އެޗްޕީއޭގެ ބޮޑު އިހުމާލެއްގެ ސަބަބުން ރޭ ނިޔާވި 10 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސް ދިއުން ލަސްވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެމްބިއުލާންސް ލަސްވި މައްސަލަ އެ މިނިސްޓްރީން ބަލަމުންދާކަމަށެވެ. އަދި އެމްބިއުލާންސް ފޮނުވުމުގައި އަމަލުކުރާ އުސޫލަށް މިހާރު ބަދަލުތަކެއްވެސް ގެނެސްފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.



އެޗްޕީއޭގެ ބޮޑު އިހުމާލެއްގެ ސަބަބުން ރޭ ނިޔާވި 10 އަހަރުގެ ކުއްޖާގެ އާއިލާގެ ކިބައިން ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވަނީ މާފަށްވެސް އެދިވަޑައިގެންފައެވެ.

ރޭ ނިޔާވެފައިވަނީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ އުމުރުން 10 އަހަރުގެ އަންހެން ކުއްޖެކެވެ. އަދި މިކުޑަކުއްޖާ ނިޔާވެފައިވަނީ އައިޖީއެމްއެޗް އީއާރުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 12:10 ގައެވެ.

ކުއްޖާގެ މަންމައާއި ބައްޕަ އަދި އެކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ ކަރަންޓީނުވެގެން ތިބީ ގޭގައެވެ. އެ ކުއްޖާގެ ހާލު ގޯސްވެގެން އާއިލާއިން ރޭ 9 ޖެހިއިރު އެމްބިއުލާންސަށް ގުޅި ނަމަވެސް، އެމްބިއުލާންސަށް އެކުއްޖާ ބަލައި އާދެވުނީ 11:40 ގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އެއީ އެމްބިއުލާންސް ފޮނުވައި ދިނުމަށް އާއިލާއިން އެދެންފެށިތާ 2 ގަޑިއިރާއި 40 މިނިޓް ފަހެވެ. އެމްބިއުލާންސް އައިއިރު އެކުއްޖާގެ ހާލަތު ވަރަށް ދަށްވެ، ނޭފަތުން ދިޔައީ ލޭ އަންނަމުންނެވެ. ހާލުދެރަވުމުގެ ސަބަބުން އައިޖީއެމްއެޗަށް ގެންގޮސް ލީ ވެންޓިލޭޓަރަށް ކަމަށް މަޢުލޫމާތުލިބެއެވެ.

ރޭ ނިޔާވި ކުޑަކުއްޖާ އަކީ ރާއްޖެއިން ކޯވިޑް-19 ގައި ނިޔާވި އެންމެ ހަގު ކުއްޖާއެވެ. އަދި މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 170 ވަނަ ފަރާތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން