ކޯވިޑާއި ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެމެރިކާ ސަރުކާރުން ރާއްޖެއަށް ލައްކައަކަށްވުރެގިނަ ޑޮލަރުގެ މެޑިކަލް ސާމާނު ހަދިޔާކޮށްފިއެވެ.

އެމެރިކާއިން ރާއްޖެއިން ހަދިޔާކުރި މެޑިކަލް ސާމާނުގެ އަގު 124,671 ޑޮލަރަށް އަރާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.



އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި މެޑިކަލް ސާމާނު ރަމްޒީކޮށް ހަވާލުކުރުމަށް މިއަދު ވަނީ އޮންލައިންކޮށް ރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު، އެމެރިކާ އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަން މާޓިން ކެލީ ބައިވެރިވެވަޑައިގަތެވެ. މިބޭފުޅުންގެ އިތުރުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހު މާހިރާއި، ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލެޓަރަލް ޑރ. ހާލާ ހަމީދާއި، ފޮރިން މިނިސްޓްރީއާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަތެވެ.

އެމެރިކާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި އެއްލައްކަ އަށްޑިހަ ހާހެއްހާ ޕީޕީއީއާއި 600 ޕަލްސް އޮކްސިމީޓަރު ހިމެނެއެވެ. އެމެރިކާއިން ފޯރުކޮށްދޭ އެހީގެ ސާމަނަކީ ޔޫ.އެސް. އެއިޑްގެ ދަށުން ފޯރުކޮށްދޭ ކުއްލި ޙާލަތްތަކުގައި ބޭނުންކުރާނެ ޞިއްޙީ ސާމާނެވެ.



ކޯވިޑުން އަރައިގަތުމަށް ކުރާ މަސައްކަތަށް އެމެރިކާއިން ރާއްޖެއަށް މިހާތަނަށް ވަނީ 9.1 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މީގެއިތުރުން އެމެރިކާއިން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމަނާފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް 7 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެކަމަށް އެމެރިކާއިން އިއުލާނުކޮށްފައިވާ ކަމަށެވެ.

އެމެރިކާއިން ވެކްސިންގެ އެހީ ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވައި ރައީސް ސޯލިހު ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށާއި އެމެރިކާގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކޮވިޑް-19ގެ މިހާލަތުގައި އެމެރިކާއިން ވެދޭ މި އެހީތެރިކަމަށް ރާއްޖެއިން މަރުހަބާކިޔާ ކަމަށް އެމަނިކުފާނު، ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން