ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
މިފަދަ ހައްސާސް ދަނޑިވަޅެއްގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ މަތިވެފައި އޮތް ދައުލަތަކުން މީހަކު ހިލޭ އެއްޗެއް ދޭނެކަމަށް ބަލައިގެން ދެއަތް އުރާލައިގެން ނުތިބޭނެ ކަމުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެެއްޖެއެވެ.

ރަޝިޔާގައި އުފައްދާފައިވާ ކޯވިޑް ވެކްސިންގެ ފަސް ލައްކަ ޑޯޒް ވެކްސިންގ، އަމިއްލަ ފަރާތަކުން ރާއްޖެއަށް ހަދިޔާ ކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް ސަރުކާރުން ރަޝިޔާގެ ސްޕަޓްނިކް ވެކްސިން ގަންނަނީ ކީއްކުރަންތޯ ސުވާލު އުފައްދައި މިއަދު އޮންލައިން ނޫހެއްގައި ޝާއިޢުކުރި ޚަބަރަކާއި ގުޅިގެން "ރަސް އޮންލައިން" އާ ވާހަކަ ދައްކަވަމުން މިނިސްޓަރ ނަސީމު ވިދާޅުވީ މިފަދަ ހައްސާސް ދަނޅިވަޅެއްގައި، ރައްޔިތުންގެ ސިއްހަތާއި ފުރާނައާއި ގުޅުންހުރި ކަމެއްގައި ބަޔަކު ވެކްސިން ހަދިޔާ ކުރަންދެން ސަރުކާރުން ދެއަތް އުރާލައިގެން ބަލަހައްޓައިގެން ނުތިބޭނެ ކަމަށެވެ. ނަމަވެސް މިފަދަ ދުވަސްވަރެއްގައި މީހަކު ރައްޔިތުންނަށް ދޭ ހަދިޔާއެއް އުފަލާއެކު ސަރުކާރުން ގަބޫލުކުރާނެ ކަމުގައި ވެސް ނަސީމު ވިދާޅުވިއެވެ.

"މިފަފަދަ ހައްސާސް ހާލަތެއްގައި، އަމުދުން ނުތިބޭނެ ދެއްތޯ، ބަޔަކު ހިލޭ އެއްޗެއް ދޭތީ އެއަށް ބަރޯސާވެގެން، ހުއްޓިގެން. އެއްވެސް ހާލެއްގައި އަޅުގަނޑުމެން ބަޔަކުދޭ ހިލޭ އެހީއަކަށް ނޫނެކޭ ބުނަނީއެއް ނޫން. ހިލޭ (ވެކްސިން) ލިބުނަށް އެވެސް ހުންނާނެތާ؟" ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުން ސްޕަޓްނިކް ވެކްސިން ގެންނަނީ ސީދާ ރަޝިޔާގެ ސަރުކާރާ ގުޅިގެން ގަނެގެން ކަމަށެވެ.

"ތިޔަވިދާޅުވާ 500 ހާސް ޑޯޒް ވެކްސިނަށް އިންތިޒާރުކޮށްގެން ދެއަތް އުރާލައިގެން ތިބޭށޭތޯ، ތިޔަވިދާޅުވަނީ؟ ނޫން، ރައީސް ޞާލިޙު ވިދާޅުވިހެން މިހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ހުރިހާ ހަކަތައެއް އަޅުގަނޑުމެން ބޭނުން ކުރާނަން." އަމިއްލަ ފަރާތަކުން ހަދިޔާ ކުރާ ވެކްސިން ހަދިޔާ ކުރަންދެން ސަރުކާރުން ބަލަހައްޓައިގެން ނުތިބޭނެކަން ހާމަކުރަށްވައި "ރަސް އޮންލައިން" އަށް ދެއްވި ބަސްދީގަތުމުގައި މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

"މިހާލަތުގައި ސަރުކާރަށް ކުރެވެން ހުރި ހުރިހާ މަސައްކެތެއް (ވެކްސިން ހޯދަންވެސް)" ކުރާނެ ކަމުގައި މިނިސްޓަރ ނަސީމު ވިދާޅުވިއެވެ. އަދި "ﷲގެ އިރާދަފުޅާއެކު މިސަރުކާރު މިކަމުގައި ހުއްޓިއެއް ނޯންނާނެ" ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަސީމް އިތުރަށް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ތިންވަނަ ފަރާތެއް މެދުވެރިކޮށް އެފަދަ ވެކްސިނެއް އަންނާނެ އެހާ ފަސޭހަ ރާސްތާއެއް އަމާންކޮށް ހުޅުވިފައި އޮވެދާނެ ކަމަށް ގަބޫލުކުރަށްވަންވެސް ދަތި ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން ހިލޭ އެއްޗެއް ދީގެން ނޫނެކޭ ވިދާޅުނުވާނެ ކަމުގައި މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ.

ސީދާ ރަޝިއާގެ ސަރުކާރު މެދުވެރިވެގެން ގަންނަ ސްޕަޓްނިކް ވެކްސިންގެ ދެލައްކަ ޑޯޒް ވެކްސިން ގަތުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސަރުކާރުން ސޮއިކޮށް ވެކްސިން ގެނައުމުގެ މަސައްކަތް ވެސް ފަށާފައެވެ. މިނިސްޓަރ ނަސީމު އެންމެ ފަހުން ވިދާޅުވެފައި ވަނީ އެއްބަސް ވުމުގައި ސޮއިކުރާތާ ހަތަރު ވަރަކަށް ހަފުތާގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަށެވެ. އިމަޖެންސީ ހާލަތުގައި ސްޕަޓްނިކް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ރާއްޖެއިން ދީފައިވަނީ ހުސްވި މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކުރި

03-Jun-2021

ތެދުވާހަކައެއް. ކިރިޔާވެސް އެއްޗެއް ނެގެން އޮތިއްޔާ އެގޮތަކުން އެއްޗެއް ނުނަގައެއް ނުތިބޭނެ. އެޖެންޑާ 19 ތަފާތުވާނެ.


2

ކުރި

04-Jun-2021

ތެދުވާހަކައެއް. ކިރިޔާވެސް އެއްޗެއް ނެގެން އޮތިއްޔާ އެގޮތަކުން އެއްޗެއް ނުނަގައެއް ނުތިބޭނެ. އެޖެންޑާ 19 ތަފާތުވާނެ.



ޓްރެންޑިން