ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ބުނުންވެސް ކުށަކަށް ވެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓަރނީ ޖެނަރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޤާނޫނީ ވަކީލުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭފުޅެއްކަމަށްވާ އުޝާމް މިފަދައިން ވިދާޅުވެފައި މިވަނީ އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ބޮޑުވެގެންވާ ޖިނާއީ ކުށަކަށް ހެދުމަށް އެމްޑީޕީން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އުޝާމްގެ އިތުރުން އެހެން ބައެއް ޤާނޫނީ ވަކީލުންވެސް ދަނީ މިކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރެއްވި ކުރީގެ ޑެޕިއުޓީ އޭޖީ އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ އެބިލަށް އެއްވެސް ވަރަކަށް ތާޢީދުނުކުރެވޭކަމަށެވެ. އަދި މިބިލު މިހާރު އޮތް ގޮތުން ވަރަށް ފުޅާކޮށް ކަންކަން މާނަކުރެވިދާނެކަމަށް އުޝާމް ވިދާޅުވިއެވެ. އެގޮތުން ބިލް މިހާރު އޮތްގޮތަށް ފާސްވެއްޖެނަމަ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ބުނުންވެސް ކުށަކަށް ވެދާނެކަމަށް އުޝާމް ވިދާޅުވިއެވެ.



"މިބިލު މިހާރު ޑްރާފްޓްކޮށްފައި އޮތްގޮތަށް ފާސްކުރުމަށް ތާއީދުނުކުރެވޭ. މިބިލު އޮތްގޮތުން ކަންކަން ވަރަށް ފުޅާކޮށް މާނަކުރުމުގެ ފުރުސަތު އެބައޮތް. ބިލް މިހާރު އޮތްގޮތަށް ފާސްވެއްޖެނަމަ މިމީހާއަކީ އިސްލާމްދީނާ ދެކޮޅު މީހެއްކަމަށް ބުނުންވެސް ކުށަކަށް ވެދާނެ." އުޝާމް ވިދާޅުވިއެވެ.

އުޝާމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލެއްކަމަށްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންވެސް ވިދާޅުވީ އިސްލާމްދީނަށް މަލާމާތްކޮށް ހަޖޫޖަހާ ފުރައްސާރަކުރާ މީހަކާ ދިމާލަށް ތިޔައީ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ވެގެންނުވާނެކަމަށެވެ.

މިމައްސަލައިގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ޤާނޫނީ ތަޖުރިބާކާރުންނާއި ދީނީ އިލްމުވެރިން ދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން