު ހޯމަވިލޭރެއަކީ ޒައިހާއަށް ނިދީގައި އޮވެ، އާދަޔާ ޚިލާފް އިޙްސާސްތަކެއް ކުރެވިދިޔަ ރޭތަކެކެވެ.

އެފަދަ ކޮންމެ ރެޔަކުވެސް ކޮންމެވެސް ފިރިހެނެއްގެ ބީހުންތައް އިޙްސާސް ކުރެވެނީއެވެ. އޭނައަށް އުފަލާއި އަރާމް ގެނެސްދެމުންނެވެ.

ނަމަވެސް އަދި އަދަށްދާންދެންވެސް އޭރު އެވާހަކަ، އޭނާގެ މަންމައާއި ބައްޕަ ގާތަކު ނުދައްކައެވެ.

ޒައިހާއަކީ ބަދުރިއްޔާއާއި ޙުސްނީގެ ހުރި ހަމައެކަނި ދަރިފުޅެވެ. ވުމާއެކު، އެދެމަފިރިންވެސް ޒައިހާދެކެ އިންތިހާއަށް ލޯބިވެއެވެ. ޚާއްޞަކޮށް، ބަދުރިއްޔާ ޒައިހާއާހެދި މާވަރުހުރެއެވެ. ޒައިހާއަށް ކިތަންމެ ކުޑަކަމެއްވިޔަސް، ބަދުރިއްޔާ ނިކަން ހާސްވެއެވެ. ރަށުން ބޭރުން ނިކަން ރަނގަޅު ވަޒީފާއެއް ލިބުނީމާވެސް، ޙުސްނީ ރަށުން ބޭރަށް ވަޒީފާއަށް ނުފޮނުވީވެސް، އޭނާއަށް އެކަނި ޒައިހާއަށް ލޯބިދީގެން ނުބެލެހެއްޓިދާނެތީއެވެ. ވުމާއެކު، ޙުސްނީދަނީ އެރަށުގެ އާދެ! އިނގުރައިދޫ ކަތީބު ދޯނިން މަހަށެވެ.

ޙަރަކާތްތަކާއި އުޅޭ އުޅުމަށް ބަލާއިރު، ޙުސްނީއަކީ އެންމެ ހަމަޖެހޭ މީހެކޭ ބުނެވޭކަށް ނެތެވެ. ބަދުރިއްޔާއާއެކު ދާއިމީ ގުޅުމެއްގައި އޭނާއަށް އުޅެވެނީވެސް އެހެންވީމާކަންނޭނގެއެވެ.

ކުރީގެ ކައިވެނިތައް ރޫޅުމަށްފަހު، އެކަނިވެރިކަމާއެކު ނިކަމެތި ހާލުގައި ޙުސްނީ އެތަކެއް އަހަރުތަކެއް ވަންދެން އުޅުނެވެ. އޭރު ޙުސްނީއަކީ ބޭރުދަތުރުކުރާ ސީމަނެކެވެ. އޭރުވެސް ހިސާބަކަށް ބަދުރިއްޔާ ޙުސްނީ ދަނެއެވެ. ރަށުގެ އެހެނިހެން މީހުންވެސް ދަންނަ ބީދައިންނެވެ.

ބަދުރިއްޔާގެ ޙަޔާތަށް ޙުސްނީ އައީ ވަރަށްގިނަ ގޮންޖެހުންތަކަކާ އެކުގައެވެ. ޙުސްނީގެ ޢާއިލާއިންނާއި ރައްޓެހިން އެކަންވިޔަނުދިނުމަށް ނިކަން މަސައްކަތް ކުރިއެވެ.

ޙުސްނީ އަތުގައި ފައިސާ ހުރީތީ، އެރަށުގެ ކޮންމެފަދަ މީހަކުވެސް ލިބިދާނެ ކަމަށް ބުނެފައެވެ. ނަމަވެސް، އެ އަޑުތަކެއް އޭނާ ނޭހިއެވެ. ހުރިހާ ފަރާތެއްގެ ނުރުހުމާއެކުވެސް، އޭރު އެއްއަހަރަށްދާ ބަދުރިއްޔާގެ ދަރިފުޅު ޒައިހާއަށް ބައްޕައެއްގެ ލޯބި ދިނުމަށް ހިތުނިޔަތްގަނެ، ޙުސްނީ ބަދުރިއްޔާއާ ކައިވެނިކުރިއެވެ.

ނަމަވެސް އޭރު ބަދުރިއްޔާއަކީ ނުވިހާ އޮޕަރޭޝަން ކޮށްފައިވާ މީހެއް ކަމެއް ޙުސްނީ ނުދެނެހުއްޓެވެ.

ބަދުރިއްޔާ ޙުސްނީ ގާތު އެވާހަކަ ބުނި ކަމަށްވަނީ، ކައިވެނީގެ ފުރަތަމަރެޔެވެ. ނަމަވެސް، އެކަމާ ޙުސްނީ މާކަންބޮޑެއްނުވެއެވެ. ޙުސްނީ ބުނި ކަމަށްވަނީ އެންމެ ކުއްޖަކުން ފުދޭނެ ކަމަށެވެ. އެއީ ޒައިހާއަށް އިޝާރާތްކޮށްފައެވެ.

އެެހެންކަމުން، އެރެއިން ފެށިގެން ޒައިހާއަކީ ޙުސްނީގެ އުފަން ދަރިއެއްގެ ގޮތުގައި އޭނާ ބަލަން ފެށުންވީ ބަދުރިއްޔާއަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމަކާއި އުފަލަކަށެވެ.

ޒައިހާ، ހަފްތާގެ ބައެއް ރޭތަކުގައި އޭނާއަށް ދިމާވަމުންދާ ކަންތައްތައް، މަންމައާއި ބައްޕައަށް ކިޔައިނުދިން ނަމަވެސް، މާގިނަ ދުވަސްތަކެއްނުވެ، ޒައިހާގެ އިޙްސާސްތައް މަންމަ ދެނެގަތްކަހަލައެވެ.

[ދަރިފުޅާ، މިހާރަކަށްއައިސް ކިހިނެއްވެފައިތަ ދަރިފުޅު ތިހުންނަނީ؟] ޒައިހާގެ އެކަނިވެރިކަން ފެނިފައި، މަންމަ އެއްސެވެ. އެހިނދު އަލިފުން ޔާއަށް މަންމައަށް ކިޔައިދިނުމަށްވެސް ޒައިހާ ހިތަށްއެރިއެވެ.

[ދަރިފުޅާ ކީއްވެތަ ފަސްޖެހެނީ....ކޮންމެ ކަމެއް ދިމާވިޔަސް، މަންމަ ގާތު ބުނަންވާނެ....އަނެއްކާ ދަރިފުޅު ބައިވެރިޔަކު އިޚްތިޔާރު ކުރީތާ؟] ބަދުރިއްޔާ ޒައިހާ ބޮލުގައި ފިރުމާލިއެވެ. އެއަށްފަހު، ޒައިހާ އޭނާއަށް ދިމާވާ ޙާދިޘާތަކުގެ ވާހަކަ މަންމައަށް ކިޔައިދީފިއެވެ.

[ކޮޓަރިތެރޭގައި އެމީހަކު ހުއްޓާ ދުވަހަކުވެސް ދަރިފުޅަށް ހޭލެވުނުތަ؟ ޝައްކުވާ މީހަކުވެސް ނެތްތަ؟] ބަދުރިއްޔާ ނިކަން ހާސްވެއްޖެއެވެ.

[ކާކަށްތަ މަންމާ، އަހަރެން ޝައްކު ކުރާނީވެސް. ދުވަހަކުވެސް ލޮލަކުން ނުދެކެން. އެކަމަކު ކޮންމެ ހުކުރު ހޯމަވިލޭރެއެއްގައިހެން އެމީހަކު މިތަނަށް ވަދޭ....] ޒައިހާގެ ލޮލުން ކަރުނަ އައެވެ.

ޙުސްނީ މަހުން އައިސް ގެއަށް ވަނީ އެވަގުތުއެވެ. ވަގުތުން ބަދުރިއްޔާ އެވާހަކަ ޙުސްނީއަށް ކިޔައިދިނެވެ.

[ތިވާނީ ކަނބުލޮއަށް ފެންނަ ހުވަފެނަކަށް. މިގެއަށް ދަންވަރު މީހަކު ވަންނަނަމަ، ބައްޕަމެންނަށްވެސް މޭރުންވާނެއެއްނު. އެކަމަކުވެސް ބައްޕަ މިރޭ ތިކަމަށް ފާރަލާނަން....] މިހެން ބުނެފައި ޙުސްނީ ގޮސް ގިފިއްޔަށް ވަނެވެ.

އެއީ ޒައިހާއަށް ލިބުނު ހިސާބެއްގެ ހިތްހަމަޖެހުމެކެވެ. ބައްޕަ އެކަމަށް ފާރަލަންޏާ، ޒައިހާއަށް ހަމަޖެހިލައިގެން ނިދާލެވިދާނެއެވެ.

އެދުވަހު މިރުޒާވެސް އެގެއަށް އައެވެ. ޒައިހާއަށް މުޅިން އެހެން ޚަބަރެއް ހިފައިގެންނެވެ.

[ޖާވިންވެސް ގޮވައިގެން އައިނަމަ.] މިރުޒާ ވަނުމާއެކު، ޒައިހާ ބުންޏެވެ.

[އަހަރެން ދާހާ ތަނަކަށް ކަފުޖަހައިގެން ދެވޭތަ؟ އަހަރެން މިއައީ އުފާވެރި ޚަބަރެއް ހިފައިގެން. ދެންތަ އެ ޚަބަރު.] މިރުޒާ ހީގަންނަމުން މުށްކަވާފައިވާ އަތް ޒައިހާއާ ދިމާއަށް ދިއްކޮށްލިއެވެ.

[ކޮން ޚަބަރެއް؟ ބުނަން، މުއީޒްގެ ވާހަކަ ނޫން ވާހަކައެއް އަހަރެން ގާތު ދައްކާނެ ކަމެއްނެތް.] ޒައިހާ ޝަހާދަތް އިނގިލި މިރުޒާއާ ދިމާއަށް ދިއްކޮށް، އިންޒާރުގެ ރާގުން ބުންޏެވެ.

[ހީވަނީ އަހަންނަކީ ދުނިޔެއަށް ލެއްވި ހުރިހާ ފިރިހެނުންގެ ވާހަކަ ހިފައިގެން މިގެއަށް އަންނަ މީހެއްހެން. މުއީޒް ބުނީ ބައްދަލުކުރަން ބޭނުމޯ.....] މިރުޒާ ބުނެލިއެވެ.

[ހަމަ އަޞްލުވެސްތަ؟ ކޮންތާކަށް ދާންވީ.....ބުނޭ ބުނި ތާކަށް ހިނގައިދާނަމޭ...ޒައިހާއަށް ލިބުނު އުފަލުގެކޮޅެއް ނެތެވެ. މިދުވަހަށް އޭނާ އިންތިޒާރު ކުރާތާ ލައްކަ ދުވަސް ވެއްޖެއެވެ.

[މިރޭ އިރުއޮއްސޭ ގަޑީގައި ދެކުނު ތުނޑިއަށް އައިސްދޭށޯ.....އިންތިޒާރުގައި ހުންނާނަމޯ......] މިރުޒާ ބުންޏެވެ.

[މައްސަލައެއް ނެތް....އެކަމަކު....މިރޫ ވާނެ އަހަންނާއެކު ދާން.....އެކަނިދާން އަހަރެން ވަރަށް ބިރުގަނޭ....] ޒައިހާ އެދުނެވެ. މައްސަލައެއް ނެތޭ، އެގަޑީގައި ތައްޔާރުވެގެން ހުންނާށޭ ބުނެފައި، މިރުޒާ ހިނގައްޖެއެވެ.

ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު، ޒައިހާވަނީ ފާޚާނާއަށެވެ. ފެންވަރައިގެން ނަލަހެދިލުމަށްޓަކައެވެ. މިހާރު ހީވާކަހަލައެވެ. ރޭގަނޑުގެ ޙާދިޘާތަކުގެ ހަނދާންތައް، އޭނާގެ ހިތުން ފޮހެވި، މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ.

މެންދުރުގެ ދަންފަޅި ނިމި، ހަވީރުގެ ދަންފަޅި ފެށުނުތަނާހެން ޒައިހާ ނަލަހެދިލިއެވެ. ބޮލުގައި ފުނާއެޅީވެސް، އެހެން ދުވަސްތަކާ ޚިލާފުކޮށެވެ. މިރުޒާ މާލެ ގޮސްފައި ގެނެސްދިން މޭކަޕް ސާމާނުތައް، އޭނާ ފުރަތަމަފަހަރަށް ބޭނުންކުރީވެސް އެދުވަހުއެވެ.

މިރުޒާ އައީ ޒައިހާ ނަލަހެދިލާ ތައްޔާރުވެ ނިމުނުތަނާހެނެވެ.

[އާޗާ.....ހާދަ ސަޅިއޭ...ހީވަނީ ޕަރީއެއްހެން...މުއީޒް މޮޔަވާނެ....] މިރުޒާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ.

[ބޭނުމީވެސް މޮޔަކޮށްލަން...ހިނގާ ގަޑިޖެހެނީ.....] ޒައިހާ މިރުޒާގެ އަތުގައި ހިފައިގެން ނުކުތެވެ. އޭރު މެދުގޭތެރޭގައި ޒައިހާގެ މަންމަ ބަދުރިއްޔާއާއި ޙުސްނީ ކޮންމެވެސް އޮލަ ވާހަކައެއްގައި ތިއްބެވެ.

[މަންމާ....ބައްޕާ.....އަހަރެން އެބަ އަންނަން، މިރޫއާއެކު ބޭރަށްގޮސްލާފަ....] ޒައިހާ ބައްޕަމެންނާ އަރާހަމަކޮށް ބުންޏެވެ.

[އެންމެ ރަނގަޅު، އަވަހަށް އަންނާތި.....] ހުއްދަ ދިނީ ބަދުރިއްޔާއެވެ. އަނގައިންވެސް ނުބުނެ ހިމޭނުން ޙުސްނީ ހުރީއެވެ. ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައި ހުރި ފަދައިންނެވެ. މަންމަގެ ހުއްދަ ލިބުމާއެކު، ޒައިހާ މިރުޒާގެ އަތުގައި ހިފައިގެން ނުކުމެއްޖެއެވެ.

[އެ ޢުމުރުގެ ކުދިން އެގޮތަށް ދޫކުރާކަށްނުވާނެ.] ޒައިހާމެން ދިޔުމާއެކު ޙުސްނީ ހިތްހަމަނުޖެހިފައި ބުންޏެވެ.

[ބަލަ ޙުސްނީ ހިތްހަމަނުޖެހެންޏާ، އެމަންޖެ ގާތު ބުނިނަމަ، އެމަންޖެ ނުދިޔައީހެއްނު.....] ބަދުރިއްޔާ ބުންޏެވެ.

[ބަދުރިއްޔާ، އަހަންނަށް އެއްޗެކޭ ބުނާކަށް ފުރްޞަތެއް ނުދެމެއްނު. ދެން މައްސަލައެއްނެތް، އެކަމަކު މިއަދުން ފެށިގެން އެގޮތަށް މިނިވަންކަމާއެކު ދޫނުކުރާތި. ނިކަން ފަސޭހައިން އެ ޢުމުރުގެ ކުދިންގެ މަގުއޮޅޭނެ. މިބުނީ ހުޝިޔާރު ފިރިހެނަކު ޖެހިއްޖެއްޔާ ވެދާނެ ގޮތުގެ ވާހަކަ.] ޙުސްނީ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. ކޮޓަރިއަށް ވަދެފައި، މާގިނައިރުތަކެއްނުވެ އަނެއްކާވެސް ޙުސްނީ ނުކުތެވެ. އެއަށްފަހު، އަތިރިއަށް (ދޯނިދޮށަށް) ގޮސްފައި، އެބަ އަންނަމޭ ބުނެފައި ނުކުތެވެ.

އިއްތިފާޤަކަށްވެސް ވެދާނެއެވެ. ޙުސްނީވެސް މިޞްރާބުޖެހީ ދެކުނު ތުނޑިއާ ދިމާއަށެވެ. ވީހާކަހަލައެވެ. އޭނާ އެދަނީ ޒައިހާގެ ބޯކޮޅު ބަލައިގެންނެވެ.

ޒައިހާއާއި މިރުޒާ ދެކުނު ތުނޑިއަށް ދިޔައިރު، ޒައިހާގެ އިންތިޒާރުގައި ތުނޑިމަަތީގައި މުއީޒް އިނެވެ.

[އަހަރެން ދެން ދަނީ....] މުއީޒާ އަރާހަމަކޮށް، މިރުޒާ މިހެން ބުނެފައި، އެނބުރި ހިނގައިގަނެއްޖެއެވެ. މުއީޒް ހިނިތުންވެލަމުން ބޯޖަހާލުމާއެކު، ޒައިހާގެ މޫނަށް ބަލައިލިއެވެ. މުއީޒްގެ އެ ބެލުމުން، ޒައިހާ ލަދުގަތެވެ.

މިއީ ހިލޭ ފިރިހެނަކާއެކު ޒައިހާވާ ފުރަތަމަ އެކަހެރިވުމެވެ.

އެދެފަރާތުގައި ލޯބީގެ ބިންގާ އެޅުނީ، އެރޭގެ ބައްދަލުވުމުގައެވެ. މުއީޒް އޭނާ ޒައިހާދެކެ ލޯބިވާ ކަމަށާއި، އެ ލޯބީގައި ދެމިހުންނަން ބޭނުންވާހަކަ ބުނާއިރަށް، އެލޯބީގައި ސާބިތުކަމާއެކު ދެމިހުރުމަށް ޒައިހާވެސް ވަޢުދުވިއެވެ.

[މުއީޒް، މަންމަ ބުނި އަވަހަށް އަންނައްޗޭ....ދެން ގެއަށް ދަމާ...އެހެން ނޫނީ....މަންމަމެން ދެން އަހަރެން ބޭރަށް ނުފޮނުވާނެ.] އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ޒައިހާ ބުންޏެވެ. އެހިނދު އެމީހުންނާ ވިއްސަކަށް ފޫޓް ދުރުން މަގޫގަސްތަކުތެރޭން އާދަޔާ ޚިލާފު އަޑެއް އިވުމުން، މުއީޒާއި ޒައިހާ ސިހިފައި، އެދިމާއަށް އެނބުރުނެވެ. އެއާއެކު ފެނުނު މަންޒަރަކުން ޒައިހާ ގަތީ އަމަށަކު ބިރެއް ނޫނެވެ. ޒައިހާއަށް ބާރަށް މުއީޒްގެ އަތުގައި ހިފަހައްޓާލެވުނެވެ. ޙަޤީޤަތުގައި މުއީޒްވެސް ހުރީ ބިރުން ރޫރޫއަޅާވަރުވެފައެވެ.

މަގޫ ގަސްތަކުގެ ތެރެއިން ފެންނަން ހުރީ ނިކަން ބިޔަ ހިޔަންޏެކެވެ. ހިޔަންޏެއްގެ ގޮތުގައި ސިފަވިޔަސް، ދެލޯ އަލިފާން އަނގުރުކޮޅެއްހެން ފާޅުވާން ހުއްޓެވެ.

[މުއީޒް.....!] ޒައިހާ ކުރިއަށްވުރެންވެސް ބާރަށް މުއީޒްގެ އަތުގައި ހިފަހައްޓާލިއެވެ.

[ޒައިހާ.....މާބޮޑަށް ބިރުނުގަނޭ، ބިރުން އުޅެފިއްޔާ، މާގޯސްވާނެ. އެދިމާއަށް މާބޮޑަށް ނުބަލާ ހިނގާ ދާން.] މުއީޒް ޒައިހާގެ އަތުގައި ހިފައިގެން ހިނގައިގެންފިއެވެ. ޙަޤީޤަތުގައި ޒައިހާއަށްވުރެން މުއީޒްވަނީ މާބޮޑަށް ބިރުގެންފައެވެ. ފަސްއެނބުރި ނުބެލުމަށް، ކިތަންމެވަރަކަށް މުއީޒް ބުނި ކަމުގައިވިޔަސް، ގެންފައިވާ ބިރެއްގެ ސަބަބުން ސިއްރު ސިއްރުން ޒައިހާ ފަހަތަށް ބަލައިލިއެވެ.

އެއާއެކު ޒައިހާ ކުރިއަށްވުރެންވެސް ބިރުގެންފިއެވެ. އެހިޔަނި ކުއްލިއަކަށް އޭނާގެ ލޯމަތިން ކަޝްފުވީމާ، އޭނާއަށް އެދިމާއަށް ބަލައިލެވުނެވެ.

[މުއީޒް، އޭތި ކުއްލިއަކަށް ގެއްލިއްޖެ. އަޅެ އަހަރެން ވަރަށް ބިރުގެންފި....] ޒައިހާ ކުރިއަށްވުރެންވެސް ބާރަށް މުއީޒްގެ އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް، މުއީޒް ފަސްއެނބުރި ބަލާވެސްނުލައެވެ. އެފަދަ އެއްޗެއްސަށް ފަސްއެނބުރި ބަލާކަށް ނުވާނޭ، މުސްކުޅިން ބުނާއަޑު އޭނާ އަހައެވެ.

މުއީޒް ޒައިހާއާއެކު ގެޔާ ހަމައަށް އައެވެ.

ޒައިހާ ގެއަށް ވަނުމުގެ ކުރިން މުއީޒްގެ އިރުޝާދާއެކު، އެގޭ ބަދިގެފަރާތުގައި ހުންނަ ފެންބޯވަޅުން އަތްފައި ދޮވެލިއެވެ. މުއީޒްވެސް ގެއަށްދިޔައީ އެވަޅުން އަތްފައި ދޮވެ، ވުޟޫކޮށްލައި ހަދައިގެން، އެވަގުތު ހަނދާންހުރިނަމަ ހުރި ހުރިހާ ހެޔޮ އެއްޗެއް ކިޔަމުންނެވެ.

[ދަރިފުޅާ ކާން އާދޭ. އަތްފަޔާ ބޯ ތެތްމާލައިގެން ކޮންތާކުން ތިއައީ. ނިހާލްވެސް ދަރިފުޅު ހޯދަން އައި....] މުއީޒް ގެއަށް ވަންއިރު، ބޮޑުކޮޓަރީގައި އިން އޭނާގެ މަންމަ މުއުމިނާ އެއްސެވެ.

[ފާޑެއްގެ ކަމަކާ ދިމާވީމާ، ގެއެއްގެ ވަޅުދޮށުން ވުޟޫކޮށްލައިގެން މިއައީ.....ކޮންއިރަކުތަ ނިހާލް އައީ؟] މުއީޒް މަންމަ ގާތުގައި އިށީނދެއްޖެއެވެ.

[ހަތެއްޖަހާކަންހާއިރު.....ވަރަށް ގިނައިރު ވަންދެން ހުރެފައި އެސޮރު ދިޔައީ....] އެއަށްފަހު މުއީޒް، އެރޭ ދިމާވި ޙާދިޘާގެ ވާހަކަ މަންމައަށް ކިޔައިދިނެވެ.

[ދަރިފުޅު ތުނޑިމައްޗަށް ދިޔައީތަ؟! ދެނަމާދު ދޭތެރޭ އެހިސާބު ނިކަން ނާމާންވާނެ. ދަރިފުޅަށް ކޮންމެފަދަ ގޮތެއްވެސް ދިމާވެދާނެ.] މުއުމިނާ ނިކަން ހާސްވެއްޖެއެވެ.

[މަންމާ، ކުރިން އަހަރެން ދުވަހަކުވެސް އަޑެއް ނާހަން، އެހިސާބު އެއީ ނާމާން ސަރަޙައްދެކޭ މީހަކު ބުނީތީއެއް. އެކަމަކު ލޮލުން ފެނުނީމާ ކަށަވަރުވެއްޖެ، އެހިސާބުގެ ޙާލަތު. ޝަހާދަތް މިބުނީ ކިރިޔާ ބިރުން ހަލާކުނުވީ.] މުއީޒް ބުންޏެވެ.

[ދެން ނުދާތި. މީގެ ފަންސަވީހަކަށް އަހަރު ކުރިން އެތާނގައި އަންހެން ކުއްޖަކު މަރާލާފައި އޮއްވާވެސް ފެނުނު. އެކުއްޖާގެ ލޯވެސް އޮތީ ކޮނެލާފަ.] މުއުމިނާ ދެކުނު ތުނޑި އިތުރަށް މުއީޒަށް ސާފުކޮށްދިނެވެ.

[ހަމަތެދެއްތަ!؟ މަރުވެފައި އޮއްވާ ފެނުނީ ކޮން ކުއްޖެއްތަ؟] ބިރުގެންފައި ހުރެގެން މުއީޒް އެއްސެވެ.

[އެއީ އެ އަވަށު މުތީގޭ ޙުސްނާ...އޭނާ އިންނަން އުޅުނު ފިރިހެން މީހާގެ ސިފައިގައި އައިސް ޙުސްނާ ގެންގޮސް މަރާލީޔޯ....މާދަމާ ވާނެ، ދަރިފުޅުގެ ހަށިރައްކަލަށް ޙުސޭނުބޭ ލައްވާ ކޮންމެވެސް ކަމެއް ކުރުވަން.] ތަފްޞީލު ދިނުމަށްފަހު، މުއުމިނާ ބުންޏެވެ.

[ހަމަތެދެއް!؟ މަންމާ....ވަރަށް ބިރު އެބަގަނޭ، މާދަމާވާނެ ކޮންމެހެންވެސް ތިކަމެއް ކުރަން.] މަންމަގެ ވާހަކަތަކުން މުއީޒް އިތުރަށް ބިރުގަނެ ހާސްވެއްޖެއެވެ.

[މާދަމާ މަންމަ ތިކަމާ އުޅޭނަން. ދަރިފުޅު ކަންބޮޑުނުވެ ކާން ހިނގާ.] މުއުމިނާ ތެދުވިއެވެ.

[ބިރުގަތްވަރުން ކާހިތެއްވެސް ނެތް. އަހަރެން ނުކާނަން މިރެޔަކު މަންމާ....] މުއީޒް ތެދުވެގެން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

[ކީއްވެތަ ނުކާންވީ ދަރިފުޅާ، މަންމަވެސް މިހިރީ ދަރިފުޅު ނައިސްގެން ނުކައި.] ބަދުރިއްޔާ ވާހަކަ ދެއްކީ އޭނާގެ ދަރިފުޅު ޒައިހާއާއެވެ. ދިމާވި ބިރުވެރި ކަންތައްގަނޑެއްގެ ސަބަބުން ޒައިހާވެސް ކާހިތްނެތީއެވެ. ނަމަވެސް، އޭނާ އެއިން އެއްވެސް ވާހަކައެއް މަންމައަކަށް ކިޔައެއްނުދެއެވެ.

[ދަރިފުޅާ، އަނެއްކާ މިރުޒާމެން ގެއިން ކައިގެން އައީތަ. ބައްޕައަށް ކާންދީފައި، ދަރިފުޅު އަންނަންދެން މަންމަ މިހުންނަނީ ނުކައި....] ބަދުރިއްޔާ މިހެން ބުނީމާ، އެންމެ ރަނގަޅޭ ތިމަންނަވެސް ކުޑަކޮށް ކާނަމޭ ބުނެފައި، ޒައިހާ މަންމައާއެކު ބަދިގެފަރާތަށް ހިނގައިގެންފިއެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން