ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
ސީރިޔާ ހަނގުރާމައަށް ދާން އުޅެނިކޮށް ތުރުކީން ހައްޔަރުކުރި 3 މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ނ. މަނަދޫ އޮޕެރާ މުހައްމަދު ނަބީހު އާއި، ނ. މަނަދޫ ނަފާ އާދަމް ފަރުހާން އާއި، ނ. މަނަދޫ ބާދުސަބާ އަހުމަދު އަފްސަލް ގެ މައްޗަށް ދަޢުލަތުން ދަޢުވާ ކޮށްފައިވަނީ ޖުލައި 2 2017 ގައި ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމާގައި ބައިވެރިވުމަށް ރާއްޖެއިން ފުރައިގެން މެލޭޝިއާއަށްގޮސް އެއަށްފަހު ބެންކޮކު މަގުން ތުރުކީއަށް އެތެރެވެފައިވަނީ ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމުގެ ބޭނުމުގައި ކަމަށް ތުހުމަތުކޮށެވެ. އެމީހުންގެ މައްޗަށް އެކަމުގައި އުފުލާފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ކުށުގެ ދައުވާއެވެ.

މިމީހުން ތުރުކީގައި ތިއްބާ އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ އެމީހުން ހައްޔަރުކޮށް 2017 ސެޕްޓެމްބަރު 23 ގައި އަނބުރާ ރާއްޖެ ފޮނުވާލާފައެވެ.

މި މައްސަލައިގައި މި މީހުންނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިން ބުނެފައިވަނީ ހައްޔަރުކޮށްފައިވާ މީހުންނަކީ ހަރުކަށި ފިކުރަށް ތާޢީދު ކުރާ މީހުން ކަމަށާއި، މައްސަލައިގައި ދައުވާ ކޮށްފައިވާ ނަބީލްގެ ޕެންޑްރައިވަކުން އައިއެސްއަށް ތާއީދުކޮށް ހަދާފައިވާ 48 ވީޑިއޯއަކާއި 11 ލިޔުމެއް ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން ޖިހާދުކުރުމަށް ގޮވާލާ ދިވެހިން އަޑުއަޅާފައިވާ ފައިލުތައްވެސް އޭގެން ވަނީ ފެނިފައެވެ. ނަމަވެސް ޕެންޑްރައިވްގެ ފޮރެންސިކް ހެކިތަކެއް ހިމެނޭ ސީޑީއެއް ޝަރީއަތަށް ހުށަހަޅާފައިނުވާތީ އެރިޕޯޓަކީ ފުރިހަމަ ރިޕޯޓެއްކަމުގައި ޝަރީއަތުން ބަލައިގަނެފައެއް ނުވެއެވެ.

އަދި ދަޢުލަތުން ކޮށްފައިވާ ދައުވާއަށް އިންކާރު ކޮށް އެ ތިން މީހުންގެ ފަރާތުން ބުނެފައި ވަނީ ތުރުކީއަށް ދިޔައީ، ޗުއްޓީ ހޭދަ ކުރުމަށް ކަމަށެވެ.

މި މައްސަލާގައި ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ އެ ތިންމީހުންގެ މައްޗަށް ދައުލަތުން ކުޅަ ދައުވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުކޮށް ދެވިފައި ނުވާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން