ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް އިސްތިއުފާ ދެއްވުމަށް ގޮވާލީ، ފަރުވާ ދިނުން ލަސްވެގެން ޢުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދު ނިޔާވި ހާދިސާއާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ޢުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ ނިޔާވި ޚަބަރު ކޯލިޝަނުން އެހީ ފުން ހިތާމަޔާއެކުކަމަށާއި އެ މަރްޙޫމާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ދުޢާކުރާކަމަށް ބުނެފައިވެއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ކޯވިޑް:19 މެނޭޖުކުރުމުގައި ސަރުކާރު ފެއިލްވެ، ހެލްތު މިނިސްޓްރީއާއި އެ ވުޒާރާގެ ދަށުން މަސައްކަތްކުރާ މުއައްސަސާތަކުގެ އިހުމާލުން އެތައް ފުރާނައެއް މިދުނިޔެއާއި ވަކިވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި ފުރާނައެއް ވަކިވެގެން ދިއުމުން މަޢާފަށް އެދި ނިންމާލުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ބަޔާނުގައިވެއެވެ.

މިފަދަ މައްސަލަތައް އިންސާފުވެރިކަމާއެކު ވީއެންމެ އަވަހަށް ތަޙްޤީޤުކޮށް މިކަމުގައި އިހުމާލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް އެ ކޯލިޝަނުގެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ކޯވިޑް:19އަށް ސަރުކާރުން މިހާތަނަށް 3.5 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިފައިސާ މިވޭތުވެދިޔަ އެއްއަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ހޭދަކުރެވިފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ކޯވިޑް ފެސިލިޓީތަކާއި ޓެސްޓް ކުރެވޭނެ ނިޒާމާއި އިތުރު ވަސީލަތްތައް އެންމެ ނުރައްކާތެރި ޙާލަތަށް ރިޢާޔަތްކޮށް ޤާއިމްކުރެވިފައި ނުވާކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން ހެލްތު މިނިސްޓްރީއާއި މުޅިސަރުކާރު މިހާރު މިކަމުގައި ފެއިލްވެފައިވާ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ޤަބޫލުކުރާކަމަށްވެސް ބަޔާނުގައިިވެއެވެ. އަދި ކޯވިޑް މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލައި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށްވެސް އެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި އެންމެ ހަގު ކުއްޖާކަމަށްވާ ޢުމުރުން 10 އަހަރުގެ ފާޠިމަތު މިޝްކާ މުޙައްމަދު ރޭ ނިޔާވީ ފަރުވާ ދިނުން ލަސްވެގެންކަމަށް އާއިލާއިިން ތުހުމަތުކުރެއެވެ. އެގޮތުން އެމްބިއުލާންސް އައުމަށް ދެ ގަޑިއިރަށްވުރެ ގިނައިރު ހޭދަވިކަމަށް އާއިލާއިން ބުނެއެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ސަރުކާރަށް ފާޑު ކިޔަމުންދާއިރު، ހެލްތު މިިނިސްޓްރީން ބުނީ މިމައްސަލަ ބަލަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ނާސާ

03-Jun-2021

ހެލްތުމިނިސްޓަރ ނަސީމައް މަސްއޫލިއްޔަތު ބަރާބަރައް އަދާނުކުރެވޭކަމައް މިހާރު އެބޭފުޅާ އަމިއްލައަށްވެސް ގަބޫލު ކުރެވަެންޖެހޭ ހިސާބައް ކަންތައް މިއޯތީ ބޮއްސުންލާފަ. އެހެންވީމަ ބަޔަކު ނުގޮވިއަސް ރައީސުލް ޖުމުހޫރިއްޔާވެސް އެބަޖެހޭ އެހެންމީހަކާ މިމުހިއްމު މަސްއޫލިއްޔަތާ ހާވާލު ކުރައްވަން. (މިއީތޯ ހެޔޮވެރިކަމަކީ?)



ޓްރެންޑިން