ހަރުކަށި ފިކުރުގެ ސަބަބުން ދިވެހި ރައްޔިތުންވަނީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިމަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވަނީ ޓެރަރިސްޓް ޙަމަލާއެއް ކަމަށާއި، އެއީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދީފައިވާ ޙަމަލާއެއް ކަމަށެވެ. އަދި އެ ޙަމާލާއިން ލިބުނު ޒަޚަމްތަކަށް އެމަނިކުފާނު މިހާރު ގެންދަވަނީ ޖަރުމަނު ވިލާތުން ފަރުވާ ހޯއްދަވަމުން ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.



މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއިން އެމަނިކުފާނު ރަނގަޅުވަމުން އައި ނަމަވެސް އެމަނިކުފާނުގެ ފުރާނަފުޅަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ ފިލާ ނުދާކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ސަބަބުން ދިވެހި ރައްޔިތުންވަނީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައި ވެއެވެ.

ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން 3 މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާއިރު، އައްޑޫ ސިޓީގައި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި މިއަދު ވަނީ 7 މީހަކު ހައްޔަރުކޮށްފައެވެ. މިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ސަލަމާތީ ބާރުތަކުގެ އެލާޓް ލެވަލް ވަނީ މަތިކޮށްފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަލަމާތީ ބާރުތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު