އަންގާރަ ދުވަހު ނިޔާވި އުމުރުން ދިހަ އަހަރުގެ ފާތުމަތު މިޝްކާ މުހައްމަދަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން ލަސްވި ސަބަބާއި، އެކަމުގައި އިހުމާލުވި މީހުން ދެނެގަންނަން އެކުލަވާލާ ރިޕޯޓްގެ މަސައްކަތް އަދި ނުނިމޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ މިޝްކާ ނިޔާވުމާއި ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި މައްސަލައިގައި ގިނަކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތުނަގަނީ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެެވެ.



"މިމައްސަލައިގައި ގިނަކަންކަން ބަލަންޖެހުމުން މިކަމަށް އިތުރުވަގުތުނަގާ، މަސައްކަތްކުރަމުން މިދަނީ ވީހާވެސް އަވަހަކަށް މި މަސައްކަތް ނިއްމުމަށް." ހެލްތު މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

ރިޕޯޓްގެ މަސައްކަތް އަދި ނިންމާލެވޭ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވިއިރު އިއްޔެ ހެނދުނު ހެލްތު މިނިސްޓަރު ކެރަފާ އަހްމަދު ނަސީމް ވިދާޅުވެފައިވަނީ ރިޕޯޓްގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށެވެ. އިއްޔެ ހަވީރު ރިޕޯޓްގެ މައުލޫމާތު އާއްމު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ނަސީމް މީޑިއާގައި ވަނީ ވިދާޅުވެފައެވެ.

މިޝްކާ ނިޔާވީ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ރޭ މެންދަމު 12:10 އެހާކަންހާއިރެވެ. މެއި މަހުގެ 31 ވަނަ ދުވަހުގެރޭ، އޭނާގެ ހާލު ދެރަވެ އެމްބިއުލާންސަށް ގުޅުމުން، އެމްބިއުލާންސް އައީ 2 ގަޑިއިރާ 30 މިނިޓް ފަހުން ކަމަށް އާއިލާއިން ބުނެއެވެ. އާއިލާއިން ބުނީ ހޮސްޕިޓަލަށް ގެންދެވުނުއިރު މިޝްކާއަށް ހާޓް އެޓޭކެއް ޖެހިފައި ވާކަމަށާއި، އިންޓާނަލް ބްލީޑިން އަކަށް ގޮސްފައި ވާކަމަށެވެ. އެކުއްޖާ ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން