ރައްޔިތުންގެ މަޖިލިސް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިދާރާ އިން މިރޭ ބުނީ، މަޖިލީހުގައި ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރު މީސް މީޑިއާގައި ދިން އުމުރުން 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިފަދަ އިންޒާރުތަކާއި ނިރުބުވެރިކަމާއި ގުޅުން ހުރި ކަންކަން ފުލުހުން ވަރަށް ސީރިއަސްކޮށް ބަލައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެ އެވެ.

މެއި މަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް ޖަލްސާ ލައިވްކުރި ފޭސްބުކް ސްޓްރީމަކަށް ކޮމެންޓު ކުރި މީހަކު ބުނެފައިވަނީ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށެވެ. އަދި މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް "ބަހައްޓާނެ ކަމެއް" ނެތް ކަމަށް އޭނާ ބުނެފައިވެއެވެ.

ހުސްވި މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުން ވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ މީހުންނާއި ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުންހުރި ފަރާތްތައް ހޯދުމަށް ޚާއްޞަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގައި އެކި ރަށްރަށުންނާއި މާލެއިން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން