ވާރޭ ވެހި އައްޑޫޫ ސިޓީގައި ފެންބޮޑުވެފައިވާ މަގެއް (ފޮޓޯ- ރަސް)
ވާރޭ ވެހި އައްޑޫޫ ސިޓީގައި ފެންބޮޑުވެފައިވާ މަގެއް (ފޮޓޯ- ރަސް)
އައްޑޫ ސިޓީގައި އިންޑިއާ ސަރުކާރުގެ ލޯނެއްގެ ދަށުން ދެވަނަ ލިންކްރޯޑެއް ހެދުމުގެ ބަދަލުގައި އައްޑޫގެ ހުރިހާ އަވަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާ ރަށުތެރޭގައި ފެންބޮޑުވާ މައްސަލަ ރައްޔިތުންނަށް ހައްލުކޮށްދެއްވުމަށް މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވި މުޙައްމަދު ލަތީފު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ލަތީފު މިއަދު ވިދާޅުވީ ލޯނު ނުވަތަ ކްރެޑިޓް ލައިންގެ ދަށުން އައްޑޫގައި ދެވަނަ ލިންކް ރޯޑެއް ހެދުމުގެ ބަދަލުގައި ނުވަތަ ލިންކްރޯޑް އިތުރަށް ތަރައްގީ ކުރުމުގެ ބަދަލުގައި ހުރިހާ ރަށެއްގެ ހުރިހާ މަގުތަކެއް ފުރަތަމަ ހައްދަވައި ދެއްވުން މުހިއްމު ކަމަށެވެ.

"ގިނަ ރައްޔިތުންނަށް ފައިދާ ބޮޑުވާނީ ފުރަތަމަ ހުރިހާ ރަށެއްގެ މަގުތައް ހެދުން. ވާރޭވެހުމުން ފެންބޮޑުވެ ގެތަކަށް ވަރަށް ގެއްލުންވޭ. ޑްރެއިނޭޖް ސިސްޓަމެއް ބޭނުންވޭ." އައްޑޫސިޓީ މޭޔަރު ކަމަށް ވާދަކުރަށްވައި އިންތިޚާބު ނާކާމިވެ ވަޑައިގެންނެވި ލަތީފު ވިދާޅުވެފައި ވެއެވެ.

އައްޑޫސިޓީގައި ދެވަނަ ލިންކް ރޯޑަކާއި އަދި އިތުރު މަގުތައް ހެދުމަށް އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. އެއެއްބަސްވުމުގައި ފެންހިންދާ ނިޒާމެއްގެ އިތުރުން ދެވަނަ ލިންކްރޯޑެއް ހެދުމަށްވަނީ އެއްބަސްވެފައެވެ. މިމަޝްރޫޢަށް 1.19 ބިލިޔަން ރުފިޔާގެ ލޯނު ނަގައިގެން ޚަރަދު ކުރުމަށްވަނީ އެއްބަސް ވެފައެވެ.

މިކަމާއި ގުޅިގެން ލަތީފު ވިދާޅުވެފައިވަނީ އެފައިސާއިން މުޅި އައްޑޫ ސިޓީގެ ހުރިހާ މަގެއް ރަނގަޅު ފެންވަރެއްގައި ހެދޭނެ ކަމަށާއި އޭރުން އައްޑޫ ސިޓީގެ ގިނަ ރައްޔިތުންނަށް ބޮޑެތިފަސޭހަ ތަކެއް ވެގެން ދާނެ ކަމަށެވެ. މިކަމާއި ގުޅިގެން ލަތީފަށް ގުޅާލުމުން ވިދާޅުވެފައިވަނީ "މިހާރު ވާރޭ ވެހެންޏާ ސްކޫލަށް ކުދިންގެންދަން ބެލެނިވެރިންނަށް އެހާ ތަކުލީފު އުފުލަން ޖެހޭ، އަދި މިސްކިތްތަކަށް ނަމާދަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެހާމެ އުނދަގޫ." ވާ ކަމަށެވެ.

އިންޑިއާގެ ކުންފުންޏަކާއިއެކު ވެފައިވާ އެއްބަސްވުމުގައި އެފަދަ ގޮތަކަށް އައްޑޫގެ މަގުތައް ހެދުމަށް އެއްބަސްވެފައެއް ނެތެވެ. ޖުމުލަ 730 ދުވަހުން ނިންމަން ހަމަޖެހިފައިވާ އެމަޝްރޫޢުގެ އަމަލީ މަސައްކަތް އަދި ފެށިފައެއްވެސް ނުވެއެވެ. އެހެން ކަމުން ލަތީފު އައްޑޫ ސިޓީ ކައުންސިލަށާއި އަދި ސަރުކާރަށް ގޮވާލެއްވީ އެލޯނުގެ ތެރެއިން "ދެވަނަ ލިންކްރޯޑެއް" ފުރަތަމަ ހެދުމުގެ ބަދަލުގައި ގިނަ ރައްޔިތުންނަށް ފައިދާވާގޮތަށް އައްޑޫ ސިޓީގެ ހުރިހާ އަވަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދައި ދިނުމަށެވެ. މިހާރު ކޮންމެ ވާރޭ މޫސުމެއްގައި ރައްޔިތުންނަށް އެވާ ގެއްލުމުން ރައްޔިތުން ސަލާމަތް ކޮށްދިނުމަށް ލަތީފުވަނީ އާދޭހާއެކު މިހާރުގެ ކައުންސިލަށާއި ސަރުކާރަށް ގޮވާލައްވާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން