ވަކި ވަކި ސިފައިންގެ ނިންމުންތައް ފޮރުވަން އެއްވެސް ފަރާތަކުން މަސައްކަތްކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީއަށް ސިފައިން ހާޒިރުކުރަން އުޅުމުން، ވަކި ވަކި ސިފައިން މަޖިލީހަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހުން ބުނުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިފައިންގެ ވަކި މީހަކު ކަންކުރި ފުރިހަމަ ގޮތް ގެއްލުވާލުމަށް ސިފައިންގެ އިސްވެރިން އެއްވެސް ނިންމުމެއް ނިންމައިގެން ނުވާނެކަމަށެވެ. އަދި އެމަނިކުފާނަށް ހަމަލާދިން ވަގުތު ކައިރީގައި ތިބީ މޮޅު ބޮޑީގާޑުންކަމަށާއި، "އެކުދިންނަށް" ބަސް ނުބުނެވޭ ގޮތަށް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭ އިންސާފެއްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.



އެމްއެންޑީފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކަށް ކޮންމެ މީހަކަށް އަދި ކޮންމެ މުއައްސަސާއަކުން ހާޒިރުވެ ހެކިބަސް ދިނުމާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގިދާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެއާއެކު، ކޮންމެ މީހަކާއި ކޮންމެ މުއައްސަސާއަކާ ކުރާ ސުވާލަށް އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންޖެހޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންނަމަވެސް ސަލާމަތީ ކޮންމެ ހިދުމަތެއް ހިންގަން ވާނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ބެލުމުގެ ދަށުން ކަމާއި އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ކޮންމެ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާތީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށް ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ ސިފައިންގެ އަސްކަރީ ހައިރާކީއާއި "ޗެއިން އޮފް ކޮމާންޑު" އަދި "ކޮމާންޑު އެންޑް ކޮންޓްރޯލް" އަދި އެ މުއައްސަސާގެ ތެރޭގައި ޒަމާނުއްސުރެ ގާއިމްވެފައިވާ އުސޫލުތަކާ ހިލާފުކަމެއްކަމަށް އެބަޔާނުގައި ފާހަގަކޮށްފައިވެއެެވެ.

މިކަމުގެ ސަބަބުން މުޅި ގައުމީ ދިފާއީ ބާރާއި އެ ބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑު އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އަދި މި ކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަަމަށް އެމްއެންޑީއެފުން ބުނެ އެެވެ.

އެމްއެންޑީއެފުން ބުނީ، އެއީ ސިފައިންގެ ލަފާދޭ މަޖިލީހުގެ ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. ގައުމީ ދިފާއީ ބާރުގެ ބަޔާނުގައި ބުނެފައިވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ހާމަކުރުމަކީ ކުށެއް ކަމަށެވެ. އެ ކަންކަމުގެ އިތުރުން، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާ ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުއާމަލާތްކުރުމުގެ އިހުތިޔާރު ސިފައިންގެ އާއްމު ގަވައިދުން ނުލިބޭ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

"ވީމާ، ސިފައިންގެ ކޮމާންޑު އެންޑް ކޮންޓްރޯލާއި ޗެއިން އޮފް ކޮމާންޑުގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ސިފައިން، އެ މީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާ މެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މި މުއައްސަސާގެ ފަރާތުން ކަމުގައި ދެކެމެވެ. ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ބެހޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްުޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ އެ މައުލޫމާތެއް ވެސް މި މުއައްސަސާއިން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ." އެމްއެންޑީއެފްގެ ބަޔާން ނިއްމާލަމުން ބުނެފައިވެއެވެ.

ހުސްވި މެއި މަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސަލާމަތީ ކަންކަން ފޫއަޅުވާލާފައިވާ ގޮތް މަޖިލީހުގެ 241 ކޮމިޓީން ގެންދަނީ ބަލަމުންނެވެ. މި ހަމަލާއާއި ގުޅިގެން ވަކިވަކި ސިފައިންނަށާއި ދިފާއީ ވަޒީރަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރަމުން ގެންދާއިރު ސިފައިންގެ ވަކިވަކި އޮފިސަރުން ކޮމިޓީއަށް ހާޒިރުކޮށްގެން ވެސް މައްސަލަ ބަލާނެ ކަމަށް ކޮމިޓީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-5

އިބްރާހިމް

05-Jun-2021

ކަނޑުކޮހަކު ގެންގޮސް މަޖިލީހުގެ ރައީސްކަމަށް އެރުވީމާ ވާނެ ހައެތި މިވަނީ



ޓްރެންޑިން