ލޯކަލް ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ނާއިބު ރައީސުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން، ކަނޑައަޅައި ނިންމުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފިއެވެ.

އެލްޖީއޭއިން ކައުންސިލްތަކަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނީ ޤާނޫނުގެ ދަށުން އިންތިޚާބުކުރަންޖެހޭ ނާއިބު ރައީސާއި ޑެޕިއުޓީ މޭޔަރުން އިންތިޚާބުކުރުން، މެންބަރުން ހުވައި ކުރުމަށްފަހު ބާއްވާ ފުރަތަމަ ބައްދަލުވުމުގައި ފާސްކުރަން ޖެހުނަސް، ކޯވިޑްގެ ހާލަތަށް ބެލުމަށްފަހު އެކަން ފަސްކުރުމަށް އިރުޝާދު ދީފައިވާނެކަމަށެވެ.

ނަމަވެސް ހުވައިކުރުން އޮންނަ ތާރީޚު އިއުލާން ކުރި ދުވަހުން ފެށިގެން މިހާތަނަށް އެޗްޕީއޭގެ މިންގަނޑުތަކާއެކު ރަށްރަށަށް ވަޑައިގަތުމަށް މަސައްކަތްކުރެއްވި ބޭފުޅުންނަށް އެކަށީގެންވާ ވަގުތު ލިބިފައިވާކަމަށް އެލްޖީއޭއަށް ޤަބޫލުކުރެވޭތީ، ކައުންސިލްތަކުގެ ނައިބު ރައީސުންނާއި ޑެޕިއުޓީ މޭޔަރުގެ އިންތިހާބު އޮންނަދުވަސް ކަނޑައަޅައި އެބޭފުޅުންނަށް 14 ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު، މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެޗްޕީއޭގެ މިންގަނޑުތަކަށް ރިއާޔަތްކޮށް އެކަން ނިންމުމަށް އެލްޖީއޭއިން ވަނީ ކައުންސިލްތަކަށް އަންގާފައެވެ.

ސިޓީ ކައުންސިލްތަކުގެ ތެރެއިން މިހާތަނަށް ޑެޕިއުޓީ މޭޔަރަކު ކަނޑަނާޅައި އޮތީ މާލެ ސިޓީ ކައުންސިލް އެކަންޏެވެ. އަނެއް 3 ސިޓީގެ ޑެޕިއުޓީ މޭޔަރުން ވަނީ އައްޔަންކޮށްފައެވެ.

އޭޕްރީލްމަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިޚާބަށްފަހު ސިޓީ ކައުންސިލްތަކަށާއި އަތޮޅު ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް އިންތިޚާބުކުރި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ހުވައި ކުރެއްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން