މީހުން ކާފަރުކުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ސަރުކާރުން ހުށައެޅި އިސްލާހަށް އަދާލަތު ޕާޓީންވެސް ދެކޮޅު ހަދައިފިއެވެ.

އަދާލަތު ޕާޓީން މިކަން ހާމަކޮށް ބަޔާނެއް ނެރެފައި މިވަނީ އެޕާޓީ ސަރުކާރުގައި އޮވެ އެފަދަ ކަންކަމަށް ނުރުހޭކަން ހާމަ ނުކުރާތީ އަދި އެފަދަ ކަންކަމާ ދެކޮޅަށް ތެދުވެ އަޑު ނޫފުލާތީ ބައެއް ފަރާތްތަކުގެ ފާޑުކިއުން އަމާޒު ވެފައި ވަނީކޮށެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިޞްލާޙުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުން މުޖުތަމަޢުގެ ހަމަޖެހުން ޤާއިމުކުރުމަށް ހުރަސްއެޅިދާނެކަމަށް ފެންނަކަމަށެވެ. މީގެއިތުރުން މި އިޞްލާޙުގެ ނަތީޖާއެއްގެ ގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް އުނިކަން ލިބޭތީއާއި، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ދީނީ މުއައްސަސާތަކާއި، ދީނީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ދީނާ ގުުޅުންހުރި ކަންކަމުގައި ބަސްބުނެ ހެޔޮކަންކަމަށް ގޮވާލުމާއި މުންކަރާތްތައް ނަހީކުރުމަށް ހުރަސްއެޅިދާނެ ފިޔަވަޅުތަކަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށްވެސް ބަޔާނުގައިވެއެވެ.



އެހެންކަމުން ސަރުކާރުން ހުށަހަޅާފައިވާ ބިލާއިމެދު ޢަދާލަތު ޕާޓީގެ ކަންބޮޑުވުންތަކަށް، ސަރުކާރާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާއެކު މަޝްވަރާކޮށް ޙައްލުހޯދުމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާކަމަށް މި ބަޔާނުގައިވެއެވެ. އަދި ނަފްރަތުގެ ޢަމަލު ޤާނޫނެއްގައި ބަޔާންކުރާނަމަ، މާތްވެގެންވާ އިސްލާމް ދީނުގެ އެންމެ މަތީ މަޞްލަޙަތަށް ރިޢާޔަތްކުރުމަށާއި އަދި އެކަމަށްޓަކައި އދ ފަދަ ބައިނަލްއަޤުވާމީ ޖަމާޢަތްތަކުން ބަލައިގެންފައިވާ ހަމަތަކާއި، ކަމާގުޅޭ ޢިލްމީ ދިރާސާތަކުގެ މައްޗަށް ރިޢާޔަތްކޮށް ދީމުޤްރާތީ މުޖުތަމަޢުތަކުގައި ގެންގުޅޭ ހަމަތަކަށް ފެތޭ ގޮތަށް އެކަން ކުރުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.

ނަފްރަތުގެ ޢަމަލު ހުއްޓުވުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ވަނީ މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރިވުމާއި އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ޖިނާއީ ކުށެއްކަމަށެވެ. ނަމަވެސް ސަރުކާރުން ހުށައެޅި އިސްލާހާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން