ހިލޭ ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެ އަމިއްލަ ކުންފުންޏަކުން ހުށަހެޅީ ފޭކު ލިޔުންތަކެއްކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ރޭގައި ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވީ ރަޝިއާގެ ސްޕުޓްނިކް ވެކްސިންގެ ފަސްލައްކަ ޑޯޒް ހަދިޔާކުރުމަށް ޑެލްޓަރ ޝިޕިން ނަމަކަށް ކިޔާ ކުންފުންޏަކުން މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅިކަމަށެވެ. ނަމަވެސް މިހާ ބޮޑު އަދަދެއްގެ ވެކްސިން ހަދިޔާކުރުމަށް ހުށައެޅުމުން، އެކަމުގައި ޝައްކު އުފެދޭ ކަންކަން ފާހަގަކުރެވިގެން ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެކަމުގެ ހަޤީގަތް ބެލިކަމަށް ނަސީމް ވިދާޅުވިއެވެ. އަދި ފޮރިން މިނިސްޓްރީން ބެލިބެލުމުން ހިލޭ ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެ ހުށަހަޅާފައިވަނީ ސައްހަ ނޫން ލިޔެކިޔުންތަކެއްކަން ރަޝިޔާ ސަރުކާރުން ޔަޤީންކޮށްދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން އަންނަނީ ރަޝިޔާގެ ވެކްސިން ރަޝިޔާ ސަރުކާރު މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސީދާ ރަޝިއާގެ ސަރުކާރު މެދުވެރިވެގެން ގަންނަ ސްޕަޓްނިކް ވެކްސިންގެ ދެލައްކަ ޑޯޒް ވެކްސިން ގަތުމުގެ އެއްބަސްވުމުގައި މިހާރު ވަނީ ސަރުކާރުން ސޮއިކޮށް ވެކްސިން ގެނައުމުގެ މަސައްކަތް ވެސް ފަށާފައެވެ. މިނިސްޓަރ ނަސީމު އެންމެ ފަހުން ވިދާޅުވެފައި ވަނީ އެއްބަސް ވުމުގައި ސޮއިކުރާތާ ހަތަރު ވަރަކަށް ހަފުތާގެ ތެރޭގައި ވެކްސިން ލިބޭނެ ކަމަށެވެ.

ރަޝިޔާގެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިނީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން