ރައީސް ސާލިހު ވެރިކަމަށް ގެނައި ފަރާތްތަކުން ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަށް ނުވޭތޯއޭ ވިދާޅުވެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިޤް ސިޔާސީ ބައެއް ބޭފުޅުންނަށް ސުވާލެއް ކުރިމަތިކުރުވައިފިއެވެ.

ތާރިޤް މިހެން ވިދާޅުވީ ލާދީނީ ކިޔުމަކީ ޖިނާއީ ބޮޑު ކުށަކަށް ހަދައިގެން އެކަން ހުއްޓުވަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަކާއި ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑު ކިޔުމާއި ކަންބޮޑުވުން ފާޅުކުރުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިޤް ވިދާޅުވީ މައްސަލަ ބޮޑުވެގެން އުޅޭ ބިލު ފަރުމާކޮށް ނިންމާ މަޖިލީހަށް ފޮނުވީ ރައީސް އޮފީހުންކަމަށެވެ. ނަމަވެސް ބައެއް ސިޔާސީ ބޭފުޅުންނާއި ދީނީ އިލްމުވެރިން ނުރުހުން އަމާޒުވެފައިވަނީ އެމްޑީޕީން ކޮންްްޓްރޯލް ކުރާ މަޖިލީހަށްކަމަށް ތާރިޤް ވިދާޅުވިއެވެ.

ތާރިޤް ވިދާޅުވީ ދީނަށް ފުރައްސާރަކުރާ މީހުންނަށް އަދަބު ނުދެވެނީ ޤާނޫނެއް ނެތިގެން ނޫންކަމަށެވެ. އަދި ދީނަށް ފުރައްސާރަކުރާ މީހުން ހިމާޔަތްކުރުމަށް ޤާނޫނެއް ހެދިޔަސް، ލާދީނީ ގޮވުން ނުހުއްޓުވޭނެކަމަށް ތާރިޤް ވިދާޅުވިއެވެ.



ތާރިޤް ވިދާޅުވީ ސަރުކާރުގައި ނެތީ ރަނގަޅު ނިޔަތެއްކަމަށެވެ. އަދި މިވަގުތުވެސް ސެކިއުރިޓީ ވަރުގަދަކުރަން ޖެހިފައިވަނީ ދީނަށް ފުރައްސާރަކޮށްފައިވާ ސަރުކާރުގެ މަތީ ފަޑީގެ ވެރިންގެ ކަމަށްވެސް ތާރިޤް ވިދާޅުވިއެވެ. މިކަންކަން މިހެންދާއިރު، ރައީސް ސާލިހު ވެރިކަމަށް ގެންނަން މަސައްކަތްކުރި ސިޔާސީ ވެރިންނާއި ދީނީ ބޭފުޅުން ރައްޔިތުންގެ ކިބައިން މައާފަށް އެދޭކަށް ނުވޭތޯ ވިދާޅުވެ ތާރިޤް ވަނީ ސުވާލު އުފައްދަވާފައެވެ.

މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ބޮޑުވެގެންވާ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށައެޅި އިސްލާހާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އެގޮތުން މި އިސްލާހުގެ ސަބަބުން ރާއްޖޭގައި ލާދީނިއްޔަތު އިތުރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.

ލާދީނީ ކިއުމަކީ ޖިނާއީ ކުށެއްކަމަށް ކަނޑައެޅުމަށް ސަރުކާރުން އިސްލާހެއް ހުށައެޅުމުން ގިނަބައެއްގެ ކަންބޮޑުވުމާއި ފާޑުކިއުން އަމާޒުވުމުން އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި އެކުށް ތަފުސީލުކޮށްދިނުމަށް އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ، ނަފްރަތުގެ ޢަމަލު ހިންގުމަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހަށް ކަމާބެހޭ ބިލެއް ހުށަހަޅާފައި ކަމަށެވެ. އެބިލު ހުށަހެޅުމާ ގުޅިގެން ޢާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ އިތުރު ބިލެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައި ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން