ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، އޭނާގެ ކުރީގެ އަނބިކަނބަލުންނަށް އަނިޔާ ކުރި ކަމުގެ ތުހުމަތުވާ މައްސަލައިގައި ދައުލަތުން ދައުވާ އުފުލައިފިއެވެ.

އީސައަށް ތުހުމަތު ކުރަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގައިގައި ތަޅައި މާރާމާރީ ހިންގުމާއި ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން މައްސަލަ އެެވެ. އެމައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން ބުނީ، އީސަގެ މައްޗަށް އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާއެއް ދިނުމުގެ ދައުވާ ކަމަށެވެ. އީސަގެ މައްޗަށް އުފުލި ދައުވާގެ ކުށަކީ ޖުނަހްގެ ދެ ވަނަ ދަރަޖައިގެ ކުށެކެވެ. ކުށުގެ އަދަބަކީ، ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.

ގާނޫނު އަސާސީގައި ބުނެފައިވަނީ މެންބަރެއްގެ ގޮނޑި ގެއްލޭނީ އެމީހެއްގެ މައްޗަށް 12 މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފިނަމަ ކަމަށެވެ. އެހެންކަމުން، މި މައްސަލަ އީސަގެ މައްޗަށް ސާބިތުވި ނަމަވެސް، އީސަގެ މެމްބަރު ކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ.

އެމައްސަލައާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަގާމުތަކުން ވެސް އީސަ ސަސްޕެންޑް ކޮށްފައިވާއިރު، އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތައް އޭނާ މީގެ ކުރިން ވަނީ ދޮގުކުރައްވާފައެވެ. އީސަ ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ.

އީސަގެ މައްޗަށް ދައުވާ ކޮށްފައިވާއިރު އޭނާގެ ކުރީގެ އަނބިކަބަލުން ވަނީ އެމައްސަލަ ކުރިއަށް ނުގެންދިޔުމަށް އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން