އެމްޑީޕީގެ އިސްލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހު ޕާޓީން ވަކިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސާން މޫސާ މަނިކު މިރޭ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީ މިއޮތީ ދެބައިވެފައި ކަމަށާއި، ކުރިއަށް އޮތް 2023 ގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ކަނޑައެޅުމުގައި އެމްޑީޕީގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދިފައި ވާކަމަށެވެ. އަދި އެމްޑީޕީން ރައީސް ސޯލިހް ވަކިކުރަން މަސައްކަތް ކުރަމުންދާކަމަށް މޫސަ ތުހުމަތު ކުރެއްވިއެވެ. ރީކޯ މޫސަގެ އިތުރުން އެމްޑީޕީގެ އިސްމަގާމުތަކެއް ކުރިން ފުރުއްވި ޝުޢައިބު ޢަލީ، ފުރަހަނި ޝުއައިބުވެސް ދާދި ފަހުން ވަނީ އެފަދަ ތުހުމަތެއް ކުރަށްވާފައެވެ.

"އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު ހުރިހާ މީހުން ތަޅާބޭރުކުރީ، މިހާރު ޓާގެޓް ހިފާފައި އެހުރީ ރައީސް ސޯލިހް ވެސް ޕާޓީން ބޭރުކޮށްލަން، އެމްޑީޕީގެ ތެރެއިން، އަޅުގަނޑަށް އެގޭ އެކަން." މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސަ ވިދާޅުވީ، މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދަށް ހަމަލާދިން ރޭ އެމަނިކުފާނު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށް ރައީސް ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރެއްވި ވަގުތު އެމްޑީޕީގެ ތެރޭގައި އޮތް ފިތުނަ ވަރަށް ރަނގަޅަށް ސާފުވެގެންދިޔަ ކަމަށެވެ. އެގޮތުން އެރޭ އެމްޑީޕީގެ ސަޕޯޓަރުން ރައީސާއި މާރިޔާގެ އިސްތިއުފާއަށް ގޮވިކަމަށާއި، އެކަމުން ރޭވުމެެއް ރާވަމުންދިޔަކަން އެގޭ ކަމަށް މޫސަ ވިދާޅުވިއެެވެ.

"ރައީސް ސޯލިހު އޭޑީކޭއަށް ވަޑައިގަތުމުން އިސްތިއުފާދޭށޭ، ފައިބާށޭ، މިއީ "ކަލޭ" ކަންތަކޭ، ކިޔައި އެމްޑީޕީގެ ސަޕޯޓަރުން ހަޅޭއްލެވި. އެމްޑީޕީގެ ތެރޭގައި ރޯވެފައިވާ ފިތުނަ މިފެނިގެންދަނީ މިފިތުނައިގެ ތެރޭގައި ކުރިއަށްދާން ވެެއްޖެނަމަ އެމްޑީޕީއަށް ނެތް މުސްތަގުބަލެއް، އެކަން އެއޮތީ މާލެއިން ފެނިފައި." އެމްޑީޕީ އުފެއްދުމުގައިވެސް އިސްރޯލެެއް އަދާކުރެއްވި ރީކޯ މޫސަ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، އެމްޑީޕީއަކީ ރަނގަޅު ފިކުރުގެ ޕާޓީއެއް ކަމަށާއި، ޕާޓީގެ އިސްލީޑަރު އަދި ރައީސް ސޯލިހާއި ރައީސް ނަޝީދު އެކަތިގަނޑަކަށްވެ އަލުން އެއްވާންޖެހޭ ކަމަށެވެ. މިހާރު އޮތް ހާލަތުގައި އެމްޑީޕީއޮވެ ދެން އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށް މޫސަ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގައި ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ސަޕޯޓަރުން ދެބައިވެ މަޖިލީހުގެ ތެރެއިންވެސް އެފަދަ މަންޒަރުތައް ވަރަށް ބޮޑަށް ފެންނަމުންދާ ކަމަށް މަޝްރަހު ދިރާސާ ކުރަށްވާ ފަރާތްތަކުން ބުނެއެވެ. އަދި މިދެބައިގެ އިސް ފަރާތްތަކާއި މަޖިލިސް މެންބަރުންގެ ފެންވަރުގައިވެސް ބަހުގެ ހަމަލާތައް ބަދަލުކުރެވި ބޮޑެތި ޚިޔާލުތަފާތުވުންތައް ފެންނަމުންދާކަން ގިނަބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ތާޅުިބްރޭ

04-Jun-2021

އެންމެ ބޮޑު ފިތުނަ އުފައްދަނީ ކެރަފާ އާއިލާ އިން އާއިލީ ވެރިކަމެއް ނުކުރެވިގެން


13

މޮހޯ

03-Jun-2021

ރީކޯ މޫސަ އަކީ އެމްޑީޕީއާއި މިސަރުކާރު ފިތުނަ ފަސާދަކުރަން އުޅޭމީހެތް މީނަ ބޮއިކޮޓު ކުރަންގޮވާލަން ،ރީކޯ މޫސަ އެމްޑީޕީ އާއި ސަރުކާރައި ކައިރިނުކުރުމަށް ވެސްގޮވާލަން



ޓްރެންޑިން