05 ވަނަ އެޕިސޯޑް

==========

ވަގުތުން ޒޭނާ އެތަވީދު ކަނޑާލާފައި، ނާޒިމާގެ މުށަށްލިއެވެ. ނަމަވެސް، ނާޒިމާ މުށް ހުޅުވާލައި ތަވީދު ބިންމައްޗަށް ވައްޓާލިއެވެ. ނުހަނު ބިރުގެންފައި އޮވެމެއެވެ.

[ޝާޢިރާއްތަ އަތަށް ގެންގޮސްދޭންވީތަ؟] އަނެއްކާވެސް ޒޭނާ އެއްސެވެ. ނާޒިމާ ނޫނެކޭ ބުނާފަދަ ގޮތަކަށް ދެއަތަކަށް ބޯހޫރާލިއެވެ.

[އެއްލާލަންވީތަ؟] ޒޭނާ ބޭނުންވަނީ ނާޒިމާއާ ވާހަކަ ދައްކައިގެން ހިތްހަމަޖައްސައިދޭށެވެ. މިފަހަރުވެސް ނާޒިމާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލިއެވެ. ޒޭނާ ކޮޓަރިތެރޭގައި ހުރި ޑަސްބިނަށް ތަވީދުލިއެވެ. އެއާއެކު ނާޒިމާ ގަދަކަމުން ހިނިތުންވެލިއެވެ.

ހަމަ އެވަގުތެވެ. ޒޭނާއާ ބެހޭގޮތުން ލިބުނު މަޢްލޫމާތު، ނާއިލަށް ދިނުމަށްޓަކައި ފިރާޤު ނާއިލާ ބައްދަލުކުރީ، ނާއިލް އޭނާގެ ބައްޕަގެ އޮފީހުގެ ކޮންމެވެސް ކަމެއްގައި އުޅެނިކޮންނެވެ.

[އެކަމުގެ ވަރަށްބޮޑު ކުރިއެރުންތަކެއް ލިބިއްޖެ. ހިނގާބަލަ ކާރުގައި ބުރެއްޖަހާލަމާ....އެކުއްޖާގެ ނަންވެސް މިހާރު ހޯދައިފިން.] ފިރާޤު ނާއިލްގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އޮފީހުން ނުކުމެއްޖެއެވެ.

[އަވަހަށް މަގޭ ޖާދުވީ ޙޫރުގެ ނަން ބުނެބަލަ.] ކާރަށް އަރަމުން ނާއިލް އެއްސެވެ.

[ޒޭނާ....އެކުއްޖާ އުޅޭ ކަމަށް ވަނީ މިރަށުގެ ވަރަށް މުއްސަނދި ގެއެއްގަ....] ފިރާޤު ބުންޏެވެ.

[އަޅުގަނޑަށް ކިޔަނީ ޒޭނާ.....] ކުއްލިއަކަށް ނާއިލްގެ ހަނދާނަށް އޭނާއަށް ފިލަން މަސައްކަތްކުރާ އަންހެން ކުއްޖާ، އެންމެފަހުން ބުނި ޖުމްލަތައް އައެވެ. އިތުރަށް އެއްވެސް ވާހަކައެއް ނާއިލް ނުދައްކާ، ކާރު ގޮސް މަޑުކުރީ އޭނާގެ ގޭގެ ދޮރުމައްޗަށެވެ. ފަހަތުން އައުމަށް ފިރާޤު ގާތު ބުނެފައި އޭނާ ނިކަން ބާރަށް ހިނގާފައި ގޮސް ވަނީ އޭނާގެ މަންމަ އޮންނަ ކޮޓަރިއަށެވެ. އެއީ ޒޭނާ ނާއިލްގެ މަންމައަށް ސައިދީ ނިމުނު ވަގުތެވެ. ކުއްލިއަކަށް އައިސް ނާއިލް ވަނުމުން ލިބުނު ޝޮކާއެކު ޒޭނާގެ އަތުން ތަށިތައްވެސް ވެއްޓުނެވެ.

[ޒޭނާ.....!؟] ޒޭނާ ފެނުމާއެކު ނާއިލްގެ ދެލޯ ބޮޑުވިއެވެ. އެހިނދު އޭނާއަށް ލިބުނީ ބަޔާންކުރަންވެސް ދަތި އުފާވެރިކަމަކާއި ހިތްހަމަޖެހުމެކެވެ.

[ޒޭނާ.....] ދެންވެސް އެއުފާވެރިކަމާއެކު ނާއިލަށް ޒޭނާއަށް ގޮވާލެވުނެވެ. އޭރު ޒޭނާވެސް ހުރީ ހުއްޓުން އަރާފައި ނާއިލާ ދިމާއަށް ބަލަހައްޓައިގެނެވެ.

[ޒޭނާ! މިގެއަށް އައީ ކޮންއިރަކު؟ އަހަރެން ހާދަ އުފާވެއްޖެޔޭ.....މިވަރުގެ ބޮޑު އުފާވެރި އިއްތިފާޤެއް މެދުވެރިވީމާ.] ނާއިލް ޒޭނާގެ އަތުން ވެއްޓުނު ތަށި ނަގައި، މޭޒުމަތީގައި ބެހެއްޓިއެވެ.

[އަހަރެން މިރަށަށް އައީ މަތީ ތަޢްލީމުގެ ފުރްޞަތަކަށް އެދިގެން. އެކަމަކު އަހަރެންގެ މަންމަގެ ފަރާތު ބޮޑުބޭބެއެއްގެ ރައްޓެއްސެއްގެ ރައްޓެއްސަކު މެދުވެރިކޮށް ގެނައި ގެއަކީ މިގެ. މިއީ ނާއިލާ ދިމާވާންވެގެން ވީގޮތެއްކަންނޭނގެ.] ޒޭނާ ވާހަކަ ދެއްކީ އިސްޖަހައިގެން ހުރެއެވެ.

[ޒޭނާ އަހަރެން ބޭނުން، ޒޭނާއާ ވަކިން ވާހަކަ ދައްކާލަން. އަހަންނާއެކު އަތުވެދާނަންތަ.] މަންމަ އިނުމުގެ ސަބަބުން ދައްކަން ބޭނުން ހުރިހާ ވާހަކަތަކެއް ނުދެއްކޭނެތީ، ނާއިލް މަންމަގެ މޫނަށް ބަލައިލާފައި ހިނިތުންވެލުމަށްފަހު ހިނގައިގެންފިއެވެ.

[އަހަރެން ސިޓިންގރޫމްގައި މަޑުކުރާނަން.] ފިރާޤު ނާއިލްގެ ފަހަތުން ހިނގައިގަންނަމުން ބުންޏެވެ.

ނާއިލް ވަނީ ގޮސް އޭނާގެ ކޮޓަރިއަށެވެ. ފަހަތުން ޒޭނާވެސް ގޮސް ވަނެވެ.

[ޒޭނާ....ޒޭނާގެ އަމާނާތެއް އަހަރެންގެ އަތުގައި އޮންނާނެކަން ހަނދާން އެބަހުރިތަ؟] ކޮޓަރިއަށް ވަދެ ކޮޓަރިތެރޭގައި ހުރި ސޯފާގައި އިށީންނަމުން ނާއިލް ވާހަކަ ދެއްކިއެވެ. އެހިނދު ޒޭނާގެ ތުންފަތުގައި ކުޅެލީ ރަކި ހިނިތުންވުމެކެވެ.

[ވާހަކަ ދައްކަބަލަ ޒޭނާ. ޒޭނާ ހަނދާނަކަށް ނާދޭތަ. ޒޭނާގެ ލޯތްބާނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމަނުވާނެޔޭ އަހަރެން ބުނި ދުވަސް. އެދުވަހު ޒޭނާގެ އަތުން އަހަންނަށް ލިބުނު އަގުބޮޑު ހަނދާން އަދިވެސް އަހަރެން ރައްކާކޮށްފައި އެބައޮތް.] ނާއިލް ތެދުވެގެން ގޮސް އަލަމާރި ތެރޭގައި އޮތް އުޅާ ގެނެސް، ޒޭނާގެ އަތުގައި އަޅުވާލަދިނެވެ. އޭރުވެސް ޒޭނާ ހުރީ ރަކި ހިނިތުންވުމަކާއެކު ނާއިލްގެ މޫނަށް ބަލާށެވެ.

[ޒޭނާ، އަހަރެން މި އުޅާ ޒޭނާއަށް އަނބުރާ މިދެނީ މިފަދަ ދުވަހެއްގައި އަނބުރާ މިރައްދު ކުރުމަށް އަހަރެން ކަނޑައަޅާފައިވާތީ. އެކަމަކު މީގެ ބަދަލެއްގެ ގޮތުން ޒޭނާ ގެންގޮސްފައިވާ އަހަރެންގެ ދިރިހުރުމާ ގުޅުންހުރި އަހަރެންގެ.....އަހަންނަށް އަނބުރާ ދިނުމަކަށް އެއްގޮތަކަށްވެސް ނޭދެން.] ނާއިލް މިހެން ބުނީމާ ޒޭނާ ވަރަށް ބޮޑަށް ހާސްވިއެވެ.

[އަހަރެން...ކޯއްޗެއްތަ ގެންދިޔައީ؟ އަޅެ އަހަރެން ނުގެންދަން އެއްވެސް އެއްޗެއް.] ޒޭނާ ހުރީ އަނގަ ހުޅުވިފައެވެ.

[މިބުނީ ޒޭނާ ގެންގޮސްފައިވާ އަހަރެންގެ ހިތް އަނބުރާ އަހަންނަށް ދިނުމުގެ ބަދަލުގައި، އެހިތް ޒޭނާގެ ހިތުގެ ތެރޭގައި ރައްކާކޮށްދޭށޭ.] ނާއިލް ސީދާ ޒޭނާގެ ލޮލަށް ބަލަން ހުރެފައި ބުންޏެވެ. ޒޭނާ ލަދުން އިސްޖަހާލިއެވެ.

[އަހަރެން ޗުއްޓީ ދަތުރަށްފަހު ކުޅުދުއްފުށިން އައިއްސުރެން ޒޭނާގެ މަޢްލޫމާތު ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރިން. ކުއްލިއަކަށް ކޮޓަރިއަށް އައިސް ވަނީ ހޯދި ހޯދުންތަކުން ޒޭނާ އުޅެނީ މިގޭގައިކަން އެނގި ސާބިތުވީމާ.] ނާއިލް ކިޔައިދިނެވެ. އެދުވަހު ނާއިލް ޒޭނާއަށް އޭނާ ކުރި އިންތިޒާރާއި، މިހާތަނަށް ޒޭނާއާމެދު ވިސްނި ވިސްނުން ކިޔައިދިނެވެ.

[ނާއިލް އަހަންނާ ދޭތެރޭ ތިގޮތަށް ވިސްނުމަކީ ނާއިލް ކުރާ ވަރަށް މޮޔަ ކަމެއް. އަހަންނަކީ ރާއްޖެތެރޭ ރަށެއްގެ ނިކަމެތި ޢާއިލާއަކަށް ނިސްބަތްވާ ނުލާހިކު ނިކަމެތި އަންހެން ކުއްޖެއް. އަދި މިހާރު މިގޭ ގެންގުޅޭ ކުއްޖެއް.....ނާއިލް ކަހަލަ މީހަކާ އަހަންނަކާ އަރާ އަރަފޯދިގެނެއްނުވޭ....ނާއިލާ އެކަށީގެންވާ މީހަކީ ޢައިޝާ.....] ޒޭނާ އެހުރިގޮތަށް އިސް ޖަހާލައިގެން ހުރެ ބުންޏެވެ.

[ތިހެން ނުބުނޭ ޒޭނާ. ޒޭނާގެ ފުރަތަމަ ފެނިލުމާއެކުވެސް ޒޭނާގެ ތަޞްވީރު ވަނީ އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައި....އާނ ފުރަތަމަ ފެނިލުމާއެކުވެސް އަހަރެންގެ ހިތް ޒޭނާއަށް އެދެން ފެށި....ޢައިޝާއާމެދު އެފަދަ ގޮތަކަށް އަހަރެން ނުވެސް ވިސްނަން. އަހަރެން ދެކެނީ އެއީ ޢާއިލީ ރަޙްމަތްތެރިއެއް ކަމަށް.] ނާއިލް ފުރަތަމަ ބައްދަލުވުމާއެކުވެސް އޭނާގެ ހިތް ހުޅުވައި، އެއްވެސް ހުރަހެއްނެތި ހިތްއެދޭ ބައިވެރިޔާއަށް ދައްކަމުން ދިޔައެވެ.

ހިތުގެ އަޑިން އުފާކުރިޔަސް އެއީ ވަގުތީ ކަމެއް ކަމަށް ވިސްނޭތީ، ޒޭނާ ބޭރުފުށަކަށް އެކަމެއް ނުދައްކައެވެ.

[ސްކޫލް ނިމުނީތަ މިރަށަށް ތިއައީ.] ނާއިލް ޒޭނާގެ އަތުގައި ހިފައިގެން އައިސް ސޯފާގައި ބޭންދިއެވެ.

[އާނ އެރަށުން އޯ ލެވެލް ހެދިން. އަހަރެން މިރަށަށް އައީ ޓީޗިންގ ހަދަން ބޭނުންވެގެން.] ޒޭނާ ބުންޏެވެ.

[ޒޭނާ ޓީޗިންގ ހަދަންވީނު.] ނާއިލްގެ މިޖުމްލައާއެކު ޒޭނާގެ ދެލޮލުން ކަރުނަ އަތުވެއްޖެއެވެ.

[ކިހިނެއްވީ؟] ނާއިލް ޒޭނާއާ ކުޑަކޮށް ކައިރިއަށް ޖެހިލާފައި ސުވާލު ކުރިއެވެ.

[އަހަރެން މިރަށަށް އައީ ވަރަށް ފޮނި އުންމީދުތަކަކާއެކު. އެކަމަކު މިރަށަށް އައިސް އަހަރެން މިގޭ ޝާޢިރާ ދައްތަ ގާތު އަހަންނަށް ކިޔަވަންދާނޭ ފުރްޞަތު ދޭށޭ ބުނީމާ ބުނީ...މިއީ ބޯޑިންގއެއް ނޫނޯ......އަހަރެންގެ އަތަށް ދިނީ ލިޔާ ހުސް ފޮތަކާއި ފަންސުރެއް...] ޒޭނާ އަތުގެ ނުފުށުން ލޯ ފޮހެލިއެވެ.

[ދެން ކީއްވެ މިގޭގައި މަޑުކޮށްގެން ތިހުންނަނީ. ކިޔެވުމުގެ ފުރްޞަތު ޒޭނާއަށް ލިބެންވާނެ.] ނާއިލް ޒޭނާގެ އަތުގައި ހިފެހެއްޓިއެވެ.

[މިގޭގައި މަޑުކުރީ. މިކޮޓަރި ސާފުކުރުމުގެ ތެރޭގައި މި އުޅާ ފެނުނީމާ.] ޒޭނާ މިހެން ބުނެފައި، އެއްއަތުން އޭނާގެ މޫނު ފޮރުވާލިއެވެ.

[އޭގެ މާނައަކީ ޒޭނާވެސް އަހަރެންދެކެ ލޯބިވަނީއޭތަ؟] ނާއިލް ކުރިއަށްވުރެންވެސް ޒޭނާއާ ކައިރިއަށް ޖެހިލިއެވެ.

ޒޭނާ ބޮލުގެ އިޝާރާތުން އާއެކޭ ބުނާފަދަ ޙަރަކާތެއް ކުރިއެވެ. އެވަގުތު ނާއިލް ޓީ.ވީ އޮންކޮށްލިއެވެ.

އޭރު ޓީ.ވީ އިން އަންނަމުން ދިޔައީ ވަރަށް މަޝްހޫރު ހިންދީ ލަވައެއް ކަމުގައިވާ [ޕެހެލީ ނަޒަރުމޭ ކޭސިޖާދޫކަރުދިޔާ] މިހިތްގައިމު ލަވައެވެ. ހަމަގައިމުވެސް އެއީ މިހާރު ނާއިލް ހިތް ގޮވަމުންދާ ގޮވުންތަކެވެ.

[ވަރަށް ހިތްގައިމު ލަވައެއްދޯ؟] ނާއިލް ނުހަނު ޢިޝްޤީ އަސަރުގައި ޒޭނާގެ މޫނަށް ބަލަން ހުރެފައި ބުންޏެވެ. ޒޭނާ މަޑުމަޑުން ބޯހަލުވާލިއެވެ.

[އަހަރެން...ހާދަ އުފާވެއްޖޭ....] އުފާވަނީ އެކަނި ނާއިލެއް ނޫނެވެ. ޒޭނާވެސް ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. ޒޭނާއަށް އޭނާގެ ހިތުގައި ނާއިލަށް މަޤާމެއް ދެވިފައިވާ ކަމުގެ އިޙްސާސް، ފުރަތަމަފަހަރަށް ކުރެވެން ފެށީ، ޒޭނާ އެގެއަށް އައިތާ ދުވަސްތަކެއްގެ ފަހުންނެވެ.

މީގެކުރިން އެއްވެސް ހިލޭ ފިރިހެނަކާއެކު އެއުޞޫލުން އޭނާގެ އަތުގައި ބީހިލާފައެއްވެސް ނުވެއެވެ. އެގޭގެ އެހެން އިތުރު އެއްވެސް މަސައްކަތެއް ނުކުރުމަށާއި، ހަމައެކަނި އޭނާގެ މަންމަގެ ޙާލަތު ބެލުމަށް ނާއިލް ޒޭނާ ގާތު އެދުވަހު އެދުނެވެ. އަދި އޭނާގެ މަންމައަކީ ޒޭނާގެ އުފަން މަންމަ ކަމަށް ދެކިގެން މަންމައަށް އަޅާލައި އޯގާތެރިކަން ދިނުމަށްވެސް އޭނާ އެދުނެވެ. އެދުވަސްވީ ފަހުގެ ތާރީޚެއްގައި ނާއިލް އެންމެ އުފާވި ދުވަހަށެވެ.

[އޭ ހާދަ އުފާވެފައި، މާދުރުން ކޯލްގެޓް އިޝްތިހާރު ކުރަމުން ތިއަންނަ ސަބަބެއްވާނެ. އަނެއްކާ އެމަންޖެ ހުރި ތަނެއް އެނގުނީތަ؟] ސިޔާދު ވާހަކަ ދެއްކީ ނާއިލާއެވެ.

[ޙަޤީޤަތުގައިވެސް މީހާގެ އިޙްސާސްތައް ބަދަލުވީމާ އެނގެޔޭދޯ؟ ތިބުނީ ރަނގަޅަށް. ސިޔާ ބުނަން ވަރަށް އޯގާތެރި އިއްތިފާޤެއް މެދުވެރިވީ. އަހަރެންގެ ގޭގައި އުޅެނީ ޒޭނާއޭ. ދެން ވިސްނާލާ އަހަރެން އުފާވާނޭވަރު.] ޙަޤީޤަތުގައިވެސް ނާއިލް ހީވަނީ ދުވަހަކުވެސް ނުލިބޭވަރުގެ އުފަލެއް ލިބިގެން އުޅޭހެންނެވެ.

[ސަމާސާއެއް ނޫންތަ؟ ތިއަށް ކިޔިދާނެ އޯގާތެރި އިއްތިފާޤެކޭ.]

[މިހާރު ހުރިހާ ކަމެއްވެސް އޯކޭވެއްޖެ. އަހަރެން މިހާރު މިވިސްނަނީ ވީހާވެސް އަވަހަކަށް ޒޭނާއާ ކައިވެނި ކުރުމަށްފަހު، ޒޭނާ ކިޔަވަން ބޭރަށް ފޮނުވާލަން.] ނާއިލް އޭނާގެ ރަޙްމަތްތެރިޔާއަށް އޭނާގެ ވިސްނުން ޙިއްޞާ ކުރިއެވެ.

[ތިކަމަށް ނާއިލްގެ ޢާއިލާ ރުހޭނެބާ؟ އަހަންނަށް ހީވަނީ ވަރަށްބޮޑު މައްސަލައަކަށް ތިކަންވާނެހެން. އެމީހުން ވަނީ ޢައިޝާއާއި ނާއިލްގެ ކައިވެނި ރާވާފައި....] ސިޔާދު ހަނދާންކޮށްލަދިނެވެ.

[އަހަންނަކީ ބޮޑުވެ ތަޞައްރަފު ފުދިފައި ހުރި ފިރިހެނެއް......އަހަންނާ ވާހަކަ ނުދައްކައި، އަހަރެންގެ ކައިވެނި ރާވާ ކަމަށްވާނަމަ އެއީ ވަރަށް ހަމަނުޖެހޭ ކަމަކަށްވާނެ....] ނާއިލް ބުންޏެވެ.

އޭގެފަހުން ފާއިތުވާ ކޮންމެ ދުވަހަކީވެސް ނާއިލާއި ޒޭނާގެ ލޯބީގެ ޙަޔާތަށް އިތުރު ބަދަހިކަން އައިސް އުފަލާއި ހިތްހަމަޖެހުން ޙިއްޞާ ކުރަމުންދިޔަ ދުވަސްތަކެކެވެ. ފާއިތުވެގެންދާ މިފަދަ އުފާވެރި ދުވަސްތަކުގައި، ފަހަރެއްގައިވެސް ޢައިޝާއާއި އޭނާގެ ކައިވެންޏާމެދު ދެޢާއިލާގެ ފަރާތުން ދައްކަމުންދާ ވާހަކަތަކާއި، ރާވަމުންދާ ރޭވުންތަކާމެދު ނާއިލެއް ނުވިސްނައެވެ.

އޭނާއަށް ލިބިފައިވާ ޔަޤީންކަމަކީ، އޭނާގެ އުއްމީދުތަކުގައި އޭނާގެ ބައްޕަ ކޮޅުފައިން ނުޖަހާނެކަމެވެ. އަދި އޭނާއާ މަޝްވަރާ ކުރުމަކާ ނުލައި، އެފަދަ ކަމެއް ބައްޕަ ނިންމަފާނެ ކަމަކަށް އޭނާ ގަބޫލެއްވެސް ނުކުރެއެވެ.

[ނާއިލަށް ނާއިލްގެ ބައްޕައާމެދު އިތުބާރު އޮތިއްޔާ އަހަރެން ދައްކާނެ ވާހަކައެއް ނެތް. އެކަމަކު އަހަންނަށް ހީވަނީ މިހާރު ވަރަށް ބޮޑަށް ތައްޔާރުވަމުން އެބަދާހެން. ޙަޤީޤަތުގައި އިލްޔާސްބެގެ ގޮތް އަދިވެސް ނާއިލަށް ތިއުޅެނީ ރަނގަޅަށް ދަސްނުވެގެން.] ނާއިލްގެ ވާހަކައާ ދެކޮޅު ހަދަމުން ސިޔާދު ބުންޏެވެ.

[ސިޔާދު ހާދަ މޮޔައޭދޯ. ބަލަ އަހަރެންގެ ކައިވެނި އަހަންނަށްވެސް ނޭނގި ރާވަން. މިއީ އިންޑިޔާތަ؟ ތިކަހަލަ ވާހަކައެއް އަދި ބައްޕަމެން އަހަންނަކާ ނުވެސް ދައްކާ. އެކަމަކު އަހަންނަށްވެސް ހިސާބަކަށް މޭރުންވޭ، ތިވިސްނުން ގެންގުޅޭ ކަމަށް.] ނާއިލް ބުންޏެވެ. ކުރިންވެސް އޭނާއަށް އެކަން އެނގެއެވެ. ނަމަވެސް މިފަދަ އެތެރެ ފެންނަ ޒަމާނެއްގައި، އެފަދަ ގޮތަކަށް އޭނާގެ ޢާއިލާގެ ވިސްނުން ހުރެދާނެ ކަމަށް ޤަބޫލުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

އޭނާ ކިތަންމެ ޤަބޫލު ކުރިޔަސް ނުކުރިޔަސް، އޭނާގެ ބައްޕަ އިލްޔާސާއި ޢައިޝާގެ ބައްޕަ އިސްމާޢީލް ގެންދަނީ ވަރަށް ކުރިއްސުރެން އެކައިވެނި ރާވައި ތައްޔާރުވަމުންނެވެ.

އެކައިވެންޏަށްފަހު ނާއިލަށް މުޅިން ވަކި ދިރިއުޅުމެއް ފަށްޓައިދިނުމަށްޓަކައި އޭނާ މިހާރުވަނީ އޭނާ މާލެއިން ގަނެފައިވާ ބިމުގައި ދިހަބުރީގެ ޢިމާރާތެއް ކޮށްފައެވެ. އެޢިމާރާތް ހެދިފައިވަނީ ތިރީގައި އެކަށީގެންވާ ބޮޑު ކްލިނިކެއް ހިންގޭނޭ ޖާގައާއި ވަސީލަތްތަކާ އެކުގައެވެ.

[އިލްޔާސް މިހާރު ކައިވެންޏާ ބެހޭގޮތުން ނާއިލާ އެއްވެސް ވަރަކަށް މަޝްވަރާކޮށްފިންތަ؟ އަހަރެމެންގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއްހެން މިހާރު މިވަނީ ނިމިފައި. އެކަމަކު އަދި އެސޮރުގެ ޚިޔާލު ހުރިގޮތެއް، ކައިވެނި ކުރާނޭ ތާރީޚެއްވެސް ނުނިންމޭ. އެކަން އަހަރެމެން ކަނޑައެޅުން ރަނގަޅެއް ނުވާނެ.] ޢައިޝާގެ ބައްޕަ އިސްމާޢީލް ވާހަކަ ދެއްކީ ނާއިލްގެ ބައްޕަ އިލްޔާސާއެވެ.

[އަހަރެން އެސޮރަށް އިޝާރާތްކޮށްފަވާނެ ކުރީގައި. އެކަމަކު ސީދާ ބަހަކުން އެވާހަކައެއް އަދި ނުދައްކަން. ބުނެބަލަ އިސްމާޢީލަށް ހީވޭތަ އަހަރެންގެ ނިންމުމަކާ އަހަރެންގެ އެދަރިފުޅު ދެކޮޅުހަދާފާނެ ކަމަށް. އަހަރެންގެ އެހެން ކުދިންނާ ޚިލާފަށް ނާއިލަކީ ވަރަށް ކިޔަމަންތެރި ކުއްޖެއް.] އިލްޔާސް ވަރަށް އިތުބާރާއެކު ވާހަކަ ދެއްކިއެވެ. އޭރު ބައްޕަމެން އެދެއްކި ވާހަކަ އަޑުއިވޭ ހިސާބުގައި ނާއިލް ހުއްޓެވެ.

ބައްޕަ އޭނާއާމެދު ދެކޭގޮތާއި ކުރާ ފޮނި އުއްމީދުތައް އަދި ބައްޕަގެ ވިސްނުން އެނގުމުން، އެހިނދު އޭނާއަށް ވަރަށްބޮޑު ޝޮކެއް ލިބުނެވެ.

އޭނާގެ ބައްޕަ، ބައްޕަގެ އެހެން ހުރިހާ ކުދިންނަށްވުރެންވެސް އޭނާއަށް އިތުބާރު ކުރެއެވެ. އެހެން ނަމަވެސް، ބައްޕަގެ އުއްމީދުތައް ފުނޑުފުނޑުކޮށްލައި ލޯތްބަށްޓަކައި ތެދުވަން އޭނާއަށް މިއަދު މިވަނީ ޖެހިފައެވެ.

[ބައްޕަ ކީއްވެބާ ކުރިން ޢައިޝާގެ ކަންތަކާ އަހަންނާ މަޝްވަރާ ނުކުރީ. ޢައިޝާއާ މެރީކުރާކަށް އަހަރެން ބޭނުމެއް ނޫން. އަހަންނަށް ޒޭނާ ނޫން ކުއްޖަކު އަހަރެންގެ ދިރިއުޅުމަކަށް ނުގެނެވޭނެ.] ނާއިލް ހިތާހިތާ ވާހަކަ ދައްކަމުން ބައްޕަމެނަށް ނުފެނި އެތަނުން ދުރަށް ދިޔައެވެ.

އޭރު އިލްޔާސްމެންގެ ގާތުގައި ޝާޢިރާވެސް ހުއްޓެވެ. އެވަގުތު ޝާޢިރާ އިލްޔާސަށް ލަފާދިނީ ވަގުތު ބޭކާރުކޮށްނުލާ އަވަހަށް ނާއިލް ގާތު ކައިވެނީގެ ވާހަކަ ދެއްކުމަށެވެ. އޭނާވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް ނާއިލް ކައިވެނިކޮށްގެން އެގެއިން ދާތަން ދެކޭށެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


16

މަރީ

05-May-2020

މިވާހަކަ ކުރިންވެސް ކިޔައިފިން އެކަމް ކިޔާކިޔާ ފޫއްސެއް ނުވޭ ވަރަށް ރީތި މޮޅުވާހަކަ އެއް މީ ދެން މޫސަގެ އާވާހަކަ އެއް ކިޔާލަން ލިބޭނެ ދުވަހަކަށް އިންތިޒާރު މި ކުރަނީ


-2

މަރީ

05-May-2020

މިވާހަކަ ކުރިންވެސް ކިޔައިފިން އެކަމް ކިޔާކިޔާ ފޫއްސެއް ނުވޭ ވަރަށް ރީތި މޮޅުވާހަކަ އެއް މީ ދެން މޫސަގެ އާވާހަކަ އެއް ކިޔާލަން ލިބޭނެ ދުވަހަކަށް އިންތިޒާރު މި ކުރަނީ


-8

ސަނާ

04-May-2020

މިވަރަށްރީތިވާހަކައެް ލޯބީގެ ވާހަކަ ގިނައިން ލިއްޗޭ މޫސާ


8

ާއަރުޝާ

04-May-2020

މިވަރަށްރީތިވާހަކަ އެއް މޫސަގެ ވާހަކަ ތައް ސަޅި



ޓްރެންޑިން