ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ކުޑަ ކުއްޖަކު ނިޔާވެ އެކުއްޖާއަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑަށް ލަސްވެފައިވާތީ އެމައްސަލަ ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނުން ތަހުގީގު ކުރަން ފަށައިފިއެވެ.

ރޭ ނިޔާވެފައިވަނީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ އުމުރުން 10 އަހަރުގެ އަންހެން ކުއްޖެކެވެ. މިކުޑަކުއްޖާ ނިޔާވެފައިވަނީ އައިޖީއެމްއެޗް އީއާރުގައި ފަރުވާ ދެމުން ދަނިކޮށް ރޭ ދަންވަރު 12:10 ގައެވެ.

ކުއްޖާގެ މަންމައާއި ބައްޕަ އަދި އެކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވާތީ ކަރަންޓީނުވެގެން ތިބީ ގޭގައެވެ. އެ ކުއްޖާގެ ހާލު ގޯސްވެގެން އާއިލާއިން ރޭ 9 ޖެހިއިރު އެމްބިއުލާންސަށް ގުޅި ނަމަވެސް، އެމްބިއުލާންސަށް އެކުއްޖާ ބަލައި އާދެވުނީ 11:40 ހާއިރުއެެވެ. އެއީ އެމްބިއުލާންސް ފޮނުވައި ދިނުމަށް އާއިލާއިން އެދެންފެށިތާ 2 ގަޑިއިރާއި 40 މިނިޓް ފަހެވެ. އެމްބިއުލާންސް އައިއިރު އެކުއްޖާގެ ހާލަތު ވަރަށް ދަށްވެ، ނޭފަތުން ދިޔައީ ލޭ އަންނަމުންނެވެ. ހާލުދެރަވުމުން އެކުއްޖާ އަށް ފަރުވާ ދިނީ ވެންޓިލޭޓަރުގައެވެ.

އެޗްއާރްސީއެމުން ވަނީ ކޮވިޑް-19ގެ މި ހާލަތުގައި ސިއްހީ ފަރާތްތަކުން ދޭން ޖެހޭ ފަރުވާ ވީހާ ވެސް އަވަހަކަށް ދިނުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފައެވެ.

"ބަލިމީހާއަށް ލިބެންޖެހޭ ސިއްހީ ފަރުވާ އަވަސްމިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން އެޗްއާރުސީއެމުން ކުށްވެރި ކުރަމެވެ. އަދި މިކަން ހިނގާފައިވާ ގޮތް މި ކޮމިޝަނުން ބަލާނެ ވާހަކަ ދަންނަވަމެވެ." އެ ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ.

މިމައްސަލައާއި ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ، އެމްބިއުލާންސް ފޮނުވުން ލަސްވި ގޮތުގެ ކޭސް ރިވިއުއެއް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފެންމަތިވުމާ އެކު، އެމްބިއުލާންސް ޑިޕްލޯއީ ކުރާ އުސޫލަށް ވަގުތުން ބަދަލު ގެނެސްފައިވާ ކަމަށް ހެލްތް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން