ކުޑަ ކުއްޖާ ނިޔާވި މައްސަލާގައި އެޓެންޑްކުރި މީހުންގެ އިހުމާލު އެބައޮތް ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގައި ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށާއި އެތަހުގީގު ކުރިޔަށްދާ ކަމަށެވެ. އަދި މި ރޭގެ ވަގުތެއްގައި އެހާދިސާ ހިގަދިޔަ ގޮތުގެ ރިޕޯޓް އާންމުކުރައްވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ. މިކަމުގައި އާންމުކުރެވެން ހުރި މައުލޫމާތުތައް އާންމުކުރަމުން ގެންދާނެކަމަށްވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. އެކަމުގައި އިހުމާލުއޮތީ އެޓެންޑު ކުރިމީހުންގެ މައްސަލަ ކަމަށް މިނިސްޓަރ ނަސީމު ވިދާޅުވި ނަމަވެސް އެއީ ކިހާ ހިސާބަކުން އެކަމަށް އެޓެންޑްވި ނުވަތަ އެކަމަށް ޖަވާބުދާރީވެ ހަވާލުވި މީހުންނަކީ ކޮންބައެއް ކަމެއް ކަނޑައެޅިގެން ވިދާޅެއް ނުވެއެވެ. އަދި ތަހުގީގު ނިމުމުން އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ނަސީމް ވަނީ ދެއްވާފައެވެ.

"މިކަހަލަ ތަހުގީގަކީ އެތަށް ބަޔަކު އިންވޯލްވާ ކަމެއް، އިލެކްޓްރޯނިކްސް ކަންތައްތަށް ވެސް ދިމާވެފައި ހުންނާނެ. އެކަންތައްތައް އަޅުގަނޑުމެން ބަލަމުން މިގެންދަނީ މިރޭގެ ނިޔަލަށް އެތަހުގީގު ނިއްމޭނެ އަޅުގަނޑުމެންނަށް. ތަހުގީގު ނިއްމާފައި އެމައުލޫމާތުތައް ހިއްސާކުރާނަން، އެކަން ހިގާފައި އޮތް ގޮތާއި ބެހޭގޮތުން. ވަރަށް ހިތާމަވެރި ހާދިސާއެއް މިޝްކާ ނިޔާވާން ދިމާވި ކަންތައްތަކަކީ. މިދައްކަނީ އިހުމާލުވާ ފަރާތްތަކުގެ ވާހަކަ. މިކަން ރަނގަޅަށް ބަލާފައި ނޫނީ އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅެއް ނާޅަން، އެކަށީގެންވާ ވަރަށް ރަނގަޅަށް ހިތްހަމަޖެހޭ ވަރަށް ބަލާފައި ނޫނިއްޔާ އެކަންްތައް އަޅުގަނޑުމެންނަށް ކުރެވޭކަން ނޯންނާނެ." ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ކުޑަކުއްޖާ ނިޔާވި މައްސަލައިގައި މިނިސްޓަރގެ އިހުމާލެެއް އޮތްތޯ ބަލަމުންދާ ކަމަށާއި އިހުމާލެއް އޮވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި މިހާހިސާބަށް އައި އިރުވެސް ކޮވިޑް-19 ރެސްޕޮންސްގައި އޮތީ އެންމެ 5 އެމްބިއުލާންސް ކަމަށް ނަސީމް ވިދާޅުވިއެވެ.

މިޝްކާގެ އާއިލާއިން ބުނީ ރޭ 9:00 ހާއިރު ކުއްލިއަކަށް މިޝްކާއަށް ނޭވާލާން އުނދަގޫވެ، ނޭފަތުން ލޭ އަންނަން ފެށި ކަމަށެވެ. އަދި ހާލު ގޯސްވުމާއެކުހެން، އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި އެކަން ހިއްސާކުރި ކަމަށާއި އެންބިއުލޭންސް ފޮނުވައިދިނުމަށް އެދުނު ނަމަވެސް ޚިދުމަތް ލިބުނީ ދެގަޑިިއިރަށްވުރެ ފަހުންނެވެ. 9 ޖެހި އިރުން ފެށިގެން ގުޅަމުންއައި ނަމަވެސް އެންބިއުލޭންސްގެ ހިލަމެއްވީ އޭގެ 2 ގަޑިއިރާ 40 މިނިޓު ފަހުން، 11:40 ގައި ކަމަށް އާއިލާއިން ބުނެ އެވެ .އާއިލާއިން ބުނީ އެންބިއުލާންސް އައިއިރު މިޝްކާ އޮތީ ހަބަރު ހުސްވެފައި ކަމަށެވެ. އޭރު އެކުއްޖާގެ ވިންދެއްވެސް ނެތްކަމަށް އާއިލާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން