ތ. ތިމަރަފުށީ ސްކޫލެއްގައި އައިއީޑީއެއް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 8 މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ 8 މީހުންގެ މައްޗަށް ދައުވާކުރުމަށް، ކްރިމިނަލް ކޯޓަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި ހަމަ އެމަހު ޝަރީއަތުގެ އަޑުއެހުންތައް ފަށާފައިވާއިރު، މާދަމާގެ އަޑުއެހުން އޮންނާނީ ހެނދުނު 10:00 ޖަހާއިރުއެވެ.

ޕީޖީ އޮފީހުން އެމީހުންގެ މައްޗަށް ތުހުމަތުކުރަނީ އައިއީޑީއެއް ތައްޔާރުކުރުމަށްފަހު އެ ގޮއްވާލައި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީންތައް ހަދަމުންދިޔުމެވެ. އެގޮތުން ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ލެބެއް ގޮއްވާލަން ރޭވި ކަމުގައި ތުހުމަތު މިމީހުންގެ މައްޗަށް ކުރެއެވެ.

މި މައްސަލައިގައި ޕީޖީން، ދައުވާ ކުރާ މީހުންނަކީ ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދު، ރ. ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދު، ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދު، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠު، ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފް، ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒު އަދި ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރަށެވެ.

މިމީހުންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ނިރުބަވެރި އަމަލެއް ހިންގުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާއާއި ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން