ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސާއަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުން އެދި ފުލުހުން ޕީޖީ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އީސައަށް ތުހުމަތު ކުރަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގައިގައި ތަޅައި މާރާމާރީ ހިންގުމާއި ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލައެެވެ. ފުލުހުންގެ އިދާރާއިން ބުނީ، އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފާއިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ވަނީ އެމައްސަލައިގައި އީސަގެ ކުރީގެ އަނބިކަބަލުންގެ ބަޔާން ވެސް ނަގާފައެވެ. އަސްރާ ފަހުން ވަނީ އެމައްސަލަ ކުރިއަށް ނުގެންދިޔުމަށް ފުލުހުންގެ އިދާރާގައި އެދިވަޑައިގެންފައެވެ. އެހެންނަމަވެސް ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، އެމައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށެވެ. އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތައް އޭނާ މީގެ ކުރިން ވަނީ ދޮގުކުރައްވާފައެވެ.

ގެވެށި އަނިޔާގެ ތުހުމަތާއި ގުޅިގެން އީސަ ވަނީ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގެ މުގައްރިރު ކަމުން އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން އީސަގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މަގާމުތަކަކުން އެކަހެރިކޮށް އޭނާއާއިމެދު އެޕާޓީންވެސް ވަނީ ފިޔަވަޅު އަޅާފައެވެ. ފުލުހުންގެ އެދުމަށް އީސަ ހައްޔަރުކުރުމުގެ އަމުރެެއް ހޯދުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައެޅި ނަމަވެސް އެ އަމުރު ނެރެދޭން ކޯޓުން ވަނީ ދެކޮޅު ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން