މިޝްކާ މުހައްމަދު
މިޝްކާ މުހައްމަދު
އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދު ކޮވިޑް ބަލީގައި ހާލު ބޮޑުވެ ނިޔާވުމުގެ ކުރިން ހޮސްޕިޓަލަށް ނުގެންދެވުނު މައްސަލަައިގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ހެލްތު މިނިސްޓްރީން ހެދި ރިވިއު އިން ހާމަވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ހެދި ރިވިއުގައި ބުނެފައިވަނީ މިޝްކާ ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ މިދިޔަ މަހު 28 ވަނަ ދުވަހު ނެގި ސާމްޕަލަކުން ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވްކަން އަންގާއިރު، އެ މީހަކު ޑޮކްޓަރެއްގެ ލަފާ ހޯދަން ބޭނުންވޭތޯ ބަލަން އޮންނަ އުސޫލުން އެފަދަ ކަމެއް ބޭނުންތޯ އެހުމުން މިޝްކާގެ ބެލެނިވެރިން ޑޮކްޓަރަަށް ދައްކަން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށާއި އެކަމަކު ޖެހިގެން އައި ދުވަސްތަކުގައި އެކަން ކޮށްދެވިފައި ނެތްކަން، ކަންހިނގި ގޮތުގެ ރިވިއުގައި ބުނެފައިވެއެެވެ. އަދި ޑޮކްޓަރަށް ދައްކަން ބޭނުންވާކަން، ކޮންޓެކްޓް ޓްރޭސިން ޓީމުން މައުލޫމާތު ޝީޓުގައި ރެކޯޑްކޮށްފައި ވިޔަސް އެ މައުލޫމާތު، އޮންނަ އުސޫލުން ސިސްޓަމަށް އަޅާފައި ނުވާ ކަމަށާއި 15 އަހަރުން ދަށުގެ ކުދިންނަށް ކޮންމެ ދުވަހަކު ގުޅައި ހާލު ބަަލަން އޮންނަ އުސޫލުން އެކަން ވެސް ފުރިހަމަކޮށްފައި ނުވާކަން ރިވިއުގައި ފާހަގަކޮށްފައިވެއެވެ.

މިޝްކާގެ ސިއްހީ ހާލަތު ގޯސްވާން ފެށުމުން އެންމެ ފުރަތަމަ ކޯލް ސެންޓަރަށް ގުޅާފައިވަނީ، ހެލްތު މިނިސްޓްރީގެ ރިވިއުގައި ބުނާގޮތުން މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ މެންދުރު ފަހު 2:20 ގަ އެވެ. އެއީ ހުން ގަދަވެ ނުކެވުމާއި ކެއްސައި ވަރުބަލިވާތީ އެކަން އެންގުމަށް ކުރި ކޯލެެއް ކަމަށާއި، އެ މައުލޫމާތު ކޯލް ސެންޓަރުން ސިސްޓަމަށް އަޅައި ޓިކެޓް ރެއިޒްކުރުމުން ޑޮކްޓަރެއް ގުޅައި، އެ ވަގުތު ގޭގައި ދެމުން ގެންދިޔަ ބޭސް ކުރިއަށް ގެންދިއުމަށް ލަފާ ދިންކަން ރިވިއުއިން އެގެއެވެ.

އެހެން ނަމަވެސް ހަމަ އެ ރޭ އަނެއްކާވެސް ހާލު އިތުރަށް ގޯސްވެގެން، 9:06 ގައި ކޯލް ސެންޓަރަށް ގުޅައި މިޝްކާއަށް ނޭވާލާން އުނދަގޫވެގެން އަތް ތަޅުވާހަދާ ކަމަށް ރިވިއުގައި ބުނެ އެެވެ. އަދި ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާ ކަމަށް ބުނި ކަމަށް ރިވިއުގައިވެއެވެ. އާއިލާއިން ދިން މި މައުލޫމާތާ ގުޅިގެން ހަމަ އެ ރޭ 9:53 ގައި ޑޮކްޓަރަކު މިޝްކާގެ ބެލެނިވެރިޔާއަށް ގުޅި ކަމަށާއި އެކަމަކު ފޯނަށް ޖަވާބު ދީފައި ނުވާއިރު އެ ކޯލް މިސްވުމުން ބެލެނިވެރިޔާ އަނެއްކާވެސް 10:06 ގައި ކޯލް ސެންޓަރަށް އަލުން ގުޅުމުން ޑޮކްޓަރު އަލުން ގުޅައި ކުއްޖާގެ ހާލަތު އޮޅުންފިލުވި ކަމަށް ރިވިއުގައި ބުނެ އެވެ.

އެރޭގެ ކޯލަށް ފަހު ބެލެނިވެރިޔާ ވަނީ މިޝްކާއަށް ނޭވާލާން އުނދަގޫވާތީ އުޅޭތާ އެއް ދުވަސް ވެއްޖެ ކަމަށާއި ހިކިކޮށް ކެއްސާތާ ދެ ދުވަސް ވެއްޖެ ކަމަށާއި ހުން އަންނަތާ ހަ ދުވަސް ވެފައިވާ ކަމަށް ރިވިއުގައި ބުނެފައިވެ އެވެ. އަދި މިޝްކާ އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމާއި ދާއިމީކޮށް ކާންޖެހޭ ބޭސް އެބަހުރި ކަމަށާއި ތެރަޕީ ނަގާކަމާއި އެއީ، ވާ އުނދަގޫތައް އަމިއްލައަށް ކިޔައިދޭން ނޭނގޭ ކުއްޖެއްކަން ވެސް ޑޮކްޓަރު ގާތު ބުނެފައިވާއިރު އެ މައުލޫމާތު ޑޮކްޓަރު ހުރީ ނޯޓްކޮށްފައި ކަމަށް ރިވިއުގައިވެއެވެ. ރިވިއުގައި ބުނެފައިވަނީ އެރޭ 10:39 ގައި ޑޮކްޓަރު ވަނީ މި މައުލޫމާތު ފޮނުވަންޖެހޭ "ސީމެޓް" އަށް ފޮނުވައި އަދި އެމްބިއުލާންސް އެކްޓިވޭޓް އެކްޓިވޭޓް ކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓާ ކަމަށްވާ ޑީއެމްއާރްޓީ އަދި ސީމެޓަށްވެސް ފޮނުވައިފައިވީ ނަމަވެސް އެމްބިއުލާންސް ދާން އަންގާފައި ނުވާ ކަމަށެވެ.

އެރޭ 11:16 އާއި 11:33 އާ ދެމެދު ބެލެނިވެރިން ކޯލް ސެންޓަރަށް ފަސް ފަހަރު ގުޅައިފައިވާއިރު އަދި އެއިން އެއް ކޯލްގައި ކުއްޖާގެ ހާލު ދަށްވަމުންދާ ކަމަށާއި ހޭނެތި ނޭފަތުން ލޭ އަންނަ ކަމަށް ވެސް ބުނެފައިވާކަން ރިވިއުގައި ބުނެފައިވެއެވެ. މި ކޯލްތަކުގައި ކުއްޖާ ބަލައި ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެމްބިއުލާންސް އައިސްފައި ނުވާ ކަމަށް ބުނެފައިވެއެވެ. އަދި އެމްބިއުލާންސް އައުން ލަސްވާ ކަމަށް ބެލެނިވެރިޔާ ބުނެފައިވާ ކަމަށް ވެސް ރިވިއުގައި ބުނެފައި ވެއެވެ. އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ކޯލް ސެންޓަރުގެ ފަރާތުން ބުނެފައިވީ ނަމަވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާ ކަމަށް ކޮވިޑް ބަލީގައި ރާއްޖޭން މަރުވި ފުރަތަމަ ކުޑަކުއްޖާއަށް މެދުވެރިވި ގޮތާ ބެހޭ ގޮތުން ހެދި ރިވިއުގައި ބުނެފައި ވެއެވެ.

އެމްބިއުލާންސް މާބޮޑަށް ލަސްވާތީ އެންމެ ފަހުން އެރޭ 11:27 ގައި، އެޗްއީއޯސީ ހިންގާ، ދަރުބާރުގެއަށް އާއިލާގެ ފަރާތުން މީހަކު ފޮނުވިކަމަށް ވެސް ރިވިއުގައި ބުނެ އެވެ. އެމްބިއުލާންސް ފޮނުވީ އޭގެ ފަހުން ކަމަށާއި، އެމްބިއުލާންސަށް ގޭދޮށަށް ދެވުނުއިރު 11:38 ކަމަށް ރިވިއުގައި ބުުނެފައިވެއެވެ. ރިވިއުއިން އެގޭގޮތުގައި އޭރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. އެހެންވެ ވަގުތުން ސީޕީއާރް ދޭން ފެށި ކަމަށާއި އަދި 11:42 ގައި އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ ކަމަށް ރިވިއުގައި ވަނީ ބުނެފައެވެ. މިޝްކާ ނިޔާވީ އީއާރްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް އެ ރިވިއުގައި ވެއެވެ.

އުމުރުން 10 އަހަރުގެ ވިޝްކާގެ މަރާ ގުޅިގެން ހަދާފައިވާ މި ރިވިއުއިން އެނގެނީ މި މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމާއި ގިނަ ބައެއްގެ އިހުމާލު މިކަމުގައި ވާކަމެވެ. އަދި މުޅި ނިޒާމު ވަރަށް ބޮޑަށް ފެއިލްވެފައިވާކަންވެސް މި ރިވިއުއިން ހާމަވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން