އެމްބިއުލާންސް އައުން ލަސްވެގެން މާލޭގައި މަރުވި ފާތިމަތު މިޝްކާގެ މަރުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްއެވެ.

ހައިތަމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ މިއީ ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން ދިމާވި މިފަދަ ފުރަތަމަ ހާދިސާ ނޫންކަމަށެވެ. އެހެންކަމުން މިފަދަ މައްސަލަތައް ތަކުރާރުވަމުންދާ ސަބަބުތައް ދެނެގަންނަންޖެހޭކަމަށް ހައިތަމް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

ހައިތަމް ހުށަހެޅުއްވި މައްސަލައިގައި މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް މަޖިލީހުގެ ކަމާއި ގުޅޭ ކޮމިޓީއަށް ހާޒިރުކޮށް މިމައްސަލަ ވީހާވެސް އަވަހަށް ބެލުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ މިޝްކާގެ މަރާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އެގޮތުން އެމްބިއުލާން ލަހުން ދިޔަ މައްސަލަ ބަލަމުންދާއިރު، އެމްބިއުލެންސް ފޮނުވަން ހަމަޖެހިފައިވާ އުސޫލުތަކަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެމްބިއުލާންސް އައުން ލަސްވެގެން، ފަރުވާ ލަސްވުމުގެ ސަބަބުން ރޭ ނިޔާވީ އުމުރުން 10 އަހަރު ފާތިމަތު މިޝްކާ ކޯވިޑަށް ޕޮޒިޓިވްވީ މީގެ ދުވަސްކޮޅެއްކުރިންނެވެ. އަދި ނިޔާވީ ރޭ ކުއްލިއަކަށް ހާލުބޮޑުވެގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ. މިޝްކާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ކުއްޖާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ގުޅުމުން އެމްބިއުލެންސް އައީ ވަރަށް ލަސްވި ފަހުންނެވެ.

2018ވަނަ އަހަރު ޢިމާދުއްދީން ސްކޫލާއި ގުޅުނު މިޝްކާއަކީ ކިޔެވުމުގެ އިތުރުން ސްކޫލުގައި ބާއްވާ ހުރިހާ އިތުރު ހަރަކާތެއްގައި ބައިވެރިވެ އެކި ވަނަ ހޯދާ ހުނަރުވެރި ދަރިވަރެކެވެ. ޚާއްސަ ދުވަސްތައް ފާހަގަކުރުމަށް ސްކޫލުގައިތަކުގައި މަދަހައާއި ޅެން ހުށައެޅުމުގެ އިތުރުން، ގުރުޢާން މުބާރާތާއި މަދަޙަ މުބާރާތުންވެސް މިޝްކާ ވަނީ ފަޚުރުވެރި ވަނަތަކެއް ޙާސިލްކޮށްފައެވެ. އެގޮތުން އެންމެ ފަހުން ޢިމާދުއްދީން ސްކޫލްގައި އޮންލައިންކޮށް ބޭއްވި، "ސްޓޯރީ ޓެލިން" އަދި "ކްރިއޭޓިވް ރައިޓިންގ" އިންވެސް އެންމެ މޮޅު 5 ދަރިވަރުންގެ ތެރޭގައި މިޝްކާ ވަނީ ހިމެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން