ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއި ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން ހިންގާ ހަރަކާތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިއުމަށްޓަކައި "ޓޫރިޒަމް ގޯލްޑަންޖުބްލީ ސްޓިއަރިންގ ކޮމިޓީ" ޓޫރިޒަމް މިނިސްޓްރީން އެކުލަވާއިލައްވައިފިއެވެ.

މިކޮމިޓީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އަހަރު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ހިންގާ ހަރަކާތްތައް ވިލަރެސްކުރުމާއި ޓޫރިޒަމް އިންޑަސްޓްރީއާއި މިއިންޑަސްޓްރީ އާއި ގުޅިލާމެހިފައިވާ އެހެންފަރާތްތަކުގެ ބައިވެރިވުން އޮންނަ ގޮތަށް ރާއްޖޭގެ ސިޓީތަކާއި، އަތޮޅުތަކުގައި ތަފާތު ހަރަކާތައް އިންތިޒާމްކޮށް ކުރިއަށް ގެންދިއުމެވެ.

މިކޮމިޓީގެ ފުރަތަމަ ބައްދަލުވުގައި ގޯލްޑަންޖުބްލީ ފާހަގަކުރުމަށް ކުރިއަށްގެންދަން ގަސްދުކުރާ އެކްޓިވިޓީ ކަލަންޑަރާއި ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. އަދި ގޯލްޑަން ޖުބްލީގެ މައިގަނޑު ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ހަރަކާތައް ހިންގުމަށް ބޭނުންވާ ބަޖެޓާއި އިންތިޒާމުތަކާއި ގުޅޭގޮތުން ޚިޔާލާއި މަޝްވަރާ ބަދަލު ކުރެއްވުނެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ޖަމްއިއްޔާތަކުގެ މަޝްވަރާއާއި އެކު އެކުލަވާލި 11 މެމްބަރުންގެ "ޓޫރިޒަމް ގޯލްޑަންޖުބްލީ ސްޓިއަރިންގ ކޮމިޓީ" ގައި ކޮމެޓީގެ ޗެއަރ މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިތުރުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މޯލްޑިވްސް ގެސްޓްހައުސް އެސޯސިއޭޝަން، ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް އެލަޔަންސް އޮފް ޑައިވް އޮޕަރޭޓަރސް، މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް، ޗެފްސް ގިލްޑް އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި މިނިސްޓްރީ އޮފް ހޯމްއެފެއަރޒް، ތަމްސީލުކުރައްވާ މެންބަރުން ހިމެނެވެ.

"ޓޫރިޒަމް ގޯލްޑަންޖުބްލީ ސްޓިއަރިންގ ކޮމިޓީ"ގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްއިންނެވެ.

ޓޫރިޒަމް ގޯލްޑަން ޖުބްލީއަށް ތައްޔާރުވުމަށް ޚާއްޞަ ޓާސްކްފޯހެއްވެސް މިހާރުވަނީ މިނިސްޓްރީ އޮފް ޓޫރިޒަމްގައި އެކުލަވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން