ރައީސް ނަޝީދަށް ޙަމަލާދޭން އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލް
ރައީސް ނަޝީދަށް ޙަމަލާދޭން އައިއީޑީ ހަރުކޮށްފައި ހުރި ސައިކަލް
ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ޙަމަލާއެއްދޭން. ބަޔަކު ރާވަމުން ގެންދާކަމަށް ލިބިފައިވާ މަޢުލޫމާތު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި ޙިއްސާކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

ބަޔަކަށް ތިންމިލިއަން ޑޮލަރު ދީގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ވާހަކަ މަޖިލީހުގެ މެމްބަރަކު އެކަމަނާއަށް ގުޅުއްވާފައި ވިދާޅުވި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގައި ޖިނާއީ ކަންތައްތަކެއް ހިމެނޭތީ މެންބަރުވެސް އެކަން ފުލުހުންނަށް އެންގެވުމަށް އެދިވަޑައިގެންނެވިކަމަށް މާރިޔާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މެންބަރު އިލްޔާސް ލަބީބް މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަކުމުގެ މަޢުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާގުޅިގެން، އެ މަޢުލޫމާތު ވަގުތުން ރައީސް ނަޝީދަށް ހިއްސާކުރެއްވި ކަމަށެވެ. އަދި ރައީސް ނަޝީދުގެ އިރުޝާދާއެކު، އެމަޢުލޫމާތު ޑިފެންސް މިނިސްޓަރަށް ހިއްސާކުރެއްވި ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"ރައީސް ނަޝީދުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާ އަދާކުރަންޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓްރީކަމަށްވާތީ އަޅުގަނޑު އެމަޢުލޫމާތު އެމުއައްސަސާއާ ހިއްސާކުރުމުން، އެމަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސްއަށް ހިއްސާކުރުމަށް އަޅުގަނޑަށް އެފަރާތުން އެއްވެސް ހާލަތެއްގައި އަންގާފައިނުވޭ." އިލްޔާސް ވިދާޅުވެފައި ވެއެވެ.

އިލްޔާސް ވިދާޅުވީ، ތަޙުޤީޤަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ހުރިހާ ފަރާތަކަށްވެސް ދެމުން ގެންދާ ކަމަށާއި، ނަމަވެސް ދަޢުލަތުގެ އިދާރާތަކަށް ލިބޭ މިފަދަ ޚައްސާސް މަޢުލޫމާތު މީޑިއާތަކުގެ ބަހުސަކަށް ހުޅުވާލުމަކީ ޒިންމާދާރުކަމާއެކު ކުރެއްވި ކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދަށް ޙަމަލާއެއް ދޭން އުޅޭ ކަމުގެ މަޢުލޫމާތު މާރިޔާއަށް ޙިއްސާކޮށްފައިވީ ނަމަވެސް ރައީސް ނަޝީދަށް ދިން ހަމަލާގެ އިންޓެލިޖެންސް އެއްވެސް މައުލޫމާތެއް އެމްއެންޑީއެފާއި ފުލުހުންނަށް ލިބިފައިނުވާ ކަމަށް އެ ދެމުވައްސަސާ އިން ވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ކީއްވެ

15-May-2021

އަޅެ އެބުނީ މަޖިލިސް ރައީސް އަށްވެސް އެންގީމޭ. ދެންކީއްވެބާ ޕްރިކޯޝަން ނުނެންގެވީ...



ޓްރެންޑިން